ޖުޑީޝަލް ކައުންސިލުގެ އިއްޔެ އާއި މިއަދާއި މާދަމާ

ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓު: -- ފައިލް ފޮޓޯ/ ގެޓީ އިމޭޖްސް

މި ޒަމާނުގެ ފުރަތަމަ ދުސްތޫރު ލިޔެވުނީ މީލާދީން 1787 ގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައެވެ. މިއަދުވެސް އެމެރިކާގައި އަމަލު ކުރަމުން ދަނީ އެ ގާނޫނުއަސާސީއަށެވެ. ފަރަންސޭސި ވިލާތުގެ ފުރަތަމަ ގާނޫނުއަސާސީ އެކުލަވައިލެވުނީ މީލާދީން 1791 ގައެވެ. އެއީ އެ ގައުމުގެ ޒަމާންވީ ރަސްކަން އިންގިލާބަކުން ނިމުމަކަށް ގެނައުމުގެ ފަހުންނެވެ. އޭގެ ދޮޅު ގަރުނެއްހައި ދުވަސް ފަހުން، އެތެރެވަރީގެ އިންޑިޔާގައި އެ ގައުމުގެ ފުރަތަމަ ގާނޫނުއަސާސީ އިއުލާން ކުރެވުނީ 1949 ގައެވެ.

ތަފާތު ތަންތަނުގައި، ތަފާތު ތާރީޚުތަކުގައި އިއުލާން ކުރެވުނު ގާނޫނުއަސާސީތަކެކެވެ. ނަމަވެސް މި ތިން ގާނޫނުއަސާސީގައި އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ، މި ގާނޫނުއަސާސީތައް ލިޔުނު މީހުން އެކަން ކުޅައީ ތިމަތިމާމެންގެ ގައުމާއި، ގައުމިއްޔަތާއި، ގައުމީ މަސްލަހަތަށް ވިސްނައިގެން ކަމެވެ. ގައުމުގައި ގާނޫނުގެ ހުކުމް ހިންގުމުގެ މާތް މަގުސަދުގައި ކަމެވެ. އެމެރިކާގެ ދުސްތޫރުގެ ފަލްސަފާ އެކަށައެޅުމާއި ދުސްތޫރު ލިޔުމުގައި އިސްކޮށް އުޅުއްވި އެލެގްޒޭންޑަރ ހެމިލްޓަނާއި، ޖޭމްސް މެޑިސަން ފަދަ ބޭފުޅުންނާއި، އިންޑިޔާގެ ދުސްތޫރު ލިޔުނު ކޮމިޓީގެ މުގައްރިރު ބީމާރާއޯ ރާމްޖީ އަމްބެދްކަރް ފަދަ ބޭފުޅުންގެ ހަޔާތްޕުޅާއި، މަސައްކަތް ކުރެއްވި ގޮތަށް ބަލައިލުމުން އެކަނިވެސް މި ދެންނެވި ބަހުގެ ތެދުކަން ފެނިވަޑައިގަންނަވާނެއެވެ.

ތެދެކެވެ. ގައުމެއް ދިރޭ ގައުމަކަށް ވަނީ ގައުމު ދެކެ ލޯބިވާ، ހައްގު ބަސް ބުނާ، އަމިއްލަ އެދުންތަކާއި އަމިއްލަ މަސްލަހަތުގެ މައްޗަށް ގައުމުގެ މަސްލަހަތާއި ގައުމިއްޔަތު އިސް ކުރާ ދަރީންގެ ސަބަބުންނެވެ. އެފަދަ ދަރީންގެ މިންނެތް މަސައްކަތުންނެވެ. ނައަމް ސޫތްޕޭ، ހިމާރޭ ކިޔައިގެން ނުލަފާ މީހުން ގޮވާ އެއްޗެއްސާއި، އުކާ ދޮގު ތުހުމަތުތަކާއި ނަފްރަތުގެ ތީރުތަކާއި، ކުރާ އަނިޔާއާ މެދުގައި ކެތްތެރި ވެގެން، އެފަދަ ދަރީން ކުރާ ހިއްމަތާއި ވާ ގުރުބާނީންނެވެ.

އަޅުގަނޑުމެންގެ ގައުމަކީ މި ގޮތުން ވިސްނާ އިރު، ހައުދަހައި ވާ ނަސީބު ދެރަ ގައުމެކެވެ.

ގާނޫނުއަސާސީ ލިޔުމުގައި ނުބައި ނިޔަތް

1932 ގައި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ވުޖޫދު ވެގެން އައީ އެތެރެވަރީގެ އެންމެ ފުރަތަމަ ގާނޫނުއަސާސީގެ ގޮތުގައެވެ. ވަރަށް ވެސް ބޮޑު ޝަރަފެއް، އެހެންނޫންތޯއެވެ؟

އެކަމަކު މި ޝަރަފުވެރި ބޭރުފުށުގެ އެތެރޭގައި ފޮރުވިފައި އޮތީ ހުތުރުކަމުގެ އިންތިހާއެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އަކީ ގައުމިއްޔަތަށް ޓަކައި ވެވުނު މަސައްކަތެއް ނޫނެވެ. ގައުމަށް ޓަކައި އެޅުނު ފިޔަވަޅެއް ނޫނެވެ. ރައްޔިތުންނަށް ޓަކައި ކުރެވުނު ކަމެއް ނޫނެވެ. އެއީ ސިޔާސީ ގުޅަމަތިހިފުމެއްގެ ނަތީޖާއެވެ. އެތަންމިތަނުން، އެކި ދިމަދިމާއިން އައި ނުފޫޒުތަކުގެ އޮށްތަކުން ފެޅި ގަހެކެވެ. ބޮޑު ގެރިތަކުގެ ތަޅައިގަތުމެއްގެ ތެރެއިން އުފަންވި، ބަލަދުވެރީންނާއި ބެލެނިވެރީން ކުރެ އެކަކުގެ ވެސް ލޯބި ނުލިބުނު ދަރިއެކެވެ. ނަތީޖާޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މޮޓަރު ބޯޓުގެ ގަޑުބަޑުގެ އިންގިލާބީ ތޫފާނުގައި އެ ގާނޫނުއަސާސީ ފަނާ ވެގެން ދިޔުމެވެ. ގުޅަކުޅޭ ފަސްގަނޑުގެ ހިރަފުހުގެ ތެރެޔަށް ބިމުގެ ވެއްޔާ މޮޑެވިގެން ދިޔުމެވެ.

އޭގެ 76 ވަރަކަށް އަހަރު ފަހުން، އަޅުގަނޑުމެންގެ މިހާރުގެ ގާނޫނުއަސާސީ ލިބިގަތް އިރު، ކަންތައްތައް ހިނގައިދިޔަ ގޮތަށް ބެލުމުން ފެންނަނީ ތަންފުކެއް ވެސް ހުތުރުކަން ކުޑަ ނޫން މަންޒަރެކެވެ. ދެވަނަ ފެހި ގާނޫނުއަސާސީ ވެސް ލިޔުނު ބަޔަކު ލިޔުނު އިރު، އޭގެ އެތައް މާއްދާއެއް ލިޔެފައި ވަނީ އެ ބައެއްގެ ސިޔާސީ ނުބައި އެދުންވެރިކަމާއި، އަމިއްލަ އެދުންތަކުގެ އަންބޮނޑިޔަށް ބަރު ވާނެ ގޮތަށެވެ. ދިވެހި ގައުމަށް ކަނޑައެޅިގެން ލިބިގެން ހިނގައިދާނެ، ނުވަތަ ޔަގީނުން ލިބޭނެ ނިކަމެތިކަމާ މެދު އެއްވެސް ވަރަކަށް ހަމްދަރުދީއެއް ނުބަހައްޓާ ގޮތުގައެވެ. ގައުމަށް އަނިޔާވެރި ގޮތުގައެވެ.

ތިންހަތަރު މިސާލެއް ދަންނަވައިލާނަމެވެ.

ފުރަތަމަ ކަމަކަށް، ގާނޫނުއަސާސީގެ 71 ވަނަ މާއްދާއިން، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާ ބެހޭގޮތުން އެކަށައެޅި އުސޫލެވެ. އެ މާއްދާ ލިޔެފައި ވަނީ، އެއިރު ރައްޔިތުންގެ ޚާއްސަ މަޖިލިހުގައި ތިބި މެންބަރުންނަށް، ޚާއްސަ މަޖިލިހުގެ މަސައްކަތް ނިމި އެ މަޖިލިސް ރޫޅައިލުމަށް ފަހު، ދެން އޮންނަ އިންތިޚާބެއްގައި ރައްޔިތުންގެ މަޖިލިހުގައި ޖާގަ އޮންނާނޭ ވަރަށް އެތަނުގައި ގޮނޑި ބެހެއްޓޭނޭ ގޮތް ބަލައިގެންނޭ ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟

ދެވަނަ ކަމަކަށް، ގާނޫނުއަސާސީ އެކުލަވައިލާނީ ރިޔާސީ ނިޒާމެއް އޮންނަ ގޮތަށްތޯ، ނުވަތަ ބަރުލަމާނީ ނިޒާމަކަށްތޯ ބެލުމަށް ނެގުނު ވޯޓުގައި ރައްޔިތުންގެ އަޣްލަބިއްޔަތުން ރިޔާސީ ނިޒާމަކަށް ވޯޓު ދިނީމާ، ރައްޔިތުންނަށް މަކަރު ހަދައިގެން، ބަރުލަމާނީ ނިޒާމުގެ ބައެއް އުސޫލުތައް ހިމަނައިގެން، "ހައިބްރިޑް" ނިޒާމެއް ގާއިމު ކުރި ކުރުމެވެ. ރިޔާސީ ނިޒާމެއްގައި ރައީސަށް އޮންނާން ޖެހޭ އެތައް ބާރެއް ނުދީ، ރިޔާސީ ނިޒާމެއްގައި މަޖިލިހަށް އޮވެގެން ނުވާނެ ބައެއް ބާރުތައް މަޖިލިހަށް ދީގެންނެވެ. މި ޖަރީމާގެ ތެރެއިން، ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައި އޮތީތީ މަޖުބޫރު ވެގެން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ ވެސް އަދި ސަރުކާރުގެ ވެސް އިސް ވެރިޔާ ކަމަށް ނަމުން ކަނޑައެޅުމަށް ފަހުގައިމެ، ރައީސަށް ދެވިފައި އޮންނާން ޖެހޭ މުހިއްމު ގިނަ ބާރުތަކެއް ނުދީ ގާނޫނުއަސާސީ ލިޔުނީއެވެ. ކީއްވެގެންތޯއެވެ؟ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރައީސްކަމަށް ވަޑައިގެންފާނެ ކަމަށް އޮތް ބިރުވެރިކަމެއްގެ ބޮޑުކަމުން، އެމަނިކުފާނަށް ލޮޓި ދޭން ވެގެންނެވެ. ރައީސްކަމަށް ވަޑައިގަންނަވާން ވާއިރަށް އެމަނިކުފާނުގެ ދެއަތްޕުޅު ފުރަގަހަށް ލައި ބަންނާން ވެގެން ހެދި ހީލަތެއްގެ ގޮތުގައެވެ.

ތިންވަނަ ކަމަކީ، މިނިވަން އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރު ވާ ކޮށްލާނޭ ގޮތެއް ހަދާން ވެގެން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަކީ ވެސް ގާތްގަނޑަކަށް ރަމްޒީ މަގާމަކަށް ހެދީއެވެ. ގާނޫނުއަސާސީ ހެދުމުގައި ޖަރީމާ ހިންގި މީހުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ވެސް، އުއްތަމަ ފަނޑިޔާރެއްގެ މަގާމު އެއްގޮތަކަށް ވެސް ނުބާއްވާށެވެ. މިއީ ޤަޟާއީ ނިޒާމަކީ ކޮބައިކަން، ފަނޑިޔާރުގެޔަކީ ކޮން ތަނެއްކަމުގެ އަލިފު ވެސް ދަންނަ ބަޔަކު ނުކުރާނެ ކަމެއްކަން ޔަގީނެވެ. ނަމަވެސް އުޅުނީ އެހެން ހަދާށެވެ. ނަސީބަކުން އެކަން ކާމިޔާބު ވާގޮތް ނުވީމާ، ދެން އުއްތަމަ ފަނޑިޔާރަށް އެއްވެސް ބާރެއް ނުލިބޭ ގޮތަށް ގާނޫނުއަސާސީ އެކުލަވައިލީއެވެ. އެންމެ ކުޑަމިނުން، ފަނޑިޔާރުންގެ ކަންކަން ބަލާ ކޮމިޝަނުގައި ވެސް އުއްތަމަ ފަނޑިޔާރު ނުހިމެނޭ ގޮތަށް ލިޔުނީއެވެ.

ހަތަރުވަނަޔަށް އޮތީ މަޝްހޫރު 285 ވަނަ މާއްދާގެ ކަޅު ވާހަކައެވެ. އެ މާއްދާގެ (ހ) ލިޔުނު އިރު ހިންގި ކަޅު ޖަރީމާގެ ވާހަކައެވެ. އެއްވެސް ސަބަބެއް ނެތި، ތައައްސުފީ ގޮތުން، އިސްތިބްދާދީ ގޮތުން، އަނިޔާވެރި ގޮތުން، ނުހައްގުން، ބޭއިންސާފުން، އެއިރު ހުންނެވި އުއްތަމަ ފަނޑިޔާރު ފަޟީލަތުއް ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްގެ މަގާމު ނިގުޅައިގަތް ގޮތުގެ ވާހަކައެވެ. އެމަނިކުފާނު އުއްތަމަ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް، ޖަންގަލީގެ އަޚްލާގާ އެއްގޮތަށް، މުރުތައްދު ފަނޑިޔާރޭ ގޮވަމުން، ތެދެއް ދޮގެއް ނުބަލައި ހިތުހުރިހައި ދޮގު ތުހުމަތުތަކެއް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުން އައިސް، އެންމެ ފަހުން އެންމެ ނާތަހުޒީބު މީހުންގެ ސުލޫކު ދައްކައި، ގާނޫނުއަސާސީގައި ނުހަލާލު މާއްދާއެއް ހިމަނައިގެން، އެމަނިކުފާނު ނިޒާމު ގެއްލުވައިލީއެވެ. މިތަނުގައި މި ދަންނަވަނީ، ޝައިޚް ރަޝީދަކީ ދުވަހަކު ކުށެއް ނުކުރައްވާ، ގޯހެއް ނުހައްދަވާ، އުނިކަމެއް ނެތް ބޭފުޅެކޭ ނޫނެވެ. މި ދަންނަވަނީ، ރާއްޖޭގައި އެއިރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން، ސީދާ އެމަނިކުފާނު މަގާމުން ވަކި ކޮށް އެއްލައިލުމަށް ޓަކައި ގާނޫނުއަސާސީގައި މާއްދާއެއް ލިޔުނު ލިޔުން، ރަނގަޅަކަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ ވާހަކައެވެ. އެ އަނިޔާގެ ނިމުން އައީ، އެމަނިކުފާނު ދައުލަތަށް ކުރެއްވިހައި ޚިދުމަތުގެ ބަދަލުގައި ލިބިވަޑައިގަންނަވާން ޖެހޭ އިނާޔަތްތަކުން ވެސް މަހުރޫމު ކޮށްފައެވެ. އަނިޔާވެރިކަން މިޔަށް ވުރެ ބޮޑު ވާނީ، އެ އަނިޔާވެރިކަމުގައި ރަތްކުލަ ޖެހިގެންނެވެ.

އިސްލާހު ކުރަނީއޭ، ޑިމޮކްރަސީ ގެންނަނީއޭ، އިންސާނީ ހައްގުތައް ނަގަހައްޓަނީއޭ، މިނިވަންކަން ގާއިމު ކުރަނީއޭ، ޚުދުމުޚުތާރިއްޔަތު ނެއްތައިލަނީއޭ ކިޔައިގެން، ދޮގާއި މަކަރާއި ހިންތަ ފިޔަވައި އެހެން ކަމެއް ނެތި، ނުލަފާ މީހުން ކުރާ ނުލަފާ ކަންކަން ފެނިވަޑައިގަންނަވާ ނޫންތޯއެވެ؟

ޖުޑީޝަލް ކައުންސިލުގެ އިއްޔެ

ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި އޮންނަ ގޮތުން، ދިވެހިރާއްޖޭގައި އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ. ގާނޫނުއަސާސީގެ ހަވަނަ ބާބުގެ އެހެނިހެން މާއްދާތަކުގައި ފަނޑިޔާރުގެއާ ބެހޭ އަސާސީ ވަރަށް ގިނަ އުސޫލުތަކާއި ހަމަތައް ބަޔާން ވެފައި ވެއެވެ. ނަމަވެސް ދައުލަތުގެ އެއް ބާރުގެ ހައިސިއްޔަތުން، އެކުލެވުންތެރި ގޮތެއްގައި ތަރުތީބު ވެގެން ހިނގާ ނިޒާމަކަށް ޖުޑީޝަރީ ހެދުމަށް ޓަކައި ބޭނުންވާ އުސޫލުތައް އެންމެ ފުރިހަމަޔަށް ލިޔެފައެއް ނެތެވެ. އަދުލުއިންސާފު ގާއިމު ކުރުމަށް ޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކައުތެރިކޮށް އިދާރީ ހިންގުމާ ބެހޭ ގަވާއިދުތައް ހެދުމަށް ކޯޓުތަކަށް ބާރު ދޭ 156 ވަނަ މާއްދާއެއް އޮންނަކަން އަޅުގަނޑު ހަނދާން ނައްތައެއްނުލަމެވެ. ނަމަވެސް މި ދެންނެވި ދެ މާއްދާޔާ އެކު ގާނޫނުއަސާސީގައި އެކުލެވޭން ޖެހޭ ވަރަށް އަސާސީ ބައެއް ކަންކަން ނެތެވެ. އޭގެ ތެރެއިން އެއް ކަމަކީ ޝަރުއީ ދާއިރާ އާއި ޝަރުއީ ނިޒާމުގެ މައިގަނޑު ސިޔާސަތުތަކާއި، ދާއިރާ ކުރި އަރުވައި ތަރައްގީ ކުރުމުގެ ކަންކަމުގައި ނިންމުންތައް ނިންމާނެ ޖުޑީޝަލް ކައުންސިލެއްގެ ވާހަކައެވެ.

ގާނޫނުއަސާސީން، ޖުޑީޝަލް ކައުންސިލެއް އުފައްދައިފައި ނެތުމުގެ ސަބަބުން އުފެދުނު އުނިކަން ފޫބައްދުމުގެ މުހިއްމު މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވީ ކުރީގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ ބެއްލެވުމުގެ ދަށުން، ހައިކޯޓުގެ ތެރެއިންނެވެ. އެއީ ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުމަށް ފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރެވި އެ ކޯޓުގެ މަސައްކަތް ހިނގައިގަތުމުގެ ކުރިން، ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ބޭފުޅުން ކަނޑައެޅުއްވި ބޭފުޅެއްގެ ގޮތުގައި، ޖުޑީޝަރީގެ އެންމެ އިސް ފަރާތުގެ ގޮތުގައި އެމަނިކުފާނު ހުންނަވައިގެންނެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ހައިކޯޓާއި އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ ތިން ބައްދަލުވުމެއް ހައިކޯޓުގައި، އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ ބެއްލެވުމުގެ ދަށުން ބޭއްވުނެވެ. "ޖުޑީޝަލް ކައުންސިލް" މި ނަން ނުދެވުނަސް، އެއީ ޖުޑީޝަލް ކައުންސިލެއްގެ ބިންގާ އެޅުން ކަމުގައި ބެލެވިދާނެއެވެ.

2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދިގެން، އެ ކޯޓު ހިނގާން ފެށިތާ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި، 27 ނޮވެންބަރު 2008 ގައި ނެރުނު ސާރކިޔުލަރއަކުން ޖުޑީޝަލް ކައުންސިލު އުފެއްދެވިއެވެ. ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި، ހައިކޯޓުގެ އިސް ފަނޑިޔާރާއި، މިހާރު މި ކިޔާ ސުޕީރިއަރ ކޯޓުތަކުގެ ގޮތުގައި އެއިރު ހުރި ހުރިހާ ކޯޓެއްގެ އިސްގާޒީންނާއި، ރަށުކޯޓުތަކުން ދެ މެޖިސްޓްރޭޓުން ހިމެނޭ ކައުންސިލެއްގެ ގޮތުގައެވެ. އެއިރު ސުޕްރީމް ކޯޓުން ޖުޑީޝަލް ކައުންސިލް އެކުލަވައިލެއްވި ގޮތާއި، އެ ކައުންސިލުގެ މަސައްކަތްތައް ކަނޑައަޅުއްވައިފައި ހުރި ގޮތަށް ބެލުމުން އެނގެނީ، 141 ގެ (ށ) އިން އެ ކޯޓަށް ދީފައި އޮތް ބާރު ބޭނުން ކުރުމުގައި، މުޅި ޖުޑީޝަރީ ޝާމިލު ކޮށްގެން މަސައްކަތް ކުރުމުގެ ރޫހު ހުރިކަމެވެ. ދީމިގުރާތީ ރޫހާއި، ޝޫރާގެ މަތިވެރި އުސޫލުން ކަން ކުރާން މަސައްކަތް ކުރެއްވިކަމެވެ.

ނަމަވެސް އެ މަސައްކަތުގައި އިސްތިބްދާދިއްޔަތުގެ ކަޅު މަރުތޭލުގެ އެތިފަހަރަކުން ޖަހައި، އެ މަސައްކަތް ފުނޑުފުނޑު ކޮށްލީ ރައްޔިތުންގެ މަޖިލިހުގައި މެޖޯރިޓީ އޮތް ޕާޓީންނެވެ. 2010 ވަނަ އަހަރު ފާސް ކުރި ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނުންނެވެ. އެ ގާނޫނުގެ އަށްވަނަ ބާބުގައި ހިމެނޭ މާއްދާތަކުން އައު ގޮތަކަށް ޖުޑީޝަލް ކައުންސިލެއް އުފައްދައިގެންނެވެ. ޖުޑީޝަރީއާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި، އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތް، އަދި ދައުލަތުގެ ސިޔާދަތުގެ ޤަޟާއީ ބާރުގެ އެންމެ މަތީ ވިލާޔަތު ލިބިގެންވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެއްވެސް ބަހެއް ނުހޯދައެވެ. ރޭވިގެން ދިޔައީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލައި، އެ ކޯޓު ނިކަމެތި ކުރުމުގެ ނުބައި ރޭވުމެކެވެ. ދިވެހި ފަނޑިޔާރުގޭގެ މައްޗަށް ސިޔާސީ މަނަސް ފޯރުވުމުގެ ރޭވުމެކެވެ. ސުޕްރީމް ކޯޓުގައި އިސްލާމް ދީނުގެ ޝަރީޢަތަށް އަހުލުވެރި، އިސްލާމީ ޔުނިވަރުސިޓީތަކުން ކިޔަވައިވިދާޅުވެގެން ތިއްބެވި ބޭފުޅުން ތިއްބެވިޔަތީ، އެ ކޯޓުގެ ބާރު ކަނޑުވައިލައިގެން ވިޔަސް "އިސްލާމީ ޝަރީޢަތުގެ ބަލާވެރިކަން" ދަފަރާ ކުރުމުގެ ރޭވުމެކެވެ. އެ ރޭވުމުގެ ދަށުން، ގާނޫނުގައި ކަނޑައެޅީ ޖުޑީޝަލް ކައުންސިލުގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރަކަށް ނުތިއްބެވޭނެ ކަމުގައެވެ. ކައުންސިލުގައި ހިމެނޭނީ ސުޕްރީމް ކޯޓުގެ އެންމެ ދެ ފަނޑިޔާރުން ކަމުގައެވެ. ރައްޔިތުންގެ މަޖިލިހުގައި ކޯޓުތަކާ ބެހޭ ގާނޫނުގެ ބިލާ މެދު ބަހުސް ކުރެވެމުން ދިޔައިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ފަދަ ބައެއް ބޭފުޅުން، ސުޕްރީމް ކޯޓުން ޖުޑީޝަލް ކައުންސިލް ވަކި ގޮތަކަށް އެކުލަވައިލައިފައި އޮއްވައި، އެހެން ގޮތަކަށް ގާނޫނުން ކައުންސިލް އެކުލަވައިލުމަކީ ކޮށްގެން ވާނެކަމެއް ނޫން ކަމަށް ވަކާލާތު ވެސް ކުރެއްވިއެވެ. ނަމަވެސް، މި ގައުމުގައި ހެޔޮބަހަށް ގިނަ ފަހަރު ދެވެނީ ބީރު ކަންފަތް، އެހެން ނޫންތޯއެވެ؟

ދުސްތޫރީ ގާނޫނުގެ އުސޫލުތަކާއި ހަމަތަކަށް އަހުލުވެރި، އަދި ގާނޫނީ ވިސްނުމަކުން ވިސްނާ ކޮންމެ މީހަކު ވެސް ޖަދަލުތަކެއް ނުކޮށް އެއްބަސް ވާނޭ ފަދައިން، އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އޮތްހައި ހިނދަކު، އެ ހައިސިއްޔަތުން ލިބިދޭ ބާރުން އެ ކޯޓުގެ ވަކި ފަނޑިޔާރަކު، ނުވަތަ ބައެއް ފަނޑިޔާރުން އިސްތިސްނާއެއް ނުކުރެވޭނެއެވެ. 141 ގެ (ށ) އިސްލާހު ނުކޮށް، މިހާރު އޮތް ގޮތަށް އޮއްވައި ޖުޑީޝަލް ކައުންސިލުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ނުހިމެނުމަކީ އެ މާއްދާގެ ބާރު ކަނޑުވައިލުމެވެ. އެހެނީ އެ މާއްދާގައި ސުޕްރީމް ކޯޓޭ ބުނާ ބުނުން ފުރިހަމަ ވަނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިގެންނެވެ. ޖުޑީޝަލް ކައުންސިލު ގާނޫނުން އެކުލަވައިލި ގޮތް ގޯސް ވާ ސަބަބަކީ މިއެވެ. މިހެން މި ދަންނަވަނީ، އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ކައުންސިލުގައި ހިމަނާން އަޅުގަނޑު ވަކާލާތު ކުރާތީއެއް ނޫނެވެ. މި ކޮލަމުގެ ފަހުކޮޅުގެ ޕެރެގްރާފްތަކުން އެކަމުގައި އަޅުގަނޑުގެ ރައުޔު ފެނިވަޑައިގަންނަވާނެއެވެ. ގޯސް މި ކުރަނީ، ގާނޫނުއަސާސީގެ މާއްދާޔަކާ ޚިލާފަށް ގާނޫނު ހެދި ހެދުމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލާނެތް ދީގެންނާއި ގައު އުކައިގެން، އަދި އެ ކޯޓުގެ ފަނޑިޔާރުންގެ ލޭ ބޮއިގެން ދިރިއުޅުން ބިނާ ކުރާ މީހުން ވަރަށް ހަރު އަޑުން ކިޔާ އެއްޗެއް އޮވެއެވެ. އެއީ، ކޯޓުތަކާ ބެހޭ ގާނޫނުން ޖުޑީޝަލް ކައުންސިލެއް އުފެއްދެވީމާ ވެސް، ސުޕްރީމް ކޯޓުން ބާރުތައް ބައް ކުރާން ވެގެން، އެ ކައުންސިލު ވެސް އުވައިލީއޭ މިއެވެ. މި ވާހަކަ ދައްކާ މީހުންނަށް އެނގިފައި ނޯންނަ ކަމަކީ، ނުވަތަ އެނގިފައި އޮތަސް ނޭނގޭ ކަމަށް ހެދިގެން އުޅޭ ކަމަކީ، ޖުޑީޝަލް ކައުންސިލެއް ގާއިމު ކުރުމަކީ ރައްޔިތުންގެ މަޖިލިހުގެ އިސްނެގުމެއް ނޫންކަމެވެ. ކުރީންވެސް ދެންނެވި ފަދައިން، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އިން ސުޕްރީމް ކޯޓަށް ދިން، އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތު ބޭނުން ކުރުމުގައި، ޝޫރާގެ މަތިވެރި އުސޫލުތައް ވީހައި ބޮޑަކަށް ގެންގުޅުއްވުމުގެ މަގުސަދުގައި، އެހެން ކޯޓުތަކުގެ ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް ޖުޑީޝަލް ކައުންސިލެއް އެކުލަވައިލެއްވީ ސުޕްރީމް ކޯޓުންނެވެ. 2010 ވަނަ އަހަރުގެ ކޯޓުތަކާ ބެހޭ ގާނޫނުން، ރައްޔިތުންގެ މަޖިލިހުން ކުރި ކަމަކީ އެ ކައުންސިލް ހަލާކު ކޮށް، ސުޕްރީމް ކޯޓުގެ ގިނަ ފަނޑިޔާރުންނަށް އެ ކައުންސިލުގައި ނުތިއްބެވޭގޮތް ހަދައި، ގާނޫނުއަސާސީގެ 141 (ށ) ގެ ބާރު ކަނޑުވައިލުމެވެ.

ރައްޔިތުންގެ މަޖިލިހުން ކޯޓުތަކާ ބެހޭ ގާނޫނުގެ ބާރުގައި، ޖުޑީޝަލް ކައުންސިލް ހަލާކު ކޮށްލުމަށް ރޭވި ރޭވުމުގައި، ފަނޑިޔާރުގޭގެ ތެރެއިން ވެސް އެހީތެރިކަމުގެ އަތްތަކެއްގެ މަދަދާއި ތާއީދު ލިބުނު ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެފަދަ ބޭފުޅުން ވިދާޅުވާގޮތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލެނިވެރިކަމުގެ އިޚްތިސާސުގެ ތެރެއިން ކުރެއްވި ބައެއް ކަންކަމާ، އެހެން ކޯޓުތަކުގެ ބައެއް ބޭފުޅުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުރުހުންތެރިކަމެއް އޮތެވެ. އެފަދަ ބޭފުޅުން ބޭނުންފުޅު ވީ، ޖުޑީޝަލް ކައުންސިލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުހިމަނައި ކައުންސިލް އުފައްދައި، އެގޮތުން ސުޕްރީމް ކޯޓުގެ ނުފޫޒު ކުޑަ ކުރާ ހަތިޔާރެއްގެ ގޮތުގައި ކައުންސިލް ބޭނުން ކުރެއްވުމަށެވެ. ނަމަވެސް މި މައުލޫމާތު ދެއްވި ފަރާތްތަކަށް ވުރެ މުއުތަބަރު އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެއިރަކު ފަނޑިޔާރުންގެ ތެރޭގައި އެކަހަލަ އެއްވެސް ރޫހެއް ނެތެވެ. އެ ގޯހަކީ ހަމަސީދާ ރައްޔިތުންގެ މަޖިލިހުން ރޭވިގެން ދިޔަ ރޭވުމެކެވެ.

ކޮންމެއަކަސް، މިގޮތުން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލާން ކުރެވުނު މަސައްކަތަށް އެ ކޯޓުން ޖަވާބު ދެއްވީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކޯޓުތަކާ ބެހޭ ގާނޫނުން އެކުލަވައިލި ޖުޑީޝަލް ކައުންސިލް، ސުޕްރީމް ކޯޓުގެ މަޝްހޫރު 2011 ވަނަ އަހަރުގެ 2 ނަންބަރު ރޫލިންގއިން އުވައިލެއްވި އުވައިލެއްވުމުންނެވެ. މިކަން ކުރެއްވީތީ، އެއިރުވެސް، މިހާރު ވެސް، ދޮގުވެރީންގެ ގާތުގައި ގޯހީ ސުޕްރީމް ކޯޓެވެ. ހަގީގަތުގައި ކަން ހިނގައިގެން ދިޔަ ގޮތް ބަލައި، ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަނީ މަދު ބައެކެވެ.

ކޯޓުތަކާ ބެހޭ ގާނޫނުން އެކުލަވައިލި ޖުޑީޝަލް ކައުންސިލް އުވައިލައްވައިފައި، ސުޕްރީމް ކޯޓުން ދެން ކަނޑައެޅުއްވީ، އެހައިތަނުން ފެށިގެން ޖުޑީޝަލް ކައުންސިލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް ކަމުގައެވެ. އެ ނިންމެވުމަކީ އަމަލީ ނަޒަރަކުން ވިސްނާ އިރު އެންމެ ރަނގަޅު ގޮތް ކަމަކަށެއް ދެންނެވޭކަށް ނެތެވެ. ސަބަބަކީ، ކުރީން ނުހަނު ރަނގަޅަށް، އެހެން ކޯޓުތަކުގެ ފަނޑިޔާރުން ވެސް ތިއްބަވާ ގޮތަށް އަދި ޝޫރާގެ އުސޫލުން ހިނގަމުން އައި ކައުންސިލެއް، ހަމައެކަނި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބަވާ ތަނަކަށް ވެގެން ދިޔަދިޔުމާއި، އޭގެ ސަބަބުން ނުކުތް ނޭދެވޭ ނަތީޖާތަކެވެ. އެހެން ނަމަވެސް، ޖުޑީޝަލް ކައުންސިލުގައި ތިއްބަވާނީ ހަމައެކަނި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ނިންމެވި ނިންމެވުމަކީ ގާނޫނުއަސާސީއާ ފުށުއަރާ ނިންމުމެއް ކަމަށް ވެސް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. ސަބަބަކީ، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދެންނެވިދިޔަ ފަދައިން، ގާނޫނުއަސާސީގެ 141 (ށ) ގެ ދަށުން، އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ވުމެވެ.

ހަގީގަތެއް ދަންނަވަންތޯއެވެ؟

ދިވެހިރާއްޖޭގެ ސިޔާސީންގެ ތެރެއިން މަދު އިސްތިސްނާއެއް ފިޔަވައި އެންމެން ވެސް ތިބެނީ، ފަނޑިޔާރުގެ އެމީހުންގެ ބާރުގެ ދަށުގައި ބެހެއްޓުމަށް ފާޑެއްގެ ދެއްވެއް ހިފައިފައެވެ. މި ކަމުގައި، އެކަކަށް އިނގިލި ދިއް ކުރެވޭނެ އަނެކަކު، އެއް ޕާޓީއަށް އިނގިލި ދިއް ކުރެވޭނެ އަނެއް ޕާޓީއެއް އޮތް ކަމަކަށެއް ނުފެނެއެވެ. ފިސާރި ބާރުގަދަ ބޭހަކުން ނޫނީ، މި ބައްޔެއް އެއުރެންގެ ކިބަޔަކުން ފިލާނެ ކަމަކަށް ނުފެނެއެވެ.

ޖުޑީޝަލް ކައުންސިލުގެ މިއަދު

2018 ވަނަ އަހަރުގެ ތެރޭގައި، ސުޕްރީމް ކޯޓުން ވަނީ އެންމެ ފުރަތަމަ ވެސް ޖުޑީޝަލް ކައުންސިލް އޮތް ގޮތަށް އެ ކައުންސިލް އަލުން އެކުލަވައިލައްވައިފައެވެ. އެއީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިތުރުން، ހައިކޯޓުގެ އިސް ފަނޑިޔާރާއި، ސުޕީރިއަރ ކޯޓުގެ އިސްގާޒީންނާއި، ދެ މެޖިސްޓްރޭޓުން ހިމެނޭ ގޮތުންނެވެ.

އޮޅުމެއް ނެތް ގޮތުގައި، މިއީ ގާނޫނުއަސާސީއަށް ގެނެވޭ ހެޔޮ އިސްލާހަކުން، ގާނޫނުއަސާސީގެ ބާރުން ޖުޑީޝަލް ކައުންސިލެއް އެކުލަވައިލެވޭންދެން، ކައުންސިލް އޮތުން އެންމެ ރަނގަޅު ގޮތެވެ. އަދި މިހާރު ގާނޫނުއަސާސީގައި އޮތް 141 ވަނަ މާއްދާގެ (ށ) އެގޮތަށް އޮއްވައި، ޖުޑީޝަލް ކައުންސިލް އެކުލަވައިލެވޭނެ އެންމެ ރަނގަޅު ގޮތް ވެސް މެއެވެ.

މި ތަނުގައި ހެޔޮ އިސްލާހޭ މި ދެންނެވީ، ފަހަކަށް އައިސް "އިސްލާހު" ގެ މާނަ ބަދަލު ވެފައި ވާތީއެވެ. ކުރީން އިސްލާހަކީ އޭގެ ޒާތުގައި ހެޔޮ ބަދަލެވެ. ނަމަވެސް މިހާރު "އިސްލާހު" މިއީ ބާރުވެރިކަން އޮންނަ ބަޔަކު ހިތުހުރި ގޮތަށް އަމަލު ކުރީމާ، އެ ބަޔަކު ހެދި އެއްޗެކެވެ. އެހެންކަމުން، ހެޔޮ ބަދަލޭ ބުނުމަށް ޓަކައި، މިހާރު "އިސްލާހު" ގެ ކުރިޔަށް "ހެޔޮ" ލައިގެން ނޫނީ ފުދޭނެ ކަމަކަށް ނުފެނެއެވެ.

ދެން އޮތީ ކުރިޔަށް ވިސްނުމެވެ. މުސްތަގުބަލަށް ވިސްނުމެވެ.

ޖުޑީޝަލް ކައުންސިލުގެ މާދަމާ

ކުރިމަގަށް ޓަކައި މިހާރު ކުރާން ޖެހޭ ކަމަކީ، ގާނޫނުއަސާސީއަށް ގެންނަ ހެޔޮ އިސްލާހަކުން، ހަވަނަ ބާބަށް މާއްދާތަކެއް އިތުރު ކޮށް، ޖުޑީޝަލް ކައުންސިލް އުފެއްދުމެވެ.

2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހުން ކޯޓުތަކާ ބެހޭ ގާނޫނުން ޖުޑީޝަލް ކައުންސިލް އުފެއްދި ގޮތަށް، މިހާރު ވެސް ގާނޫނަކުން އެ ކައުންސިލު ގާއިމު ކުރެވިދާނެ ނޫންހޭ ބައެއް ބޭފުޅުން ސުވާލު ކުރައްވައިފާނެއެވެ. މިސާލެއްގެ ގޮތުން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ޖުޑީޝަލް ކައުންސިލެއްގެ ގޮތުގައި ހިނގާ "ޖުޑީޝަލް ކޮންފަރެންސް އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް" 1922 ވަނަ އަހަރު ވުޖޫދަށް ގެނައީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ފާސް ކުރި ގާނޫނަކުން ނޫންހޭ، މިހެން ވެސް އައްސަވައިފާނެއެވެ. ތެދުފުޅެކެވެ. ޔުނައިޓެޑް ސްޓޭޓްސްގެ ޖުޑީޝަރީގެ އިސް ޕޮލިސީ ބޮޑީއެއްގެ ގޮތުގައި ޖުޑީޝަލް ކޮންފަރެންސް ގާއިމު ކުރީ ގާނޫނު ހަދާ މަޖިލިހުން ހެދި ގާނޫނަކުންނެވެ. ނަމަވެސް އޭގެ ސަބަބަކީ 1787 ގައި އެމެރިކާގެ ދުސްތޫރު ލިޔުނު ޒަމާނުގައި، މިނިވަން ޖުޑީޝަރީތައް ހިންގުމުގައި ގެންގުޅޭން ޖެހޭ ބެސްޓް ޕްރެކްޓިސްގެ ބައެއް މިންގަނޑުތަކަށް، ތަޖުރިބާ އާއި ދިރާސާގެ ތެރެއިން އެއްވެސް އައްޔެއް އެޅިފައި ނެތުމެވެ. އަދި، އެމެރިކާގެ ގާނޫނުއަސާސީ އިސްލާހު ކުރުމަށް އޮންނަ އުނދަގޫ އިޖުރާއާތުގެ ސަބަބުން، ފަހުން ޖުޑީޝަލް ކައުންސިލެއް ހެދުމުގެ މަސައްކަތް ކުރާން ޖެހުމުން، އެންމެ ފަސޭހަ ގޮތަކީ ގާނޫނަކުން އެކަން ކޮށްލުން ކަމުގައި ވާތީ، އެ ގޮތަށް ކަން ކުރިކުރުމެވެ.

އެމެރިކާގެ ގާނޫނުއަސާސީ ލިޔުނުތާ 230 ވަރަކަށް އަހަރު ފަހުން، މިހާރުގެ ހާލަތު ތަފާތެވެ. ދައުލަތުގެ ބާރުތައް ވަކި ކުރެވި، މަބްދައުއް ދުސްތޫރިއްޔާގެ އުސޫލުތަކާ އެއްގޮތަށް ހިންގާ މިނިވަން ޖުޑީޝަރީތަކުގެ އެންމެ އިސް ޕޮލިސީ ބޮޑީގެ ގޮތުގައި ޖުޑީޝަލް ކައުންސިލް، ނުވަތަ ހައި ޖުޑީޝަލް ކައުންސިލް އެކުލަވައިލުމާ ބެހޭ އެންމެ ރަނގަޅު އުސޫލުތަކަކީ ކޮބައިކަން ލިޔެ ބަޔާން ކޮށްފައި ވާ ބައިނަލްއަގުވާމީ މިންގަނޑުތައް މިހާރު އެބަހުއްޓެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ، އެންމެ މުހިއްމު އެއް މިންގަނޑަކީ ކޮންސަލްޓޭޓިވް ކައުންސިލް އޮފް ޔޫރަޕިއަން ޖަޖަސްގެ އޮޕީނިއަން ނަންބަރ 10 (2007) އެވެ. އެ އޮޕީނިއަނުގެ 11 ވަނަ މާއްދާގައި އޮންނަނީ، ލިޔެވިގެންވާ ގާނޫނުއަސާސީއެއް އޮންނަ ދައުލަތެއްގައި ނަމަ، ޖުޑީޝަލް ކައުންސިލް އުފައްދައި އެ ކައުންސިލާ ބެހޭ އަސާސީ ކަންކަން އެކަށައަޅާން ޖެހޭނީ ގާނޫނުއަސާސީގައި ކަމުގައެވެ. އެގޮތުން، ކައުންސިލުގެ މެންބަރުންނަކީ ކޮބައިކަމާއި، ކައުންސިލުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތަކާއި މަސައްކަތްތައް ކަނޑައެޅިގެން ދާން ވާނީ ގާނޫނުއަސާސީގެ މާއްދާތަކުގައި ކަމުގައެވެ.

ކޯޓުތަކާ ބެހޭ ގާނޫނުން 2010 ގައި ޖުޑީޝަލް ކައުންސިލް އުފެއްދި އުފެއްދުމުގައި އޮތް އެއް ގޯހަކީ ވެސް މިއެވެ. ގާނޫނުއަސާސީން އަންނާން ޖެހޭ އެއްޗެއް ގާނޫނަކުން ގެނައުމެވެ.

މި އުސޫލުން ޖުޑީޝަލް ކައުންސިލް އުފެއްދުމަށް ޓަކައި ގާނޫނުއަސާސީ އިސްލާހު ކުރާ އިރު، އެންމެ ރަނގަޅު ވާނެ ގޮތެއް ކަމަށް އަޅުގަނޑަށް ފެންނަނީ އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމުގައި އޮންނަ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ބަދަލު ކޮށް، އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގައި ލިޔެ އިސްލާހު ކުރުމެވެ. މިހެން ހެދުމުން، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ޖުޑީޝަލް ކައުންސިލުގައި ހިމެނުން ލާޒިމެއް ނުވާނެއެވެ. އަދި އެއިރުން ޖުޑީޝަލް ކައުންސިލުގައި ހިމެނިވަޑައިގަންނަވާނީ އުއްތަމަ ފަނޑިޔާރާއި، ހައިކޯޓުގެ އިސް ފަނޑިޔާރާއި، ސުޕީރިއަރ ކޯޓުތަކުގެ ގާޒީންނާއި، ދެ މެޖިސްޓްރޭޓުންނާއި، ޖުޑީޝަރީގެ އިދާރީ އެންމެ އިސް މަގާމުތަކުގެ ބޭފުޅުން ކަމުގައި ކަނޑައެޅިދާނެއެވެ. އޭގެ އިތުރުން ހިމެނުން ރަނގަޅީ ދައުލަތުގެ ބަންޑާރަ ނާއިބާއި، ދިވެހިރާއްޖޭގެ ބާރ ކައުންސިލުގެ ރައީސެވެ. އުއްތަމަ ފަނޑިޔާރު، އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ނިންމަވާ ނިންމެވުންތައް ނިންމަވާނީ ޖުޑީޝަލް ކައުންސިލުގެ ލަފާގެ މަތީން ކަމަށް ކަނޑައަޅާން ވާނެއެވެ. ކައުންސިލުގެ ސާދާ އަޣްލަބިއްޔަތުގެ ނިންމުންތަކަށް ތަބައަ ވެވަޑައިގަތުން އުއްތަމަ ފަނޑިޔާރަށް މަޖުބޫރު ނުވިޔަސް، ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތުން ނިންމާ ނިންމުންތަކަށް އަމަލު ކުރެއްވުން ލާޒިމު ވާ ގޮތަށް އޮންނާން ވެސް ވާނެއެވެ.

ގާނޫނުއަސާސީގައި ޖުޑީޝަލް ކައުންސިލުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތަކާއި މަސައްކަތްތައް ބަޔާން އިރު، އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރުގެ އާއްމު ސިޔާސަތުތައް ކަނޑައެޅުމާއި، ކޯޓުތަކުގެ އިދާރީ ނިޒާމާއި ހިންގުމާއި ކޯޓުތަކުން ކުރާ ކަންކަން ރައްކައުތެރި ކުރުމަށް ޓަކައި ގަވާއިދުތައް ހެދުމާއި، ޝަރުއީ ދާއިރާގެ މިނިވަންކަން ނެގެހެއްޓުމަށް ޓަކައި ކޯޓުތަކުން ޤަޟާއީ ގޮތުން ނިންމާ ނިންމުންތަކުގެ އިތުރުން ކުރާން ޖެހޭ ކަންކަން ކުރުމާއި، ޝަރުއީ ދާއިރާގެ މިޝަނާއި ވިޜަނާއި ސްޓްރެޓެޖީތައް އެކުލަވައިލުމާއި، ފަނޑިޔާރުގޭގެ ތަރައްގީގެ ޕްލޭންތައް އެކުލަވައިލުމާއި، ޝަރުއީ ދާއިރާގައި ހިމެނޭ ކޯޓުތައް ފިޔަވައި އެހެން އިދާރާތައް އުފެއްދުމަށް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމާއި، އެފަދަ އިދާރާތައް ޖަވާބުދާރީ ކުރުވުން ފަދަ ކަންކަމެވެ. މި ގޮތަށް ޖުޑީޝަލް ކައުންސިލް އުފެދިއްޖެ ނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ފަދަ އިދާރާތައް ދާނީ އުއްތަމަ ފަނޑިޔާރުގެ އިރުޝާދުގެ ދަށުން ހިނގާ ގޮތަށް، ޖުޑީޝަލް ކައުންސިލުގެ ދަށަށެވެ. މި އިދާރާތައް ޖުޑީޝަލް ސަރވިސް ކޮމިޝަން ފަދަ، ޖުޑީޝަރީން ބޭރު، ކަމާނުބެހޭ ފަރާތްތަކުގެ ދަށަށް ގެންގޮސްގެން އުފެދޭނެ ހާސް ފިތުނަ އެއިރުން ދުރު ކުރެވޭނެއެވެ.

މި ދެންނެވި ގޮތުގެ މަތީން ޖުޑީޝަލް ކައުންސިލް އެކުލަވައިލިޔަސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟާއީ ހައިސިއްޔަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެއެވެ. ސުޕްރީމް ކޯޓު އޮންނާން ވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އެކްސަރސައިޒް ކުރާ އެންމެ މަތީ ޤަޟާއީ ކިޔާނުގެ ގޮތުގައެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް މާނަ ކުރުމުގައްޔާއި ޝަރީއަތުން ބަލާ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުން ނިންމާ، އެންމެ މަތީ ކޯޓުގެ ގޮތުގައެވެ. ގާނޫނުއަސާސީގެ ބެލެނިވެރިޔާގެ ހައިސިއްޔަތުގައެވެ. ބެލެނިވެރިކަމުގެ އިޚްތިސާސުގެ ދަށުން، ހުރިހާ ކޯޓުތަކުގެ މައްޗަށް ވެސް އެންމެ އިސް ކޯޓަށް ލިބިއޮންނާން ޖެހޭ ބާރުތައް ލިބިގެންވާ ކޯޓެއްގެ ގޮތުގައެވެ. ޚުދު ޖުޑީޝަލް ކައުންސިލުން ނިންމާ ނިންމުންތައް ވެސް ބާތިލު ކުރުމުގެ ބާރު ލިބިގެން ވާ ކޯޓެއްގެ ގޮތުގައެވެ. ސަބަބަކީ، އެފަދަ ކޯޓެއް ނެތި ފަނޑިޔާރުގޭގެ ނިޒާމު ފުރިހަމަ ނުވާނެތީއެވެ. ގާނޫނެއް، އަދުލުއިންސާފެއް، ހަމައެއް ނަމައެއް ނުދަންނަ ބަޔަކަށް ސުޕްރީމް ކޯޓަކީ "އެވްރީ ޓޮމް، ޑިކް، އެންޑް ހެރީ" ރިޕޯޓު ލިޔެގެން ކުށްވެރި ކުރެވިދާނެ ތަނެއްހެން ހީވިޔަސް، އެކަން އޮންނަނީ އެހެން ނޫން ކަމުގައި ވާތީއެވެ.

މި ދެންނެވި އުސޫލުން، ސުޕްރީމް ކޯޓަކީ ފަނޑިޔާރުގޭގެ އިދާރީ ކަންކަމާ ނުބެހޭ، ހަމައެކަނި އެންމެ މަތީ ކޯޓުގެ ހައިސިއްޔަތުގައި ހުންނަ ތަނަކަށް ވުމުން، ވަރަށް ގިނަ ފައިދާތައް ހާސިލު ކުރެވޭނެއެވެ. އެއް ކަމަކީ، އެ ކޯޓުގެ ފަނޑިޔާރުންގެ ވަގުތު ޤަޟާއީ މަސްއޫލިއްޔަތުތަކަށް ހުސް ކުރައްވާނެ ފުރުސަތު ލިބިވަޑައިގަތުމެވެ. އަނެއް ކަމަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިދާރީ ކަންކަމުގައި ނިންމަވައިފައި އޮންނަ ނިންމުންތަކާ ގުޅިގެން އުފެދި، އެ ކޯޓާ ހަމަޔަށް އަންނަ ޚުސޫމަތުތަކުގައި އެ ކޯޓުގެ ފަނޑިޔާރުން ނިޔާ ކަނޑައަޅުއްވާން ވީމާ، އުފެދިގެންދާނެ މަސްލަހަތު ފުށުއެރުމުގެ ހާލަތުތައް މެދުވެރިވުން ހުއްޓުމަކަށް އައުމެވެ.

ޖުޑީޝަރީ އިސްލާހު ކުރުމުގެ އެއްވެސް ހެޔޮ ނިޔަތެއް، އެއްވެސް އިޚްލާޞްތެރި އިރާދާއެއް އޮތް ބަޔަކު ނަމަ، މިއީ ކަން ކުރާން އޮތް ފައުޅު ވެ ފެނިގެންވާ ރަނގަޅު ގޮތެވެ.

comment ކޮމެންޓް