61 ރަށެއްގެ އައުޓްޑޯ ޖިމުގެ ސާމާނު ހޯދަން ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްފި

61 ރަށެއްގެ އައުޓްޑޯރ ޖިމުގެ ސާމާނު ސަޕްލައި ކޮށްދިނުމަށް ސްޕޯޓްސް ކޯޕަރޭޝަނާއި ހަވާލު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު ސޮއިކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަހްމަދު (މާއްޓޭ) އެވެ.

61 ރަށެއްގެ އައުޓްޑޯރ ޖިމުގެ ސާމާނު ސަޕްލައި ކޮށްދިނުމަށް ސްޕޯޓްސް ކޯޕަރޭޝަނާއި ހަވާލު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ނިންމަން ޖެހޭއިރު މި މަސައްކަތަށް ގާތްގަނޑަކަށް 8.8 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ބެލެވޭ އިރު ޖިމުތަކުގެ ހުރިހާ މަސައްކަތް އެކީ އެކައްޗަކަށް ނިމޭ އިރު އިތުރު 20 ވަރަކަށް މިލިއަން ހަރުވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ ޖިމްތަކެކެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މި ގެނެވޭ ޖިމް ތަކަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގަންނަ ތަންތަނަށް ވުން ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތު ކަމުގައިވާ ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް މި މަސައްކަތުގެ ސަަބަބުން ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިހާތަނަށް 60 ރަށެއްގައި ސްޕޯޓްސް ކައުންސިލަރުން އެބަ ތިބިކަމާއި އިތުރު 100 ރަށެއްގެ ކައުންސިލަރުން ހޮވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަން މަހްލޫފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާއްޓޭ ވިދާޅުވީ މިއަދަކީ ސްޕޯޓްސް ކޯޕަރޭޝަނުގެ ތާރީހުގައި ވެސް ހާއްސަ ދުވަހެއް ކަމަށެވެ. ސަބަބަކީ އެ ކޯޕަރޭޝަން އުފެދިގެން އައިސް މިއަދުގެ މި އެއްބަސްވުމަކީ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވޭ ފުރަތަމަ ވިޔަފާރީގެ އެއްބަސްވުން ކަމަށް މާއްޓޭ ވަނީ ބުނެފަ އެވެ.

އަދި އެއްބަސް ވެވުނު ތާރީހަށް މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި އެ ކޯޕަރޭޝަނުގެ އެންމެ ބޮޑު ފޯކަސް އަކީ ކުރިއަށް އޮތް އައިއޯއައިޖީގެ މުބާރާތްތަކުގެ އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން ކަމަށް މާއްޓޭ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް