އެމްއައިބީގެ ހިއްސާގަތުމަށް ކައުންސިލްތަކުގެ ވާދަވެރިކަމެއް

އައްޑު ސިޓީ ހިތަދޫގައި ގާއިމްކޮއްފައި ހުންނަ އިސްލާމިކް ބޭންކް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ ގަތުމަށް ގިނަ ކައުންސިލްތަކަކުން ހުށަހަޅަމުންދާކަމަށް އެބޭންކުން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް ބޭންކް، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. އެމްއައިބީގެ ހިއްސާ ގަތުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

އިސްލާމިކް ބޭންކުން ބުނީ ގިނަ އަދަދެއްގެ ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްތަކުން ބޭންކުގެ ހިއްސާ ގަތުމަށް އެދި ހުށަހަޅަމުންދާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެމްއައިބީ އިން 700،000 ރުފިޔާގެ ހިއްސާ ގަނެފަ އެވެ. ބ. އަތޮޅު ކައުންސިލުން 1.75 މިލިއަން ރުފިޔާގެ ހިއްސާ ގަނެފައިވާއިރު ށ. އަތޮޅު ކައުންސިލުން ވަނީ ތިން މިލިއަން ރުފިޔާގެ ހިއްސާ ގަނެފަ އެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުން އެއް މިލިއަން ރުފިޔާގެ ހިއްސާ، ޅ. ނައިފަރު ކައުންސިލުން 700،000 ރުފިޔާގެ ހިއްސާ އަދި ބ އޭދަފުށީ ކައުންސިލުން ވެސް 700،000 ރުފިޔާގެ ހިއްސާ ގަނެފައިވާ ކަމަށް އިސްލާމިކް ބޭންކުން ބުންޏެވެ.

https://sun.mv/122705

އެމްއައިބީ އިން ހިއްސާ ވިއްކަނީ ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. އެންމެ މަދު މިންވަރަކަށް ގަނެވޭނީ 20 ހިއްސާ އެވެ. މި އަދަދު އިތުރުކުރަން ބޭނުން ނަމަ 10 ހިއްސާއިން އަދަދު އިތުރުކުރެވިދާނެ އެވެ.

އާންމުންނަށް ހިއްސާ ވިއްކަން ފެށި އިރު ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެ ކަމަށް އެމްއައިބީ އިން ބުނެ އެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާ އާއި އާންމު ހިއްސާގެ 69975،000 ހިއްސާ އެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

އިސްލާމިކް ބޭންކުގެ ހިއްސާ އޮންލައިންކޮށް އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ގަނެވޭނެ އެވެެ. މީގެ އިތުރުން ބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން މ ފާމުދޭރިގޭގައި ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. އޮޑިޓް ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޭޕީއެމްޖީއެވެ.

އެމްއައިބިގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމްފައިސާ މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެއެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން ކުރިއަށްގެންދާނެ ޓައިމްލައިން
- ހިއްސާ ގަތުމަށް ހުޅުވާލި ތާރީހު: 28 ޖުލައި 2019
- ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހު: 18 ސެޕްޓެމްބަރު 2019
- ހިއްސާ އެލޮޓްކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 08 އޮކްޓޯބަރު 2019
- ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 28 އޮކްޓޯބަރު 2019
- އެލޮކޭޓުކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019
- ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019

comment ކޮމެންޓް