އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެ ފަރާތަކަށް ދީފި

ފޭދޫ ތުރީ އެސް ލައުންޖ -- ފޮޓޯ: ފޭސްބުކް

އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެ ރެސްޓޯރަންޓަކަށް ދީފި އެވެ.

ސައްވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައި ވަނީ ހިތަދޫ ހޮޓް ބޮކްސް ކެފޭއަށާއި ފޭދޫ ތުރީ އެސް ލައުންޖް ކެފޭ އަށެވެ.

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުދައަށް އެދުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލީ މިދިޔަ ފެބުރުއަރީ މަހު އެވެ.

މިދިޔަ މެއި މަހު އެ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޭނެ ހަ ސަރަހައްދެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

ހިތަދޫ އިން ކަނޑައެޅި ސަރަހައްދުތަކަކީ ބަނދަރު ސަރަހައްދާއި ޒިޔާރަތް ފަންނު ސަރަހައްދު އަދި ރީޖަނަލް ހޮސްޕިޓަލް ސަރަހައްދެވެ. 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިން ހޮޓް ބޮކްސް ކެފޭ ހުންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކައިރީގައެވެ.

މަރަދޫ އިން ކަނޑައަޅާފައި ވަނީ މަރަދޫ ބަނދަރު ސަރަހައްދު އަދި މަރަދޫ ސިއްހީ މަރުކަޒު ސަރަހައްދެވެ. މަރަދޫފޭދޫ އިން ބަނދަރު ސަރަހައްދަށް ހުއްދަ ކަނޑައަޅާފައިވާއިރު، ފޭދޫއިން ހުއްދަ ދޫކުރުމަށް ކަނޑައަޅާފައި ވަނީ ބަނދަރު ސަރަހައްދާއި ސިއްހީ މަރުކަޒު ސަރަހައްދެވެ.

ހުޅުދޫގައި ބަނދަރާއި ހެރަތެރަ ޗެނަލް ސަރަހައްދު ހަމަޖެއްސި އިރު މީދޫގައި ހަމަޖެއްސީ ބަނދަރުގެ އިތުރުން ސިއްހީ މަރުކަޒާއި މެދު ބަނދަރު ސަރަހައްދެވެ.

comment ކޮމެންޓް