އަސްޓްރާއިން އިނގިރޭސީންގެ ކުލަ ފިލްމް!

އައްޑޫގައި އިނގިރޭސީން އުޅުނު އިރު ފިލްމު ބެލުމަށް ގަމުގައި ހެދި އެސްޓްރާ ސިނަމާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިނގިރޭސީއިން ގަމުގައި ތިބި ދުވަސްވަރު އެ މީހުން ހެދި އިމާރާތްތަކުގެ ތެރެއިން މިހާތަނަށް ވެސް ވީރާނާ ނުވެ، ފެންނާން ހުރި މަދު އިމާރާތްތަކުގެ ތެރެއިން މިއީ އެންމެ ހާއްސަ އެއް އިމާރާތެވެ. ކޮންކްރީޓުން ހަދައި ބޭރުގައި ހުދު ކުލަ ލާފައި ހުރި މިތަނަކީ މި ޒަމާނަށް ވެސް ބަލައިލަން އެންމެ ރީތި އިމާރާތެކެވެ. އިމާރާތަށް ވަންނަން ހުރި މައި ދޮރާށީގެ މަތީގައި ބޮޑު އަކުރުން އިނގިރޭސިން ލިޔެފައި ވަނީ "އަސްޓްރާ" އެވެ. މިއީ އިނގިރޭސީން އައްޑޫގައި ތިބި އިރު، ފިލްމު ބަލަން އެޅި މަޝްހޫރު އަސްޓްރާ ސިނަމާ އެވެ.

ތާރީހުގެ ތެރެއަށް ދާއިރު އަސްޓްރާ ސިނަމާ ބިނާކުރީ 1957ގައި އިނގިރޭސީން ދެވަނަ ފަހަރަށް އައްޑޫއަށް ދިޔަ ދުވަސްވަރު އެވެ. އިނގިރޭސީން އައްޑު އަތޮޅުން ފައިބައިގެން ދިޔުމަށް ފަހު ވެސް އެކިއެކި ބޭނުންތަކުގައި އާސްޓްރާ ބޭނުންކޮށްފައިވެ އެވެ. އެގޮތުން އެތަނުގައި ފިލްމު އަޅުވައި ސްޓޭޖް ޝޯތައް ވެސް ބާއްވައި ހެދި އެވެ. އެގޮތުން 2004 ވަނަ އަހަރާ ހަމައަށް ގާމެންޓް ފެކްޓަރީއެއް ހިންގަން ލަންކާ ކުންފުންޏަކުންވެސް އެ އިމާރާތް ބޭނުން ކުރި އެވެ.

އައްޑޫގައި އިނގިރޭސީން އުޅުނު އިރު ފިލްމު ބެލުމަށް ގަމުގައި ހެދި އެސްޓްރާ ސިނަމާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު އާސްޓްރާ ސިނަމާ ބަލަހައްޓަނީ ގަމުގެ ބޮޑު ބައެއް ބަލަހައްޓާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިންނެވެ. އާސްޓްރާ ފަޅުވެ، ވީރާނާ ވަމުންދަނިކޮށް އެއާޕޯޓު ކުންފުނީގެ އިސްނެގުމުގެ މަތިން އެތަން މަރާމާތްކޮށް މިހާރު ވަނީ އަނބުރާ "ރަންޒަމާނަށް" ގެންގޮސްދީފަ އެވެ. އަސްޓްރާ މިހާރު ބަދަލުކޮށްލާފައި ވަނީ ގަމުގައި އިނގިރޭސީން އުޅުނު ދުވަސްވަރާ ގުޅޭ މިއުޒިއަމް އަކަށެވެ.

އަސްޓްރާގެ މައި ދޮރުން ވަން އިރު އެންމެ ފުރަތަމަވެސް ފެންނާނީ އެތަނުގެ ޓިކެޓު ކައުންޓަރެވެ. އެތަނުގެ ކައުންޓަރުގެ މޭޒާއި ޓިކެޓު ދޫކުރަން ކަނޑާ ނަގާފައި ހުރި ބިއްލޫރިގަނޑުވެސް ގެއްލުމެއް ނުވެ އެބަ ހުއްޓެވެ. ހީވަނީ މިއަދުވެސް ބޭނުންކޮށްފައި ހުރި ތަނެއް ހެންނެވެ.

އައްޑޫގައި އިނގިރޭސީން އުޅުނު އިރު ފިލްމު ބެލުމަށް ގަމުގައި ހެދި އެސްޓްރާ ސިނަމާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާގެ ތެރޭގައި ކުރިން ހުންނަނީ ސްޕޮންޖު ޖަހާފައި ހުންނަ ގޮނޑިތަކެވެ. އެކަމަކު، އެ ގޮނޑިތައް ބާވެ ހަލާކުވުމުން ދެ ހާހުގެ ކުރީ ކޮޅު ކުރީގެ ގަން ބަަލަހައްޓާ ޔުނިޓުން ވަނީ އެ ގޮނޑިތައް އެއްލާލައި ޕްލާސްޓިކް ގޮނޑިތަކެއް ޖަހައިފަ އެވެ. މިހާރު އެތަނުގައި ހުންނަނީ އެ ޕްލާސްޓިކް ގޮނޑިތަކެވެ.

ސިނަމާގެ ތެރެއަށް ވަނުމުން އެންމެ ފުރަތަމަވެސް އަޅައިގަތީ ބަރިބަރިއަށް ޖަހާފައި ހުރި ގޮނޑިތަކާއި ސިނަމާގެ ބޮޑު ސްޓޭޖެވެ. އެ ތަނުގައި މީގެ އެތައް އަހަރެއް ކުރިން މީހުން ފިލްމު ބަލަން ތިބޭނެ ގޮތުގެ ތަސްވީރު ސިކުނޑީގައި ވަރަށް ފަސޭހައިން ކުރެހުނެވެ.

އައްޑޫގައި އިނގިރޭސީން އުޅުނު އިރު ފިލްމު ބެލުމަށް ގަމުގައި ހެދި އެސްޓްރާ ސިނަމާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާގެ އެތެރޭގެ ފާރުތައް މިހާރު ފަޅުފިލުވާލާފައި ވަނީ ތާރީހީ ފޮޓޯތަކުންނެވެ. އިނގިރޭސީން އައްޑޫ މީހުންނާ އެކު ނަގާފައިވާ ފޮޓޯޓަކާއި އިނގިރޭސީން މަސައްކަތުގައި އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެވެ. އަދި އައްޑޫ މީހުންގެ އިހުގެ ދިރިއުޅުން ފެންނަ އެތައް ފޮޓޯއެއް ފްރޭމްކޮށްފައި ފާރުތަކުގައި ހުރީ އަޅުވައިފަ އެވެ.

އެންމެ ފާހަަގަކޮށްލެވުނީ ގަމުގައި ހިންގި ޑޮންޑޮން ފުޅި ފެކްޓަރީގައި ދިވެއްސަކު މަސައްކަތް ކުރާތަން ފެންނަ ފޮޓޯއެވެ. އަދި ގަމުގެ ހައިޖީން ޑިޕާޓްމެންޓުގައި މަސައްކަތް ކުރި ދިވެއްސަކު މަދިރި މަރާ ބޭސް ޖަހާ މަންޒަރު ފެންނަ ފޮޓޯވެސް އެހާމެ ޝައުގުވެރި އެވެ. ފޮޓޯތަކުން ފެނުނު ކުޑަ ކުދިން މިހާރު ވާނީ ކޮންތާކުތޯ ހިތާ ހިިތާ ސުވާލުކޮށްލެވުނެވެ.

އައްޑޫގައި އިނގިރޭސީން އުޅުނު އިރު ފިލްމު ބެލުމަށް ގަމުގައި ހެދި އެސްޓްރާ ސިނަމާ: އެތަނުގައި ގަމުގައި އިނގިރޭސީން އުޅުނު އިރު ނަގާފައި ހުރި ބައެއް ފޮޓޯތައް ބަހައްޓާފައި ހުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާ ތެރޭގައި ޖަހާފައި ހުރި ސްޓޭންޑުތަކުގައި އިނގިރޭސީން ބޭނުން ކުރި ބައެއް ތަކެތިވެސް ޑިސްޕްލޭކޮށްފައި ހުރެ އެވެ. ކާން ބޭނުން ކުރި ސަމްސަލާއި އުލަށް ދާންދެނެވެ. އިނގިރޭސީން ލައި އުޅުނު މަޑު މަޑު މުށި ކުލައެއްގެ ޔުނީފޯމެއްވެސް އެތަނުގައި ފެންނަ ގޮތަށް ބަހައްޓާފައި ހުރެ އެވެ.

އެންމެ ޝައުގުވެރިވީ އިނގިރޭސީން ގޮލްފު ކުޅެން ގެންގުޅުނު ބޯޅައަކަށެވެ. ގަމުގައި ގޮލްފް ކުޅެ އުޅުނު ކަމެއް ކުރިންނެއް ނޭނގެ އެވެ. ސިނަމާގައި މައުލޫމާތު ދެމުން ދިޔަ އެއާޕޯޓު ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިނގިރޭސީން ގަމުގައި ގޮލްފު ކުޅެ އުޅުނީ ގަމުގެ ދެކުނު ފަރާތުގަ އެވެ. އެތަން މިހާރު އޮތީ ގޮލްފު ކުޅެވޭ ވަރަށް ވުރެ ބޮޑަށް ވާ ހެދިފަ އެވެ.

އައްޑޫގައި އިނގިރޭސީން އުޅުނު އިރު ފިލްމު ބެލުމަށް ގަމުގައި ހެދި އެސްޓްރާ ސިނަމާ: މިހާރު އެތަނުގައި ހުންނަނީ އާރުއޭއެފް ޒަމާނުގެ ފޮޓޯތަކާއި އޭރުގައި ބޭނުންކުރި ބައެއް ތަކެތި ދައްކާލަން ބަހައްޓާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ސިނަމާގެ ތެރެއަށް ވަދެ އުޅުމުން ފެންނަނީ އެތަނުގެ ތާރީހު ދަމަހައްޓަން ކޮށްފައި ހުރި މަސައްކަތެވެ. އެ ތާރީހު ރައްކާތެރިކުރަން މުހިންމުކަން ދީފައި ހުރި މިންވަރެވެ. އެއާޕޯޓު ކުންފުނިން އާސްޓްރާ މަރާމާތު ކުރި އިރު، އަތަނުގެ އަސްލު ސިފަ ނުގެއްލޭ ގޮތަށް އެކަން ކުރަން ވަރަށް ބޮޑު މަސައްކަތެއް ކޮށްފައިވެ އެވެ.

އަސްޓްރާގެ ސީލިންގެ ހަލާކުވެފައި ހުރި ތަންތަން، މަރާމާތުކޮށްފައި ވަނީ އިނގިރޭސީން ސީލިން ހަދާފައިވާ ތަކެއްޗާ އެއްގޮތް ތަކެތިންނެވެ. ހަލާކުވެފައިވާ "އެގްޒިޓް" ބޯޑު ހެދީ އޮރިޖިނަލް އެގްޒިޓު ބޯޑު ހަދާފައިވާ ގޮތަށެވެ. ބޯޑުގައި "އެގްޒިޓް" ޖަހާފައި ވަނީވެސް އިނގިރޭސީން ޖެހި ފޮންޓަކުންނެވެ. އެތަނުގެ އެގްޒޯސްޓް ފޭނަކީވެސް ވަރަށް އިހުގެ މަރުކާއެއްގެ އެއްޗެކެވެ. އެކަމަކު، އެ އެގްޒޯސްޓް ފޭންވެސް ވަނީ ވަރަށް ހާލުން މަސައްކަތް ކުރާ ފެންވަރަށް ގެނެސްފަ އެވެ.

އައްޑޫގައި އިނގިރޭސީން އުޅުނު އިރު ފިލްމު ބެލުމަށް ގަމުގައި ހެދި އެސްޓްރާ ސިނަމާ: މިހާރު އެތަނުގައި ހުންނަނީ އާރުއޭއެފް ޒަމާނުގެ ފޮޓޯތަކާއި އޭރުގައި ބޭނުންކުރި ބައެއް ތަކެތި ދައްކާލަން ބަހައްޓާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫގައި އޭރު ސްޓޭޝަންކޮށްފައި ތިބި ބައެއް ސިފައިން މުސްކުޅި އުމުރުގައި އަދިވެސް ގަމަށް ޒިޔާރަތް ކުރެ އެވެ. އެ މީހުން ޒިޔާރަތް ކުރަނީ އެކުގައި އުޅުނު މީހުންނާ އެކު ރީޔުނިއަންތަކަށެވެ. ގަމަށް އަންނަ ފަހަރުތަކުގައި މަޑު ކުރަނީ އީކުއެޓާ ވިލެޖުގަ އެވެ. އަސްޓްރާ މި ފެންވަރަށް މަރާމާތު ކުރި ފަހަން އަދި އެ މީހުން ޒިޔާރަތެއް ނުކުރެ އެވެ. އެކަމަކު، އެ މީހުން ގެނެސް އާސްޓްރާ ދައްކާލަން އެއާޕޯޓު ކުންފުނިން ބޭނުންވެ އެވެ.

މިތަން އަދި އާންމުންނަކަށް ހުޅުވައެއް ނުލަ އެވެ. އައްޑޫއަށް އަންނަ ބޭރު އަދި ދިވެހި ފަތުރުވެރިންނަށް މިތަން ބަލާލައި ގަމުގެ ތާރީހާ ބެހޭގޮތުން މުހިންމު މައުލޫމާތުތަކެއް ދޭން މިތަން ހުޅުވާލުމުގެ ވިސްނުން އައްޑޫ އެއާޕޯޓު ކުންފުނިން ގެންގުޅެ އެވެ.

އައްޑޫގައި އިނގިރޭސީން އުޅުނު އިރު ފިލްމު ބެލުމަށް ގަމުގައި ހެދި އެސްޓްރާ ސިނަމާ: މިހާރު އެތަނުގައި ހުންނަނީ އާރުއޭއެފް ޒަމާނުގެ ފޮޓޯތަކާއި އޭރުގައި ބޭނުންކުރި ބައެއް ތަކެތި ދައްކާލަން ބަހައްޓާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއާޕޯޓު ކުންފުނިން ދިން ގަމުގެ ހާއްސަ ޓުއާގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު ތާރީހީ ތަނަކީ އަސްޓްރާ ސިނަމާ އެވެ. އެތަނުގެ ދޮރުން ވަދެވުމާ އެކު ހަގީގަތުގައިވެސް ވަދެގެން ދަނީ މީގެ ފަސްދޮޅަހަކަށް އަަަހަރު ކުރީގެ ހަނދާންތަކަށެވެ. ސިނކުޑީގައި އެޅުވުނު ފިލްމަކީ އިނގިރޭސީންގެ ޒަމާނުގެ ކުލަ ހަނދާންތަކެވެ.

comment ކޮމެންޓް