ކަޝްމީރުގެ ކޮންގްރެސް ޕާޓީގެ ލީޑަރުން ހައްޔަރުކޮށްފި

ކަޝްމީރުގައި އިންޑިއާއިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޮގަސްޓު 18): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ތިބި ކޮންގްރެސް ޕާޓީގެ ބައެއް ލީޑަރުން ހައްޔަރުކޮށްފި އެވެ.

ކޮންގްރެސް ޕާޓީގެ ޓުވީޓެއްގައިވާ ގޮތުން އެޕާޓީގެ ކަޝްމީރު ޔުނިޓުގެ ލީޑަރު ގުލާމު އަހުމަދު މިރު އާއި ތަރުޖަމާނު ރަވިންދަރު ޝަރުމާ ހައްޔަރު ކުރީ ޖައްމޫގައި ހުންނަ ޕާޓީގެ މައި އޮފީހުގައި ޕްރެސް ކޮންފަރެންސެއް ކުރިއަށްގެންދަނިކޮށެވެ. އަދި މިރު ވަނީ ގޭ ބަންދުގައި ބަހައްޓައިފަ އެވެ.

ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު ރާހުލް ގާންދީ ވަނީ އެޕާޓީގެ މެމްބަރުން ހައްޔަރު ކުރުން ކުށްވެރި ކުރައްވައިފަ އެވެ. އަދި އެއީ އިންޑިއާ ސަރުކާރުން "ޑިމޮކްރަސީއަށް ދިން ބޮޑު ގެއްލުމެއް" ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އޭޕްރިލް މަހު އިންޑިއާގައި ބޭއްވި އާއްމު އިންތިހާބުން ކޮންގްރެސް ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ރާހުލް ގާންދީ ވަނީ ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަހުން ސޯނިއާ ގާންދީ ވަނީ ވަގުތީ ގޮތުން ޕާޓީގެ ރައީސްކަމާ ހަވާލުވެވަޑައިގެންފަ އެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރުންގެ އިތުރުން ކަޝްމީރުގައި ގޭ ބަންދުގައި ބަހައްޓާފައިވާ ސިޔާސީ އިސް ފަރާތްތަކުގެ ތެރޭގައި ކުރީގެ ޗީފް މިނިސްޓަރުން ކަމަށްވާ މެހެބޫބާ މުފްތީ އާއި ފާރޫގް އަބްދުﷲ ހިމެނެ އެވެ.

އިންޑިއާއިން ކަޝްމީރުގެ ލީޑަރުން ހައްޔަރު ކުރީ، އެގައުމުގެ ގާނޫނު އަސާސީން ކަޝްމީރަށް ހާއްސަ އިމްތިޒާޔުތައް ލިބިދޭ މާއްދާ 370 އުވާލުމާ ގުޅިގެންނެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ ކަޝްމީރުގައި މުވާސަލާތީ ހިދުމަތްތައް ކަނޑާލައި، އެއްވެ އުޅުން މަނާކޮށްފަ އެވެ. ނަމަވެސް މިހާރު އެސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ލުއި ކުރަމުންދާ ކަމަށް އިންޑިއާއިން ބުނެ އެވެ.

މާއްދާ 370 އުވާލުމުގެ ސަބަބުން ކަޝްމީރަށް ވަނީ އެސަރަހައްދުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު ގެއްލިފަ އެވެ.

comment ކޮމެންޓް