ނާރޮވައްފަލުދައިގެ ރަހަ ބަލައިލިންތަ؟

މިހާރުމިއޮތީ ރާއްޖޭގެ އެކި ހިސާބުތަކަށް ބަނބުކެޔޮ ސީޒަން އައިސްފައެވެ. ބަނބުކެޔޮ ބަތާއި، ބަނބުކެޔޮ ބޮނޑިބަތާއި، ތެލުލި ބަނބުކޭލާއި، ފިހުނު ބަނބުކޭލާއި، ބަނބުކެޔޮ ރިހައާއި ބަނބުކެޔޮ ހިއްޗާއި ސައިކުރި ބަނބުކޭލާއި، ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ބަނބުކޭލެއް އަތުޖެހިއްޖެނަމަ ހެދޭނެ، އަނގަޔަށް މީރު އެތައް ވައްތަރެއް އެބަހުއްޓެވެ.

މިހުރިހާ ވައްތަރުގެ ތަކެއްގެ ތެރެއިންވެސް " ނާރޮވައްފަލުދަ " ކިޔާ އެއްޗެއް އަޑުއެހިން ހެއްޔެވެ؟

މިއީ ވަރަށް ކުރީއްސުރެ، ރާއްޖޭގެ ދެކުނުގައި ތައްޔާރު ކުރާ ފޮނިކާ އެއްޗެކެވެ. ބަނބުކޭލާއި ދިޔާހަކުރު މައިގަނޑުގޮތެއްގައި ބޭނުންކުރާ މި ރަހަފަތަކީ ދިވެހި ސަގާފީ ކެއުންތަކުގެ ސުފުރާއެއްގައި ކޮންމެހެންވެސް ހުންނަން ޖެހޭނެ އެއް ބާވަތެވެ.

ފެންނަފެނުމަށް ނާރޮވައްފަލުދައެއް އޮންނާނީ ޑޯނަޓެއް ހެންނެވެ. އެހެންނަމަވެސް ޑޯނަޓަކަށްވުރެ ހަރު، އަދި ރަހަވެސް އެހާމެ ތަފާތު ނާރޮވައްފަލުދަ އަކީ ތައްޔާރުކުރަން ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކޮށްލަންޖެހޭނެ އެއްޗެކެވެ.

ނާރޮވައްފަލުދަ ތައްޔާރުކުރަނީ: މިއީ ދިވެހި ފޮނި ކާތަކެތީގެ ރާނީ -- ސަން ފޮޓޯ

'ސަން ރަށަށް' ގެ މި ސީޒަނުގައި އައްޑުއަށް ކުރި ދަތުރުގައި، އައްޑޫމީދޫ، "އާކުރި" ގޭގެ އާއިޝަތު މުހައްމަދު ނުވަތަ އާންމު ނަމުންނަމަ "މީދޫ އިސްމެހެލާގެ ދައްތަ" އާއި އަދިވެސް އެހެން ބައެއް ފަރާތްތަކުން ވަނީ މި ރެސިޕީ ސަން އާޢި ހިއްސާކޮށްފައެވެ.

ބޭނުންވާ ތަކެތި

  • ތާސް
  • ދަބު/ދޭފަތް
  • ދާލިފޮތި
  • ބަނބުކެޔޮ
  • ދިޔާހަކުރު
  • ގިތެޔޮ
  • ބޭނުންނަމަ، ދޯބުރާލި ހަކުރު

ތައްޔާރު ކުރާނެ ގޮތް

ފުރަތަމައަށް ބަނބުކެޔޮ ފެނު ކައްކައި މަޑު ކުރާނީއެވެ. އެއަށްފަހު ބަނބުކެޔޮ ފުޑާފަ ބޯތަށްޓަކަށް އަޅައިގެން ބަނބުކެޔޮ މިނާނީއެވެ. ބަނބުކެޔޮ މިނުމަށް ފަހު ބަނބުކޭލާ އެއް މިނަކަށް ދިޔާ ހަކުރު އަޅައިގެން މަޑު ގިނީގައި ކައްކާނީއެވެ. ބަނބުކެޔޮތައް އެއްވެގެން ދިއުމުން ދަބަށް ނުވަތަ ދޭފަތަށް ނެގޭ ގޮތަށެވެ. ދެން އުނދުން މަތިން ބޭލުމަށްފަހު އިރުކޮޅެއްފަހުން ދާލިފޮތީން އެއްކުރުމަށްފަހު ނަގައި ގިތެޔޮ ލާފައި ގުޅަވަށާނީ އެވެ. ގުޅަ ވެށުމަށް ފަހު ގުޅައިގެ މެދުގައި އިނގިލި ވަޅެއް ޖެހުމަށް ފަހު އެ ތަނަށް ހުވަނދުމާ ނުވަތަ ފިނިފެން މާ ޖަހައި މަތި ޖެހި އެއްޗެއްގެ ތެރޭގައި ރޭގަނޑު ބެހެއްޓުމަށް ފަހު، ދުވާލު މާތައް ނަގައި އަވީލައި ހިއްކާނީއެވެ. މާތައް ނުނަގައި އަވީލައިފި ނަމަ، ކޮންމެވެސް ވަރެއްގެ ހިތި ރަހައެއް ހުންނާނެއެވެ. ރަނގަޅަށް ހިކުމުން އަނެއްކާވެސް ނާރޮވައްފަލުދައިގެ އިނގިލިވަޅަށް ހުވަނދު މަލެއް ނުވަތަ ފިނިފެންމާ ފިޔަ ލާނީއެވެ.

ނާރޮވައްފަލުދަ ތައްޔާރުކޮށްފައި.

މިހާރު ބައެއް މީހުން ދިޔާހަކުރުގެ އިތުރުން ދޯބުރާލި ހަކުރުވެސް ބޭނުން ކުރެއެވެ. ދޯބުރާލި ހަކުރު ބޭނުންކުރާނަމަ، ތަކެތި އަޅާނީ 4 ބޯތަށި ބަނބުކޭލަށް، 3 ބޯތަށި ދިޔާ ހަކުރު، 1 ބޯތަށި ދޯބުރާލި ހަކުރެވެ. ދޯބުރާލި ހަކުރު ބޭނުން ނުކުރާ ނަމަ، 4 ބޯތަށި ބަނބުކޭލަށް، 4 ބޯތަށި ދިޔާ ހަކުރެވެ.

ރަނގަޅަށް ހަދާފައި ހުންނަ ނާރޮވައްފަލުދަ ހަލާކުނުވެ އެތައް މަހެއް ވަންދެން ރީތިކޮށް ހުރެއެވެ.

ނާރޮވައްފަލުދަ --

ކޮންމެއަކަސް އައްޑޫ ދަތުރުގެ ތެރެއިން މުޅިން އަލަށް ތަޖުރިބާކޮށްލަން މި ލިބުނު ނާރޮވައްފަލުދަ އަކީ ތަފާތު ދިވެހި ރަހަތަކަށް ލޯބިކުރާ އަދި ފޮނިކާތަކެތި ކާހިތްވާ ފަރާތްތަކަށް ވަރަށް ކަމުދާނޭ ރަހަފަތަކަށް ވާނެކަމަށް އުންމީދު ކުރަމެވެ.

comment ކޮމެންޓް