އިންޑިއާގެ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސަކަށް ސޯނިއާ ގާންދީ

ސޯނިއާ ގާންދީ އާއި ދަރިފުޅު ރާހުލް ގާންދީ -- ފޮޓޯ: އޭޕީ

ދިއްލީ (އޮގަސްޓު 11): އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސްކަމަށް އަނެއްކާވެސް ސޯނިއާ ގާންދީ އައްޔަންކޮށްފިއެވެ.

މީގެ ކުރިން ކޮންގްރެސްގެ ލީޑަރުކަން 1998 އިން 2017އަށް ކުރެއްވި ސޯނިއާ އެޕާޓީގެ ވަގުތީ ރައީސްކަން ގަބޫލު ކުރެއްވީ، ޕާޓީގެ ރައީސަކަށް ހޮވާނެ ބޭފުޅަކާ ބެހޭ ގޮތުން މެމްބަރުންނަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ.

ސޯނިއާ ގާންދީ ކޮންގްރެސްގެ ރައީސްކަމުން މީގެ ދެ އަހަރު ކުރިން އިސްތިއުފާ ދެއްވީ ދަރިކަލުން ރާހުލް ގާންދީއާ އެ މަގާމު ހަވާލު ކުރެއްވުމަށްފަހުގައެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހު އިންޑިއާގައި ބޭއްވި އާއްމު އިންތިހާބުން ކޮންގްރެސް ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ރާހުލް ގާންދީ އިސްތިއުފާ ދެއްވީއެވެ. އަދި އޭނާ ވަނީ ޕާޓީގެ ލީޑަރަކަށް ދެން އައްޔަން ކުރާނީ ގާންދީ އާއިލާގެ މެމްބަރެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އޭގެ ފަހުންވެސް ކޮންގްރެސްގެ ވޯކިން ކޮމިޓީ (ސީޑަބްލިއުސީ)އިން މަަސައްކަތް ކުރީ ރާހުލް ގާންދީ ރައީސްކަމަށް ގެންނާށެވެ. އަދި އެކަމަށް އޭނާ އެއްބަސްނުވުމުން ވަގުތީ ގޮތުން ރައީސްގެ މަގާމަށް ވަޑައިގަންނަވަން ސީޑަބްލިއުސީން ސޯނިއާ ގާތުގައި އެދުނީކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ބީޖޭޕީއަށް 303 ގޮނޑި ލިބުނު އިރު ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 52 ގޮނޑިއެވެ. އަދި ގާންދީ އާއިލާއިން 39 އަހަރުވަންދެން ދިފާއު ކޮށްފައިވާ އުއްތަރު ޕްރަދޭޝްގެ އަމެތީ ދާއިރާގެ ގޮނޑި މިފަހަރު ވަނީ ގެއްލިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް