ސޯޝަލް މީޑިއާގެ ސަބަބުން ފުރާވަރުގެ ކުދިންގެ ނަފްސާނީ ބަލިތައް އިތުރުވޭ

ސޯޝަލް މީޑިއާއިން ފުރާވަރުގެ ކުދިންގެ ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރު ކުރޭ -- ފޮޓޯ: ގެޓީ

ސޯޝަލް މީޑިއާ ގިނައިން ބޭނުން ކުރުމުން ފުރާވަރުގެ ކުދިންގެ ނަފްސާނީ ސިއްހަތަށް ނޭދޭވޭ އަސަރުތަކެއް ކުރާ ތިން ގޮތެއް އާ ދިރާސާއަކުން ފާހަގަކޮށްފި އެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަން އާއި އިމްޕީރިއަލް ކޮލެޖް ލަންޑަންއިން ހެދި އެދިރާސާއަކީ 13 އަހަރާއި 16 އަހަރުގެ 10،000 ކުދިން ބައިވެރިކޮށްގެން ހެދި ދިރާސާއެކެވެ. އަދި އޭގައި ދެ އަހަރުވަންދެން އެކުދިން ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ އެޕްތައް ބޭނުން ކުރާ މިންވަރާއި އެކުދިންގެ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް ބެލި އެވެ.

މެޑިކަލް ޖާނަލް ލާންސެޓުގައި ޝާއިއުކޮށްފައިވާ އެދިރާސާއިން ދެއްކި ގޮތުގައި ސޯޝަލް މީޑިއާ މަދުން ބޭނުން ކުރާ ކުދިންނަށް ވުރެ، ޝޯޝަލް މީޑިއާ ގިނައިން ބޭނުން ކުރާ ކުދިން ނަފްސާނީ ދުޅަހެޔޮކަމާ ގުޅުން ހުރި ކަންބޮޑުވުންތައް ރިޕޯޓު ކުރާ މިންވަރު އިތުރެވެ. އެދިރާސާގައި ސޯޝަލް މީޑިއާ ގިނައިން ބޭނުން ކުރާ ކަމަށް ކަނޑައަޅަނީ ދުވާލަކު ތިން ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ސޯޝަލް މީޑިއާ ބޭނުން ކުރާ ނަމަ އެވެ.

ދިރާސާ ހެދި ފަރާތްތަކުން ބުނާ ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ކުރުމުން ކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ގޮތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ބުލީ ކުރުމާއި، ހަމަ ނިދި ނުލިބުމާއި ހެލިފެލިވެ އުޅޭ މިންވަރު މަދުވުން ހިމެނެ އެވެ.

"އަޅުގަނޑުމެންގެ ދިރާސާއިން ދެއްކި ގޮތުގައި ގިނައިން ސޯޝަލް މީޑިއާ ބޭނުން ކުރުމުން ކަސްރަތު ކުރުމާއި ހަމަ ނިދި ލިބުން ފަދަ ނަފްސާނީ ސިއްހަތަށް ފައިދާ ހުރި ކަންތައްތަކުން ދުރުހެލިވެ، ބުލީ ކުރުން ފަދަ ނޭދެވޭ ތަޖުރިބާތަކަށް ކުއްޖާ ހުށަހެޅޭ،" ދިރާސާގައި އިސްކޮށް ހުންނެވި ރަސެލް ވައިނާ ވިދާޅުވި އެވެ.

އެދިރާސާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ޖެނިފާ އޭޝްޓަން ވިދާޅުވި ގޮތުގައި ފުރާވަރުގެ ކުދިންނަށް ކޮންމެ ރެއަކު ނުވައެއް ނުވަތަ 10 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ.

"[މިދިރާސާއިން ދައްކާ ގޮތުގައި ސިއްހަތަށް ނޭދެވޭ އަސަރު ކުރަނީ] ސީދާ ސޯޝަލް މީޑިއާއިނެއް ނޫން. ނަމަވެސް ކަސްރަތާއި ހަމަ ނިދި ނުލިބުމުން... ހަމަ ނިދި ނުލިބޭ ނަމަ ލޭ ހޮޅިތަކާއި ހިތާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި މައްސަލަތަކަށް މަގުފަހިވޭ،" އޭޝްޓަން ވިދާޅުވި އެވެ.

އެދިރާސާ ހެދި ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާއިން ކުދިންގެ ނަފްސާނީ ސިއްހަތަށް އެންމެ ބޮޑަށް ނޭދެވޭ އަސަރު ކުރަނީ އޭގެ ޒަރިއްޔާއިން ބުލީ ކުރުމުން ކަމަށް ފާހަގަކޮށްފަ އެވެ. އެހެންކަމުން އެފަދަ ބުލީ ކުރުން ހުއްޓުވުމަށާއި، ބުލީ ކުރާ ހާލަތެއްގައި ކުދިން އަމަލު ކުރާނެ ގޮތް ދަސްކޮށްދިނުމަށް ދިރާސާ ހެދި ފަރާތްތަކުން ލަފާ ދެ އެވެ. އަދި އެންމެ މުހިއްމު ކަމަކީ ސޯޝަލް މީޑިއާ ބޭނުން ކުރާ އިރު ވަކި ހައްދުތަކެއް ކަނޑައެޅުން ކަމަށް ބުނެ އެވެ.

comment ކޮމެންޓް