އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 7800 ރުފިޔާ ދީފި

އެމްއޭސީއެލްގެ 52 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަފްލާގައި ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 7،879.79 ރުފިޔާ ބަހައިފި އެވެ.

އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 7879،79 ރުފިޔާ ދީފައިވާ ކަމަށާއި، އީދު ބަންދުގެ ކުރިން އެ ފައިސާ މުވައްޒަފުންނަށް ޖަމާކޮށްދީފައި ވާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އަހަރީ ބޯނަސް ދީފައި ވާނީ ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ ވަޒީފާ އިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ވަޒީފާގައި އުޅުނު މުވައްޒަފުންނަށް، ވަޒީފާގައި އުޅުނު ދުވަހަށް ބަލައި ބޯނަސް ދީފައި ވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ނަމަވެސް "ޑިސިޕްލިނަރީ ޕޮލިސީ"ގެ ދަށުން ވަޒީފާއިން ވަކިކުރި އެއްވެސް މުވައްޒަފަކަށް ބޯނަސް ދީފައެއް ނުވެއެވެ.

އެމްއޭސީއެލް އިން މުވައްޒަފުންނަށް ބޯނަސް ބަހާފައި ވާއިރު ސަރުކާރުގެ ބޮޑު ހިއްސާއެއްވާ ކުންފުނިތަކުން މުވައްޒަފުންނަށް ބޯނަސް ދެވޭނީ، އަހަރީ އާންމު ޖަލްސާގައި ފާސްކުރުމަށް ފަހު، ސަރުކާރަށް ޑިވިޑެންޑް ދެއްކުމަށްފަހު ކަމަށް ފިނޭންސް މިނިސްޓްރީ އިން މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ.

ބޯނަސްގެ ގޮތުގައި ދިނުމަށް ހުށަހަޅާ އަދަދަކީ ކުންފުނިން އެއަހަރަށް ޑިކްލެއާ ކުރާ ޑިވިޑެންޑްގެ ތިން ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ވެގެން ނުވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

އެހެން ކަމުން ކުންފުންޏަކުން ޑިވިޑެންޑުގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައަޅައިފި ކަމުގައިވާ ނަމަ އެ ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދެވޭނެ މިންވަރުވެސް މި އުސޫލުން ބޮޑުވެގެން ދާނެއެވެ.

އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފައިދާވާ އެއް ކުންފުންޏެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.5 ބިލިއަން ރުފިޔާގެ ފައިދާވި އިރު، އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ވެސް އެމްއޭސީއެލްއަށެވެ.

މައި އެއާޕޯޓު ހިންގާ އެމްއޭސީއެލްއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 572 މިލިއަން ރުފިޔާގެ ފައިދާ އެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެމްއޭސީއެލްއަށް ލިބިފައިވަނީ 379 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

comment ކޮމެންޓް