ލީގުގެ ފުރަތަމަ މެޗުން މޮޅުވެ ރެއާލުން ފެށުން ރަނގަޅުކޮށްފި

ސްޕެނިޝް ލީގުގައި ރޭ، ރެއާލް މެޑްރިޑާއި ސެލްޓާ ވީގޯ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ރެއާލް --- ފޮޓޯ// ސަޗާ ޕިސަނީ

ސީޒަން ބްރޭކަށްފަހު ޔޫރޮޕު ލީގުތަކުގެ ކުޅުން މިހާރު އަލުން ފަށާފައިވާއިރު، ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި ސެލްޓާ ވިގޯ ގާތުން ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.

ސްޕެނިޝް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑުން ރޭ ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމުން މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ. ވޭތުވެ ދިޔަ ސީޒަނުގައި ކުރިމަތިވި ބޮޑު ނާކާމީޔާބީއަށްފަހު ބޮޑެތި ބަދަލުތަކާ އެކު ރެއާލުން އައު ސީޒަނާ ކުރިމަތިލި އިރު މިއީ އެ ޓީމަށް ރަނގަޅު ފެށުމެކެވެ.

ސްޕެނިޝް ލީގުގައި ރޭ، ރެއާލް މެޑްރިޑާއި ސެލްޓާ ވީގޯ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ރެއާލް --- ފޮޓޯ// ސަޗާ ޕިސަނީ

ކުލަބުގެ ރެކޯޑް އަގަކަށް މިފަހަރުގެ ސީޒަނަށް ރެއާލުން ގެނައި ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. ނަމަވެސް ކުލަބު ދޫކޮށް މީގެ ކުރިން ދާން އަންގާފައިވާ ގެރެތް ބޭލް ވަނީ ރޭގެ މެޗުގައި ކުޅެ ރެއާލުން ހޯދި މޮޅުގައި ބޮޑު ހިއްސާއެއް ވެސް ވެފަ އެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުން ވެސް ޖުމްލަ ގޮތެއްގައި ހަމަހަމަ ކުޅުމެއް ދެއްކި އިރު ލިބުނު ފުރުސަތެއްގެ ބޭނުން ހިފާ ރެއާލަށް ލީޑު ނަގައިދިނީ ވޭތުވެ ދިޔަ ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކަރީމް ބެންޒީމާ އެވެ. ރެއާލް މެޑްރިޑުގެ ލެޖެންޑް ކުރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބު ދޫކޮށްލުމާ ގުޅިގެން ބެންޒީމާ އަންނަނީ ރޮނާލްޑޯ ނެތްތަން ފޫބައްދަން ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރެއާލްގެ ގޯލާ އެކު ސެލްޓާއިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. ލިބޭ ކައުންޓާ އެޓޭކް ފުރުސަތުތަކުގައި ސެލްޓާއިން ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ އިރު އެ ޓީމުގެ ފަހަތަށް ކުޅޭ ކުޅުންތެރިންނާއި ކީޕަރުގެ ހުށިޔާރު ކަމުން އެ ބޯޅަތައް ވަނީ ދިފާއު ކޮށްފަ އެވެ.

ދެވަނަ ހާފު ފެށުނު ތަނާހެން ރެއާލްގެ މެދުތެރެ ބަލަހައްޓަމުން އަންނަ ލޫކާ މޮޑްރިޗަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ ފަޔަށް ދަށްފައި އެޅި ކަމަށް ނިންމާ މޮޑްރިޗަށް ދެއްކި ރަތް ކާޑުގެ ފައިދާ ސެލްޓާއަށް ނުހިފި އުޅެނިކޮށް ރެއާލުން އަނެއްކާވެސް ވަނީ ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސް އެވެ.

ކްރޫސްގެ ގޯލާ އެކު ސެލްޓާ ކުޅުމުގެ އޮއެވަރަށް ބަދަލުތަކެއް ގެނެސް އެޓޭކްތައް އިތުރު ކުރި އެވެ. ނަމަވެސް އެ ޓީމުން ކުރި މަސައްކަތަށް އިތުރު އުނދަގުލެއް ދިމާވީ މެޗުގެ 80 ވަނަ މިނަޓުގައި ލޫކަޒް ވަޒްކުއޭޒް ރެއާލަށް ތިން ވަނަ ގޯލެއް ޖަހައިދިނުމުންނެވެ.

ނަމަވެސް ސެލްޓާއިން އެއަށްފަހު ވެސް ހިތްވަރާ އެކު ކުޅެ މެޗު ނިމުމުގް ކުރިން ވަނީ ސުން ކަނޑުވާފަ އެވެ. މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ގޯލު ކާމިޔާބު ކޮށްދިނީ އައިކާ ލޮސާޑޯ އެވެ.

comment ކޮމެންޓް