އައްޑޫ ސިޓީގެ 54 ގެއަކަށް ގެއްލުންވެ، 35 ގަސް ވެއްޓިއްޖެ

އައްޑޫ ސިޓީ ގެއެއްގެ ފުރާޅު ހަލާކުވެފައި --- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީގެ 50 އަށް ވުރެ، ގިނަ ގެއެއްގެ ފުރާޅަށް ގެއްލުންވެ، 35 ގަސް ވެއްޓިއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީި، އެ ސިޓީގެ 54 ގެއެއްގެ ފުރާޅަށް އެކު ވަރުގެ ގެއްލުންވެ، ތެރޭގައި ބައެއް ގެތަކުގެ ފުރާޅު އެއްކޮށް ހަލާކުވި ކަމަށެވެ.

"މީގެ ތެރެއިން 11 ގެއެއްގެ ފުރާޅު މަރާމާތުކޮށް ދިނުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބާކީ ގެތަކުގެ މަސައްކަތް ދަނީ ކުރިއަށް،" އައްޑޫ ސިޓީ ކައުންސިލުން ކުރި ޓްވީޓްގައި ބުންޏެވެ.

މީގެ އިތުރުން، ވެއްޓުނު 35 ގަސް ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އައްޑޫ ސިޓީން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑި އިރުވެސް،

  • ބޯކޮށް ވާރޭވެހި، ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޭޓް އޮފީހުން ބުނެއެވެ. އެއާއެކު މެޓް އޮފީހާއި އެމްއެންޑީއެފް އިން ވެސް ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
  • ކުރިއަށް އޮތް 24 ގަޑި އިރު މެޓް އޮފީހުން މޫސުން ލަފާ ކުރާ ގޮތް:
  • ރާއްޖެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ
  • ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ.
  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ.
  • ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.
  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ އިތުރުން، އެހެން ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި އޭގެ އިތުރުން ކަނޑުމަތީގެ ހާދިސާތައް ވެސް ވަނީ ކުރިމަތިވެފައެވެ.

comment ކޮމެންޓް