އިންޑިއާއާއި ޕާކިސްތާނު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ބޮޑު ޒުވާބަކަށް

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ސަމިޓުގައި ޕާކިސްތާނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ގާސިމް ޚާން ސޫރީ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ ސަމިޓުގައި، ޕާކިސްތާނާއި އިންޑިއާއިން ކަޝްމީރު މައްސަލައިގައި ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ބަދަލުކޮށްފިއެވެ.

މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ނައިބު ރައީސް މުހައްމަދު ގާސިމް ޚާން ސޫރީ ވިދާޅުވީ އަމަން އަމާންކަން ދެމެހެއްޓުމުގެ ވާހަކަ ދައްކާނަމަ ފަލަސްތީނުގައި ތިބި މުސްލިމުންނާއި، ރޮހިންގާ މުސްލިމުންނާއި ކަޝްމީރު ރައްޔިތުންގެ ހާލަތު ނުފެންނަ ކަމަށް ނުހެދޭނެ ކަމަށެވެ.

އަދި ކަޝްމީރުގައި ތިބި މުސްލިމުން ތިބީ ހައްދެއް ނެތް އަނިޔާގެ ޝިކާރައަކަށް ވެފައި ކަމަށް ގާސިމް ވިދާޅުވިއެވެ.

ސޫރީގެ ވާހަކައިގައި ކަޝްމީރު ރައްޔިތުންގެ ހައްގުތަކާ ގުޅިގެން ވާހަކަދައްކަން ފެށުމާއެކު އިންޑިއާއިން ވަނީ ނިޒާމީ ނުކުތާއެއް ނަގައިފައެވެ. އަދި ރިޔާސަތުން ވަނީ ގާސިމްގެ ވާހަކަ ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ގާސިމް ވަނީ ވާހަކަ މެދުކަނޑާނުލައި ކުރިއަށް ވަޑައިގެންފައެވެ.

ގާސިމް ވާހަކަ ހުއްޓާނުލައި ކުރިއަށް ވަޑައިގަތުމުން، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގާސިމް ހުއްޓުވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފައެވެ. އަދި ނަޝީދާ އެކު ރިޔާސަތުގައި އިންނެވި އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮން ވެސް ވަނީ ވާހަކަ މެދުކަނޑާލެއްވުމަށް ގާސިމްގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

ގާސިމްގެ ވާހަކަ މެދުކަނޑާލެއްވީ ނަޝީދު ވަރަށް ބާރަށް ވިދާޅުވުމުންނެވެ. ގާސިމްގެ ވާހަކަ ހުއްޓުވާލުމަށް ފަހު އިންޑިއާއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ލޯކް ސަބާގެ ރައީސް އޯމް ބިރްލާ ވިދާޅުވީ އެއީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށާއި، މިހާރު ކުރިއަށްދާ ސަމިޓުގައި ޕާކިސްތާނުން އެވާހަކަ ދެއްކުމާ އިންޑިއާއިން ކަނޑައެޅިގެން ދެކޮޅު ކަމަށެވެ.

އަދި އެއީ ސަމިޓުގެ މައުޟޫއާ އެއްވެސް ވަރަކަށް ގުޅުން ނެތް ވާހަކައެއް ކަމަށް ވެސް ބިރްލާ ވިދާޅުވިއެވެ. އެގޮތުން މި ފޯރަމަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާ ފޯރަމެއް ކަމަށާއި، މިފަދަ ފޯރަމެއްގައި އެވާހަކަ ދެއްކޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޕާކިސްތާނުން ދެއްކި ވާހަކަ ރިކޯޑުން ފުހެލުމަށް ވެސް އިންޑިއާއިން ވަނީ އެދިފައެވެ.

އެހިސާބުން ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަ ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. މެމްބަރު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ އެއްވެސް ލަނޑުދަނޑިއެއް ހާސިލުކުރެވޭނީ އެންމެ ފުރަތަމަ އިންސާނީ ހައްގުތައް ކަށަވަރު ކޮށްދީގެން ކަމަށެވެ.

ނޫން ނަމަ، ލަނޑުދަނޑިތައް ހާސިލްކޮށް އެކަންކަން ތަންފީޒުކުރާނީ ހުސް ބިމަކަށްތޯ އެ މެމްބަރު ވަނީ ސުވާލު އުފައްދަވައިފައެވެ. އެހެންކަމުން ކަޝްމީރުގެ މައްސަލައަކީ ސަމިޓާ ސީދާ ގުޅުންހުރި މައްސަލައެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރުގެ ވާހަކައާއެކު މަޖިލީހުގެ ތަޅުމުގައި އަނެއްކާވެސް އިންޑިއާއާއި ޕާކިސްތާނުން ބަހުގެ ހަމަލާތަކެއް ދޭން ފެށިއެވެ. ނަމަވެސް ނަޝީދު، ޕާކިސްތާނުގެ ޑެޕިއުޓީ ސްޕީކާއަށް ވާހަކަ ނިންމުމަށް ފުރުސަތު ދެއްވިއެވެ.

ގާސިމްގެ ވާހަކައަށްފަހު އިންޑިއާ އަދި ޕާކިސްތާނުން އަނެއްކާވެސް ނިޒާމީ ނުކުތާ ނެގިއެވެ. ޕާކިސްތާނަކީ އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކޭ ފެންވަރުގެ ގައުމެއް ނޫން ކަމަށްވެސް އިންޑިއާއިން ބުންޏެވެ.

އިންޑިއާގެ ވާހަކައަށް ރައްދުދެއްވައި ޕާކިސްތާނުގެ މަޖިލިސް މެމްބަރު ވިދާޅުވީ ޕާކިސްތާނަކީ ހަމަނުޖެހުމައި ބިރުވެރިން އުފައްދާ ގައުމެއް ނޫން ކަމަށާއި، އެފަދަ ގޮތަކަށް މަޖިލިސް ތެރޭގައި ވާހަކަދެއްކޭނެ ފުރުސަތު ދެވިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

އަދި ކަޝްމީރުގެ މައްސަލައަކީ ދާހިލީ ކަމެއްކަމަށް އިންޑިއާއިން ބުނެ، ޕާކިސްތާނާ ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ދެއްކުމުގެ ފުރުސަތު އިންޑިއާއަށް ރިޔާސަތުން ދެވޭނީ ކިހިނެތްތޯވެސް މެމްބަރު ވަނީ ސުވާލު އުފައްދަވައިފައެވެ.

"މިއީ އެއްވެސް ވަރަކަށް ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން މިކަމާ ދެކޮޅު ހަދާނަން،" މެމްބަރު ވިދާޅުވިއެވެ.

ދެ ވަފުދު ކޮންޓްރޯލުކުރުމަށް ރިޔާސަތުން ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ނަޝީދު، މެމްބަރުން އިށީނދެވަޑައިގަތުމަށް އަމުރު ކުރެއްވިއެވެ. އަދި އެހިސާބުން މެންދުރުގެ ކެއުމަށް މަޖިލިސް ވަނީ މެދުކަނޑާލައިފައެވެ.

comment ކޮމެންޓް