އަބުހަރީ ގްރޭންޑް: އައްޑޫގެ ޗުއްޓީއަށް އަރާމުކަން

މިއީ އެއްވެސް ހާލެއްގައި ގެސްޓްހައުސެއް އެޅުމަށްޓަކައި ހެދި އިމާރާތެއް ނޫނެވެ. އައްޑޫގެ ވިޔަފާރިވެރިޔާ އަބްދުﷲ ޒުހައިރު، ހިތަދޫ ލިންކުރޯޑުގައި މި އިމާރާތް ބިނާކުރީ ދިރިއުޅުމަށްޓަކައި ފެންވަރު ރަނގަޅު، ބޮޑު ގެއެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް 2011 ވަނަ އަހަރު އޭރުގެ ސަރުކާރުގެ ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތު ތަންފީޒުކުރަން ފަށައި، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ޕްރޮޕަޓީ އެޅުމުގެ ހުއްދަ ދިނުމާއެކު ޒުހައިރުގެ ޕްލޭނު ބަދަލުކޮށްލި އެވެ.

"2011 ސަރުކާރުގެ ގެސްޓްހައުސްގެ ޕްލޭނުތަކުގެ ވާހަކަ ދެކެވެން ފެށީމާ، އަޅުގަނޑު ހިތަށް އެރީ އެ ގެ ބަދަލުކުރާނީ ގެސްޓްހައުސަކަށޭ. ދެން އެ ޚިޔާލާއެކު މިތަނުގެ ސްޓްރަކްޗާއަށްވެސް ބަދަލުތަކެއް ގެނެސްގެން މިގޮތަށް ހެދީ،" ފެންވަރު ރަނގަޅު 15 ކޮޓަރި ހުންނަ އަބުހަރީ ގްރޭންޑް ގެސްޓްހައުސްގެ ފެށުމަކީ މިއީ އެވެ.

ބައްޕަގެ އެހީތެރިކަމާއެކު ވިޔަފާރީގެ ތެރެއަށް ވަން ޒުހައިރު، އޭނާގެ ވިޔަފާރިތަކަށް ނަން ދީފައިވަނީ މައިންބަފައިންގެ ގޯތި، އަބުހަރީގޭގެ ޝަރަފުގަ އެވެ. އެ ވިޔަފާރިތައް ފުޅާވެ، ބޮޑުވުމާއެކު ޒުހައިރު މަޝްހޫރުވީ "އަބުހަރީ ޒުހައިރު"ގެ ނަމުންނެވެ. އެގޮތުގެ މަތިން އޭނާގެ ގެސްޓްހައުސަށްވެސް އަބުހަރީ ގްރޭންޑްގެ ނަން ދީ، އެ ވިޔަފާރިވެސް ހުށިޔާރުކަމާއެކު ފަށައިގަތީ އެވެ.

އަބުހަރީ ގްރޭންޑުގެ ހިތްގައިމުކަން ގުޅިފައިވަނީ އެތަނުގެ ޗާލު އަދި ފެންވަރު ރަނގަޅު ކޮޓަރިތަކާއި ގެސްޓުންނާ ނުހަނު ގާތުން ދޭ ހިދުމަތާ އެވެ. ޒުހައިރުގެ ވިސްނުން ހުރީ ހިދުމަތް އިތުރަށް ފުޅާވެސް ކުރުމަށެވެ. ގްރައުންޑް ފްލޯގައި އަރާމު ލޮބީއެއް ހުރުމުގެ އިތުރުން ގެސްޓުން ތިބޭ ރޫމްތައް ހުންނަ އިރު، ފުރަތަމަ އަދި ދެވަނަ ފްލޯގައިވެސް އެކި ސައިޒުގެ ކޮޓަރި ހުރެއެވެ. ކޮންމެ ރޫމެއްގައިވެސް ތާޒާ ވައި ޖައްސާލެވޭނެ ގޮތަކަށް ބެލްކަނީއެއް ހުރެ އެވެ. އަދި ކޮންމެ ފްލޯއެއްގައިވެސް ސިޓިން ރޫމެއް ފަދައިން ސޯފާއާއި މޭޒާއެކު ކޮމަން އޭރިއާއެއް ހުރެ އެވެ.

އަބުހަރީ ގްރޭންޑުގެ ފަރާތުން ފަރާތުން ގިނަ ހަރަކާތްތަކެއް ގެސްޓުންނަށް ހިންގައިދެ އެވެ. އޭގެ ތެރޭގައި ސްނޯކްލިން ނުވަތަ ޑައިވިންއަށް ދާން ބޭނުންވާ މީހުންނަށް އެކަންކަން ފަހިކޮށްދިނުން، އެހެން ރަށްރަށް ބަލައިލަން ދިއުން ފަދަ ކަންކަން ހިމެނެއެވެ.

އަބުހަރީގެ ކޮލިޓީއާއި، ލިބިފައިވާ އިތުބާރުގެ އެއް ހެއްކަކީ އައްޑުއަށް ޒިޔާރަތްކުރާ ބައެއް އިސް ބޭފުޅުންނާއި މުހިންމު ވަފުދުތަކުން މަޑުކުރުމަށް ހިޔާރުކުރާ ހިޔާވައްސަކީ އެއީ ކަމުގައި ވުމެވެ.

ޒުހައިރުގެ ވިސްނުންފުޅުގައި ހުރީ ގެސްޓްހައުސްގެ ޚިދުމަތްތައް އަދިވެސް ތަފާތުކޮށްލައި، މެހެމާނުންގެ އިތުބާރުގައި ބާރަށް ހިފަހައްޓާށެވެ.

"އައްޑޫއަށް އައިސް ޓޫރިސްޓުން ހޭދަކުރާ ދުވަސްތަކުގައި ބޭނުންވޭ ބީޗަށް ދާން. އެކަހަލަ ރަނގަޅު ބީޗެއް ނެތްކަމުގެ ޝަކުވާ ފުދޭވަރަކަށް ކުރޭ. އެހެންވެ އެހެންވެ މިތާ ތެރެއިން ޕޫލެއް އޮތުމަކީ ގެސްޓުންނަށް ހިތްހަމަޖެހުމެއް ކަމަށް ފެނޭ. ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަން ފެށިގެން ދާނެ،" އަބުހަރީ ޒުހައިރުގެ ގެސްޓްހައުސްގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ޕްލޭނުގައި ހުރި އެންމެ ބޮޑު އެއް ކަންތަކުގެ ވާހަކަ ކިޔައިދެއްވިއެވެ.

މީގެ އިތުރުން އަބުހަރީ ގްރޭންޑުގައި އިންހައުސް ރެސްޓޯރަންޓެއް ހެދުންވެސް ޒުހައިރުގެ ޕްލޭންގައި އެބަ އޮތެވެ. މި މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

comment ކޮމެންޓް