ކަޝްމީރުގެ ސްކޫލުތައް ހުޅުވައިފި، ނަމަވެސް ދަރިވަރުން ގޭގައި

ކަޝްމީރުގެ ސްކޫލުތައް ހުޅުވި ނަމަވެސް ގިނަ ދަރިވަރުން ސްކޫލަށް ނުދޭ -- ފޮޓޯ: އޭޕީ

ސްރީނަގަރު (އޮގަސްޓު 20): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު އިއްޔެ އަލުން ހުޅުވި ނަމަވެސް ގިނަ ސްކޫލުތަކަށް ދަރިވަރުން ނުދާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ ދަށުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ 370 މިމަހުގެ ފަހެއްގައި އުވާލުމުގެ ކުރިން އެސަރަހައްދުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އަދި އެފިޔަވަޅުތަކުގެ ދަށުން ސްކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމަށް ފަހު އިއްޔެ ހުޅުވާނެ ކަމަށް އިންޑިއާ ސަރުކާރުން ހަފްތާ ބަންދު ތެރޭގައި ބުންޏެވެ.

އެގޮތުން އިންޑިއާ ސަރުކާރުން ނިންމީ އިއްޔެ 200 ޕްރައިމަރީ ސްކޫލު ހުޅުވާށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ސްކޫލުތަކަށް ދިޔައީ ވަރަށް މަދު ދަރިވަރުން ކަމަށާއި ބައެއް ސްކޫލުތަކަށް އެއްވެސް ކުއްޖަކު ނުދާ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ކަޝްމީރުގެ ފުލުހަކު ވިދާޅުވި ގޮތުގައި ދަރިވަރުން ސްކޫލަށް ނުފޮނުވަނީ އެސަރަހައްދުގައި ހަމަނުޖެހުން އުފެދި، ކުދިންގެ ފުރާނައަށް ނުރައްކާވެދާނެތީ އެވެ. އަދި މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައި ވުމުން، އެމާޖެންސީ ހާލަތެއްގައި ސްކޫލުގެ މުވައްޒަފުންނަށް ނުގުޅޭނެތީ އެވެ.

ކަޝްމީރުގައި މުވާސަލާތީ ހިދުމަތްތަކަށް ހުރަސް އަޅާފައިވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ހަފްތާ ބަންދު ތެރޭގައި އިންޑިއާއިން ވަނީ އެސަރަހައްދުގައި ލޭންޑްލައިން ފޯނުތައް ބޭނުން ކުރެވޭ ގޮތް ހަދަން ފަށާފަ އެވެ. ނަމަވެސް މޮބައިލް ފޯނާއި އިންޓަނެޓު އަދިވެސް ބޭނުން ނުކުރެވެ އެވެ.

މާއްދާ 370 އުވާލުމުގެ ސަބަބުން ކަޝްމީރަށް ވަނީ އެސަރަހައްދުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު ގެއްލިފަ އެވެ. އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ކަޝްމީރަކީ ފެޑެރަލް ސްޓޭޓެއްގެ ބަދަލުގައި، މައި ސަރުކާރުގެ ބާރު ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަށް ބަދަލު ކުރަން ނިންމާފަ އެވެ.

އިންޑިއާ ސަރުކާރުން އެނިންމުންތައް އިއުލާން ކުރުމުގެ ކުރިންނާއި ފަހުން ކަޝްމީރުގެ 1،000އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ކަޝްމީރުގެ ލީޑަރުންނާއި އެސަރަހައްދުގެ ކުރީގެ ތިން ޗީފް މިނިސްޓަރަކު ހިމެނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި މާއްދާ 370 އުވާލާފައި ވަނީ ކަޝްމީރުގެ އިގުތިސާދީ ކުރިއެރުމަށާއި އެސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށެވެ.

comment ކޮމެންޓް