ހޮންކޮންގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބަޑި ޖަހައިފި

ހޮންކޮންގެ މުޒާހަރާ ރޫޅާލުމަށް އިއްޔެ ފުލުހުން ވަނީ ވައިގެ ތެރެއަށް ބަޑި ޖަހާފަ -- ފޮޓޯ: ރޮއިޓާސް

ހޮންކޮންގް (އޮގަސްޓް 26): ހޮންކޮންގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި އިއްޔެ ހަމަނުޖެހުން ހިނގައި، ފުލުހުން ވައިގެ ތެރެއަށް ބަޑި ޖަހައިފި އެވެ.

މިދިޔަ އެޕްރީލް މަހުން ފެށިގެން ހޮންކޮންގައި ކުރިއަށްގެންދާ މުޒާހަރާތައް ރޫޅާލުމަށް އިއްޔެ ފުލުހުން ވަނީ ކަރުނަ ގޭސް ޖަހާފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޭސް ކެނިސްޓަރުތަކާއި ގަލާއި ޕެޓްރޯލް ބޮން ފުލުހުންނާ ދިމާލަށް އުކާފަ އެވެ.

އޭގެ ސަބަބުން ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ފުރަތަމަ ފަހަރަށް ވޯޓާ ކެނަން ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ޕްރެޝަރުގައި ފެން ޖަހާފަ އެވެ. އަދި ބައެއް ފުލުހުން އެމީހުންގެ ބަޑި ނެގިކަމަށާއި، އެއް ފުލުހަކު ވައިގެ ތެރެއަށް ބަޑި ޖެހި ކަމަށް ހޮންކޮންގެ ފުލުހުން ނެރުނު ބަޔާނެއްގައި ވެ އެވެ.

އެމުޒާހަރާ ތެރެއިން ފުލުހުން ހައްޔަރު ކުރި 36 މީހުންގެ ތެރޭގައި 12 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ހޮންކޮންގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ގޭސް ކެނިސްޓަރުތައް އަނބުރާ ފުލުހުންނާ ދިމާލަށް އުކާފަ -- ފޮޓޯ: ރޮއިޓާސް

ހޮންކޮންގެ މުޒާހަރާތައް ފެށީ އެސިޓީގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި "ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލާ" ގުޅިގެންނެވެ. އެ ބިލް ފާސް ކުރި ނަމަ، ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރަން ފުރުސަތު ލިބޭނެ އެވެ.

ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އޭގެ ސަބަބުން ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އެޕްރީލް މަހު އެބިލާ ދެކޮޅަށް ފެށި މުޒާހަރާތަކުގެ ސަބަބުން ލީޑަރު ކެރީ ލާމް ވަނީ ބިލް ފާސް ކުރުން ފަސްކޮށްފަ އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމްގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އަދި އެފަރާތްތަކުން ވަނީ މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި ފުލުހުން ކުރަމުންދާ އަނިޔާތަކަށް އެމީހުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް