ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2019 ގެ ރެޖިސްޓްރޭޝަން ފަށައިފި

ދިރާގުން މީގެ ކުރިން ބޭއްވި ރޯޑްރޭހެއްގެ ތެރެއިން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ "ދިރާގު މޯލްޑިވްސް ރޯޑް 2019" ގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަންސް މިރޭ ފަށައިފިއެވެ.

އެހެން އަހަރުތަކާ ޙިލާފަށް މިއަހަރުގެ ރޭހުގައި ދެ ކެޓަގަރީއެއްގެ ދުވުން އޮންނާނެ އެވެ. އެގޮތުން މި އަހަރުގެ ރޭހުގައި ދުވުންތެރިންނަށް 5 ކިލޯމީޓަރާއި 10 ކިލޯމީޓަރގައި ދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. މިއަހަރު ގެ ރޭހުގައި 10 ކިލޯމިޓަރ ގެ ދުވުންތެރިންގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި ފަސް ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގައިއެވެ.

އެހެން ކަމުން 10 ކިލޯ މީޓަރުގެ ރޭސް ނިންމުމަށްފަހު އަލުން ފަސް ކިލޯމީޓަރުގެ ރޭހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެ އެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ވިދިވިދި ގެން 13 ވަނަ އަހަރަކު މި ރޭސް ބާއްވަން ދިރާގުން ތައްޔާރުވެފައި ވާ އިރު މި ރޭހުގައި ރެޖިސްޓަރ ކުރެވޭނީ ދިރާގުން މި ރޭހަށް ތައްޔާރު ކޮށްފައިވާ ހާއްސަ ވެބްސައިޓެއް ކަމަށްވާ www.dmrr.mv އަށް ޒިޔާރަތް ކޮށްގެންނެވެ. ރޭހާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް މި ސައިޓުން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން މިދިޔަ ހަތަރު އަހަރެކޭ ވެސް އެއްގޮތަށް މިއަހަރުގެ މި ބޮޑު ރޭސް ބާއްވަން ރޭވިފައިވަނީ 20 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހު ހުޅުމާލޭގައިއެވެ. މި ރޭސް 2007 ވަނަ އަހަރުން ފެށިގެން 2015 އަހަރާއި ހަމައަށް ބޭއްވީ މާލޭގަ އެވެ.

މިފަހަރު ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކޭނީ ހަމައެކަނި އޮންލައިންކޮށް ރެޖިސްޓްރޭޝަން ކުރައްވަން ހުޅުވާލާފައިވާ ވަގުތު ތަކުގައި އެކަންޏެވެ. އަދ ދިރާގު ޕޭ ނުވަތަ ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކޭނެއެވެ. ދިރާގު ޕޭ އިން ފީ ދައްކަވާ ފުރަތަމަ 1000 ފަރާތައް %50 ޑިސްކައުންޓު ލިބިގެންދާއިރު މިއަހަރުގެ ރެޖިސްޓްރޭޝަން ފީ އަކީ 100 ރުފިޔާއެވެ.

އެހެންނަމަވެސް، ދުވުންތެރިންނަށް 100 ރުފިޔާއަށް ވުރެ އިތުރު ކޮންމެ އަދަދެއްވެސް ޑޮނޭޓްކުރެއްވުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން މި އަހަރުގެ ރޭސް ޚާއްސަ ވާ އެނެއް ކަމަކީ، ރެޖިސްޓަރ ކުރައްވާ އިރު ދުވުންތެރިންނަށް ބޭނުން ފުޅުވާ ބިބް ނަންބަރވެސް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެތީއެވެ. ބޭނުން ފުޅުވާ ބިބް ނަންބަރ ނަންގަވާނަމަ ރެޖިސްޓްރޭޝަން ފީ އަކީ 500 ރުފިޔާއެވެ.

ފާއިތުވެދިޔަ 13 އަހަރުގެ މާޒީގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި އެންމެ ކާމިޔާބުކަމާ އެކު ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ ރޭސް އަދި އިޖުތިމާއީ ހަރަކާތްވެސް މެއެވެ. އެގޮތުން، މި ވޭތުވެދިޔާ 7 އަހަރު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ކުރިއެރުވުމަށް މަގުފަހި ކުރުމުގެ ގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ނުވަތަ އެން.ޖީ.އޯ ތަކަށް ފައިސާ ހޯދާނެ ގޮތަކަށްވެސް ވެފައިއެވެ.

މި ރޭސް މެދުވެރިކޮށް 2018 ވަނަ އަހަރު ވަނީ 10 އެން.ޖީ.އޯ އަކަށް ޖުމްލަ 600،000 ރުފިޔާ ދިރާގުން ހަދިޔާ ކޮށްފައިއެވެ. އެއީ ދުވުން ތެރިން ރެޖިސްޓްރޭޝަންގައި ދައްކަވާ ފީ ނުވަތަ ޑޮނޭޝަންގެ %100 ގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި 5 ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމެވެ.

comment ކޮމެންޓް