ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ކޮންޓްރެކްޓަރުން މަދުކުރަން މަޝްވަރާކުރަނީ

ބީލަންވެރިންގެ މަހާސިންތާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ކޮންޓްރެކްޓަރުން މަދުކުރުމަށް، އެމީހުންނަށް ރާއްޖޭގައި މަސައްކަތް ކުރެވޭނެ ދާއިރާގެ އަދަދު މަދުކުރުމަށް ވިސްނަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީއިން އިންތިޒާމުކޮށްގެން އިއްޔެ އިސްލާމީ މަރުކަޒުގައި ކުރިއަށް ދިޔަ "ބީލަންވެރިންގެ މަހާސިންތާ" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެކަންކަން ހައްލު ކުރުމަށް މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބޭރު ކޮންޓްރެކްޓަރުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިރު އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓް ނުކުރެވޭތީ އެކަމަށް ވަކި ގޮތްތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދައުލަތުގެ ވަކި ކަހަލަ ޕްރޮޖެކްޓުތައް ބޭރު މީހުންނާ ހަވާލު ކުރެވޭ އިރު ދިވެހި ކޮންޓްރެކްޓަރަކާ ޖޮއިންޓް ވެންޗާ ކުރެވިގެން ދިއުން މަޖުބޫރު ކުރުމުގެ އުސޫލެއް އެކުލަވާލަން މަޝްވަރާކުރަމުން އަންނަ ކަމަށާއި ހަމަ އެ އުސޫލު ޕްރައިވެޓް ސެކްޓާއަށް ވެސް ކަނޑައަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއަށް ދިމޭވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އަލަށް ރަޖިސްޓްރީ ކުރެވުނު ކޮންޓްރެކްޓަރުންނާ ވެސް ވަރަށް އަވަހަށް ބައްދަލުކޮށް އެމީހުންގެ ހިޔާލު ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން ބޭނުންވާ ބާރުމިނުގައި ކަންކަން ނިންމުމުގައި ދަތިވަނީ އެކަމަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ސަރުކާރުގައި ނެތުމުން ކަމަށެވެ.

comment ކޮމެންޓް