ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ޝެފުންގެ މުބާރާތުގައި ރާއްޖެ ބައިވެރިވަނީ

ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ޝެފުންގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ޓީމް--- ފޮޓޯ: ޓުވިޓާ

ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ޝެފުންގެ މުބާރާތެއް ކަމަށްވާ "އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް" ރާއްޖެއިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ މުބާރާތުގައި ރާއްޖެއިން ބައިވެރިވަނީ ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

އެ ޖަމިއްޔާގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ޓީމުގައި 6 ޝެފުން ހިމެނޭ ކަމަށެވެ.

"މިއީ ރާއްޖެއިން ބައިވެރިވާ އެންމެ ބޮޑު މުބާރާތް މިހާތަނަށް. ޓީމުގައި ހިމެނީވެސް ކުރިން އެހެން މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަ ހޯދި ޝެފުން." ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ މުބާރާތުގައި ޝެފުން ބައިވެރިވަނީ އަމިއްލަ ހަރަދުގައި ކަމަށެވެ.

" އެ މުބާރާތުގައި ރާއްޖޭގެ ޓީމު ޖެހޭނީ ތިން ކޯސް މީލްއެއް ތައްޔާރުކުރަން، އެއީ ވަކި އިންގްރީޑިއަންޓްސް އަޅައިގެން ވަކި ވަގުތެއް ތެރޭގައި. އުއްމީދު ކުރަނީ ހަމަ ރަން ވަނަތަކެއް ރާއްޖެއިން ހޯދާނެ ކަމަށް" ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވިއެވެ.

އެ މުބާރާތުގައި ބައިވެރިވާ ދިވެހި ޝެފުންނަކީ ޓީމުގެ ލީޑަރުގެ ގޮތުގައި އޮއިޝީ ރެސްޓޯރަންޓުގެ އޯނަރު އަހްމަދު ފަތީން، ފާރުފުށި މޯލްޑިވްސްގެ ޝެފް މުހައްމަދު އާދިލް، ފޯ ސީޒަންސް މޯލްޑިވްސް ލަނޑާ ގިރާވަރު ރިސޯޓުގެ ޝެފް އަހްމަދު މާޒިމް، މަލަހިނި ކުޑަބަނޑޮސް ރިސޯޓުގެ ޝެފް ރިއްފަތު މުހައްމަދު، ބަރޮސް މޯލްޑިވްސްގެ ޝެފް އިބްރާހިމް ނާތިފް އަދި ކަލިނަރީ ކޮންސަލްޓަންޓު އިބްރާހިމް ނައީމެވެ.

ދިވެހި ޝެފުންގެ ޓީމުގެ މެނޭޖަރުގެ ގޮތުގައި ބައިވެރިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޝެފް އިޝްހާގު ސޯލިހެވެ. މި މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައިވެސް ޝެފް އިޝްހާގު ބައިވެރިވާނެއެވެ.

މީގެ ތެރެއިން ބައެއް ޝެފުން ވަޒީފާ އަދާކުރާ ތަންތަނުން ވަނީ އެ ފަރާތްތައް މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ސްޕޮންސާޝިޕް ފޯރުކޮށްދީފައެވެ.

ޗައިނާ ކުއިޒީން އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކުރާ އެ މުބާރާތަކީ ކޮންމެ ދެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ ރާއްޖެއިން އެ މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރުވެސް މެެއެވެ.

comment ކޮމެންޓް