އުތުރުގެ ޓޫރިޒަމް ފުޅާކުރަން ކޮޗިން-ހަނިމާދޫ ދަތުރުތައް ފަށަނީ

މޯލްޑިވިއަން ހޮލިޑޭޒްގެ އޮފީސް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އިންޑިއާގެ ކޮޗިން އާއި ހަނިމާދުއާ ދެމެދު ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ މިއަދު "ސަން"އަށް ވިދާޅުވީ ހަނިމާދު އާއި ކޮޗިންއާ ދެމެދު ދަތުރުތައް ފަށާނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ހަފްތާއަކު ތިން ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ބޭނުމަކީ އުތުރުގެ ރަށްތަކަށް ސީދާ އިންޑިއާއިން ޓޫރިސްޓުން ގެނައުން ކަމަށެވެ.

އިންޑިއާއަކީ މިހާރު ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހާ ހަމަޔަށް ރާއްޖެ އައި ޓޫރިސްޓުންގެ 8.4 ޕަސެންޓް އިންޑިއާއިން އައިއިރު، 11،035 ޓޫރިސްޓަކު ވަނީ އިންޑިއާއިން ރާއްޖެ އައިސްފަ އެވެ. އެއީ 93.8 ޕަސެންޓް ކުރިއެރުމެކެވެ.

"އިންޑިއާގެ މާކެޓް މި އަންނަނީ ބޮޑުވަމުން. ކޮޗިންއަށް ދަތުރު ފެށީމާ އަޅުގަނޑުމެންގެ ބޭނުމަކީ އުތުރުގައި މިހިރަ ޓޫރިޒަމް ބެޑްތަކަށް ސީދާ އިންޑިއާއިން ޓޫރިސްޓުން ގެނައުން. އޭގެ ސަބަބުން އުތުރުގެ ޓޫރިޒަމްއަށް އަޅުގަނޑުމެން އެހީވުން މީގެ ބޭނުމަކީ،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ހިފާފައިވާ އަމާޒު ވާސިލް ވުމަށް ގައުމީ އެއާލައިންއަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ޓޫރިސްޓުން ގެނެވެން ހުރި އެހެން ޑެސްޑިނޭޝަންތަކަށް ދަތުރުތައް ކުރުމަށް ވިސްނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް