ވެމްކޯގެ މުވައްޒަފަކަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

ވެމްކޯ މުވައްޒަފަކާމެދު މާރާމާރީ ހިންގާ ވީޑިއޯގެ ސްކްރީންޝޮޓެއް: ޝައްކު ކުރެވޭ މީހާ ވަނީ މިހާރު ހައްޔަރު ކޮށްފައި ---

ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ މީހާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހޯދައިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު އަމިއްލައަށް ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެފައިވާ ކަމަށެވެ.

އުމުރުން 32 އަހަރުގެ ދިވެހި އެ މީހާ މިހާރު ވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ކުނި ނެގުމުގެ މަސައްކަތުގައި އުޅޭ ވެމްކޯގެ އެ މުވައްޒަފަށް މީހަކު ހަމަލާ ދިނީ އޭނާ ޑިއުޓީއަށް ނިކުންނަން ދިޔަ މަގުމަތީގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެންނަނީ ކުނި ނެގުމުގައި ހަރަކާތްތެރިވި ވެމްކޯގެ މުވައްޒަފަކަށް ކަށިމާހިނގުމުގައި ހުންނަ ގެއެއްގެ ކުރިމަތީގައި އެސްލޯނު ހޮޅިއަކުން މީހަކު ހަމަލާދޭ މަންޒަރެވެ. އަދި އެ މީހާ ވަނީ މުވައްޒަފާ ދިމާލަށް ހުތުރު އެއްޗިހި ވެސް ކިޔައިފަ އެވެ. އަދި އެސްލޯނު ހޮޅިބުރިންނާއި އަތުން މީހާގެ ބޮލާއި ކަނދުރާގައި ޖަހާތަން ވީޑިއޯ އިން ފެނެ އެވެ.

comment ކޮމެންޓް