އެއާޕޯޓުގެ ތެޔޮ ތާނގީގެ މަސައްކަތްތައް ނިންމައި ޓެސްޓު ކުރަނީ

އެއާޕޯޓްގައި ތަރައްގީ ކުރާ ތެޔޮ ތާނގީތައް--- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އެ އެއާޕޯޓްގައި ތެޔޮ ރައްކާ ކުރުމަށް ބިނާ ކުރަމުންދާ ބިޔަ ތެޔޮ ތާނގީތަކުގެ މަސައްކަތް ނިންމައި ޓެސްޓުކުރަން ފަށައިފިއެވެ.

އެއާޕޯޓް ހިންގާ އެއާޕޯޓް ކުންފުނި(އެމްއޭސީއޭލް) އިން ބުނީ އެ ތެޔޮ ޓޭންކްގެ ތެރެއިން އެއް ތެޔޮ ޓޭންކްގެ ހައިޑްރޯ ޓެސްޓުކޮށް އެތަނުގެ އިންސްޕެކްޝަން ނިންމާފައިވާ ކަމަށެވެ.

އަދި ދެވަނަ ތެޔޮ ޓޭންކްގެ ހައިޑްރޯ ޓެސްޓިންއަށް މިހާރު ތައްޔާރުވަމުންދާ ކަމަށާއި އަދި ތިންވަނަ ޓޭންކްގެ ޓެސްޓުތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އޭގެ އިތުރުން އިތުރުން ކުޑަަ ދެ ޓޭންކެއްގައި ސޭންޑް ބްލާސްޓިންއާއި އިންޓާނަލް ލައިނިންގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެއާޕޯޓްގައި އަލަށް ތަރައްގީކުރާ ތެޔޮ ޓޭންކުތަކުން އިތުރަށް 45،000 މެޓްރިކްޓަނުގެ ތެޔޮ ރައްކާ ކުރެވޭނެއެވެ. މިހާރު އެއާޕޯޓްގައި ރައްކާ ކުރެވެނީ އެންމެ 15،000 މެޓްރިކްޓަނުގެ ތެލެވެ. އެހެންކަމުން އެ ޕްރޮޖެކްޓް ނިމޭއިރު އެއާޕޯޓްގައި 60،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެއެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަށް ސަރުކާރުން 800 އަށްވުރެ ގިނަ މިލިއަން ޑޮލަރު ދަނީ ހޭދަކުރަމުންނެވެ. އެ ޕްރޮޖެކްޓްގެ ދަށުން ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ސައުދީގެ ބިން ލާދިން ގްރޫޕާ ހަވާލުކޮށްފައިވާއިރު ރަންވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާއެއެވެ.

comment ކޮމެންޓް