ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ އެއާޕޯޓްގައި ތަރައްގީ ކުރަމުން އަންނަ އާ ސީ ޕްލޭން ޓާމިނަލް، ނު އަގުގައި ވަކި ބަޔަކަށް ކުއްޔަށް ދޭން އުޅޭ ކަމުގެ ތުހުމަތުކޮށް އޮޑިޓެއް ހަދަން އޮޑިޓް އޮފީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
މިއަދު އޮތް މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، އެމްއޭސީއެލް އިން އަލަށް ހަދާ ސީ ޕްލޭން ޓާމިނަލް ކުޑަ އަގެއްގައި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެހެންވެއްޖެ ނަމަ އެކަމުގެ ސަބަބުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު ވެސް ކުޑަވެގެން ދާނެ ކަމަށެވެ.
އެގޮތުން ސަރުކާރުގެ ޚަރަދުގައި އަލަށް ހަދާ ސީ ޕްލޭން ޓާމިނަލް ކުއްޔަށް ދޭން ނިންމާފައިވަނީ ވެސް މީގެ އެތައް އަހަރެއް ކުރިން ދީފައިވާ އަގަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސީ ޕްލޭން ޓާމިނަލްގައި އެމްއޭސީއެލް އިން ލޯންޖު ހިންގައިގެން ބޮޑުފައިދަާއެއް ހޯދަމުން އަންނައިރު އެ ތަން ހިންގުމުގެ ވަސީލަތްތައް ނެތް ކަމަށް ބުނެ ލޯންޖުތައް ވެސް ދޫކޮށްލުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ޔައުގޫބް ތުހުމަތު ކުރެއްވި އެވެ.
"އެއީ ރަނގަޅު މައުލޫމާތެއްތޯ ބަލަން އެކަމާ ގުޅޭ ގޮތުން ހާއްސަ އޮޑިޓެއް ކުރަން އޮޑިޓާ ޖެނަރަލްއަށް ދަންނަވަން މި ހުށަހަޅަނީ،" ޔައުގޫބް ވިދާޅުވި އެވެ.
އަދި އެ އޮޑިޓް ރިޕޯޓަށް ފަހު ކޮމެޓީން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް ވެސް ޔައުގޫބް ވަނީ ހުށަހަޅާފަ އެވެ.
ދައުލަތުގެ ބެލުމުގައިވާ ތަނެއް ކުއްޔަށް ދޫކުރަން ޖެހޭނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ ތުހުމަތުކޮ ކުރައްވާފައި ވަނީ އެމްއޭސީއެލް އިން އާ ސީ ޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދޭން އުޅޭ ކަމަށެވެ.
އާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 40 މިލިއަން ޑޮލަރަށެވެ.
އާ ސީޕްލޭން ޓާމިނަލްގެ 73 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ. އެގޮތުން މިހާރު ކުރަމުންދަނީ އިމާރާތުގެ ކަރަންޓް ވަޔަރުކުރުމާއި، ފިޔުލް ޕައިޕްލައިންތައް ހަރުކުރުމުގެ އިތުރުން އިންޓީރިއާ ފިނިޝިންގެ މަސައްކަތް އަދި އިމާރާތުގެ ބޭރުން ފަސާޑު ހެދުމުގެ މަސައްކަތް ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.