ދިރާގުން ރެޑްކްރެސެންޓުގެ ކޯޕަރޭޓް މެންބާޝިޕް އާކޮށްފި

ދިވެހި ރެޑްކްރެސެންޓުގެ ކޯޕަރޭޓް މެންބާޝިޕް ދިރާގުން އާކުރުން -- ފޮޓޯ: ދިރާގު

ދިވެހި ރެޑްކްރެސެންޓުގެ ކޯޕަރޭޓް މެންބާޝިޕް ދިރާގުން އާކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކާ މަސައްކަތްކުރާ އެންމެ ބޮޑު ޖަމާއަތުގެ ކޯޕަރޭޓް މެންބާޝިޕް އާކޮށް، އިންސާނިއްޔަތަށްޓަކާ ރެޑްކްރެސެންޓުން ދޭ ހިދުމަތްތަކަށް އެހީތެރިވުމަށް ދިރާގުން ނިންމާފައިވާ ކަމަށެވެ.

ދިވެހި ރެޑްކްރެސެންޓުގެ ސަބްސްކްރައިބިން މެންބާޝިޕަކީ ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. މި ފުރުސަތުގައި ދިރާގުން ބައިވެރިވެ، މީގެ ކުރިންވެސް ވަނީ ރެޑްކްރެސެންޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުގެ މެންބާޝިޕް އާ ކުރުމަށް މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ ވިދާޅުވީ، ދިރާގަކީ ދިވެހި ރެޑް ކްރެސެންޓްގެ އެންމެ ފުރަތަމަ ކޯޕްރޭޓް މެމްބަރު ކަމަށާއިމިމެމްބަޝިޕްގެ ސަބަބުން، ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާކަމެވެ.ހަރުދަނާ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި ދިރާގުން ދޭ އެއްބާރުލުމާއި، އިސްނެންގެވުން ފާހަގަކޮށް ނޫރާ ވަނީ ދިރާގަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ، ދިވެހި ރެޑް ކްރެސެންޓްގެ ޓީމަށާއި ހުރިހާ ވޮލަންޓިޔަރުން ކުރާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.

ދިރާގުން ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވިގޮތެއްގައި މުޖުތަމައުގައި ހިންގާ ހަރަކާތްތައް ހިންގުމަށް ދެ ފަރާތުން ގުޅިގެން ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އެހީ ވެގެންދާނީ ކުއްލި ހާލަތްތަކުގައި އާއި ކާރިސާތަކުގައި ދިވެހި ރެޑް ކްރެސެންޓުން އިޖާބަދިނުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު އެހީ އަކަށް ކަމަށާއިމި އެހީ ވެގެންދާނީ ކުއްލި ހާލަތްތަކުގައި އާއި ކާރިސާތަކުގައި ދިވެހި ރެޑް ކްރެސެންޓުން އިޖާބަދިނުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު ބާރަކަށް ކަމަށްވެސް ދިރާގުން ބުންޏެވެ.

މި އަހަރު ތެރޭގައިވެސް ދިވެހި ރެޑް ކްރެސެންޓުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިނގާދިޔަ 11 ކާރިސާއަކަށް އިޖާބަދީފައެވެ. މީގެ ތެރޭގައި ވާރޭ ވެހިގެން ފެންބޮޑުވުމާއި، އަލިފާނުގެ ހާދިސާތަކާއި، އަދި އެއާޕޯޓް އެކްސިޑެންޓެއްވެސް ހިމެނެއެވެ. މިކަންކަމުގެ އިތުރަށް، ރާއްޖޭގައި ބަލިތައް ފެތުރުން އިތުރުވާ ހިނދު، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް ސަރުކާރުގެ އެކި ވުޒާރާތަކާއެކު ދިވެހި ރެޑް ކްރެސެންޓް ހަރަކާތްތެރިވެއެވެ.

މިގޮތުން ގއ. ވިލިނގިލި ޔުނިޓުން، އެ އަތޮޅު ދާންދޫގައި އިންފްލުއެންޒާ ފެތުރުން އިތުރުވުމާއި ގުޅިގެން، ވިލިނގިލިން ފަނަރަ ދަރުމަވެރިން ދާންދޫއަށް ދަތުރުކޮށް ވަނީ އެރަށުގެ ކަމާގުޅޭ މުއައްސަސާތަކާއި ބައްދަލުކޮށް، ރައްޔިތުންނަށް ހޭލުންރެތިކަން ފޯރުކޮށްދީފައެވެ. މިފަދަ ކަންކަމުގެ އިތުރުން، ކުއްލި ހާލަތްތަކާއި ކާރިސާތަކުގައި ނަފްސާނީގޮތުން ނޭދެވޭ އަސަރުކޮށްފައިވާ ފަރާތްތަކަށް، އެކަމުން އަރައިގަންނަން އެހީވުމަށް، ނަފްސާނީ ފުރަތަމަ އެހީވެސް ވަނީ ގިނަ ފަރާތްތަކަކަށް ދެވިފައެވެ. ކޮންމެ އަހަރަކުވެސް ދިވެހި ރެޑް ކްރެސެންޓުން އެތައް ސަތޭކަ ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިވެދެވެއެވެ.

ގާނޫނު ނަންބަރު 7/2009 ގެ ދަށުން ދިވެހި ރެޑް ކްރެސެންޓް އުފެދިފައިވަނީ 16 އޮގަސްޓް 2009 ގައެވެ. ދިވެހި ރެޑް ކްރެސެންޓުގެ އަސާސީ މަގުސަދަކީ ހާލުގައިޖެހިފައިވާ ފަރާތްތަކާއި ނާޒުކު ނިކަމެތި ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުސްތަޤިއްލުކަމާއިއެކު މަސައްކަތްކޮށް، އެފަރާތްތައް އެފަދަ ހާލަތްތަކުން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމެވެ. އިންސާނިއްޔަތަށްޓަކައި ހިދުމަތް ފޯރުކޮށްދޭތާ 10 އަހަރު ވާއިރު، ރާއްޖޭގެ 20 ރަށެއްގައި 4000 އަށް ވުރެ ގިނަ ދަރުމަވެރިން، މެމްބަރުން އަދި މުވައްޒަފުންނާއެކު ދިވެހި ރެޑް ކްރެސެންޓުން މައިގަނޑު ފަސް ދާއިރާއަކުން ދަނީ ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް