ރޯޑް ރޭހުގެ ބައިވެރިންނަށް ދިރާގު ޕޭ އިން 50 ޕަސެންޓް ޑިސްކައުންޓް

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފުރަތަމަ 1000 ދުވުންތެރިއަކަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އޮންނަ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ޕޭގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ރެޖިސްޓްރޭޝަން ފީ ދެއްކޭނެ އެވެ.

ދުވުމުގެ ރެޖިސްޓްރޭޝަން ފީ އަކީ 100 ރުފިޔާ އެވެ. ދިރާގު ޕޭ އިން ފައިސާ ދައްކާ ނަމަ ދުވުންތެރިޔާ ދައްކަންޖެހޭނީ 50 ރުފިޔާ އެވެ. އަނެއް 50 ރުފިޔާ ދައްކާނީ ދިރާގުންނެވެ. ރެޖިސްޓްރޭޝަން ފީގެ އިތުރުން ދުވުންތެރިންނަށް ޑޮނޭޝަން ދިނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ޑޮނޭޝަންގެ ގޮތުގައި ލިބޭ ފައިސާ ހަދިޔާކުރާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ ތަކަށެވެ.

ދިރާގު ޕޭއަކީ ދިރާގުން ތައާރަފުކޮށްފައިވާ ކޭޝްލެސް ވޮލެޓެކެވެ. ދިރާގު ޕޭ ޕްލޭ ސްޓޯރު އަދި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ރެޖިސްޓްރޭޝަން މިހާރު ފަށާފައިވާ އިރު މި އަހަރުގެ ރޭހުގައި ދެ ކެޓަގަރީއެއްގެ ދުވުން އޮންނާނެ އެވެ. އެއީ ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރެވެ. ދިހަ ކިލޯ މީޓަރުގެ ދުވުންތެރިންގެ ދުވުން އޮންނާނީ ހެނދުނު 6:00 ގަ އެވެ. އަދި ފަސް ކިލޯ މީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގަ އެވެ. ދިހަ ކިލޯ މީޓަރުގެ ރޭސް ނިންމުމަށް ފަހު އަލުން ފަސް ކިލޯމީޓަރުގެ ރޭހުގައި ބައިވެރިވާން ބޭނުން ނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ދިރާގު މޯލްޑިސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ގޮތުން އެކްރިޑޭޓް ކޮށްފައިވާ ހަމައެކަނި ދުވުމެވެ. މިއީ މި ދުވުން ބާއްވާ 13 ވަނަ އަހަރެވެ.

މި އަހަރުގެ ރޭހުގައި ދުވުންތެރިންނަށް އަމިއްލަ އަށް ބިބް ނަންބަރު އިހުތިޔާރު ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ބިބް ނަންބަރު އަމިއްލައަށް އިހުތިޔާރު ކުރާނަމަ 500 ރުފިޔާ ދައްކަން ޖެހެ އެވެ.

ރޯޑް ރޭސް މެދުވެރިކޮށް މިދިޔަ އަހަރު ދިރާގުން ވަނީ 10 އެންޖީއޯ އަކަށް ޖުމްލަ 600،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ. އެއީ ދުވުން ތެރިން ރެޖިސްޓްރޭޝަންގައި ދައްކަވާ ފީ ނުވަތަ ޑޮނޭޝަންގެ 100 ޕަސެންޓް ގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި ފަސް ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި ޖުމްލަ 200،000 ރުފިޔާގެ އެހީ އެވެ.

comment ކޮމެންޓް