އަހަރުގެ މޮޅު ކުޅުންތެރިޔާ ހޯދުމުން ވެސް ދަގަނޑޭއަށް ފުރުސަތެއް ނުދިން

ޑިސެމްބަރު 26، 2015؛ އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި ބަނގުލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ އަޝްފާގް (ދަގަނޑޭ) އަށް މިފަހަރުވެސް ގައުމީ ޓީމުން ޖާގަ ނުލިބޭނެ ކަން އެފްއޭއެމްއިން ޔަގީންކޮށްދީފި އެވެ.

ވޭތުވެ ދިޔަ އަހަރުގެ އޭޝިއަން ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރު ނުވުމުން އޭރުގެ ގައުމީ ޓީމު ކެޕްޓަންގެ މަގާމުގައި ހުރި ދަގަނޑޭ ވަނީ އެ މަގާމުން ދުރުކޮށް ޓީމުން ވެސް ބޭރު ކޮށްލައިފަ އެވެ. އޭރު ގައުމީ ޓީމުގެ ކޯޗު ބުނީ ދަގަނޑޭ ޓީމުން ބޭރު ކުރީ އަދަބު ދިނުމުގެ ބޭނުގައި ނޫން ކަމަށާއި އެ ކުޅުންތެރިޔަކު ޒިންމާދާރު ކުރުވުމުގެ ގޮތުން ކަމަށެވެ.

ޑިސެމްބަރު 26، 2015؛ އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި ބަނގުލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އޭގެ ފަހުން މިހާރު މި ވަނީ 15 މަސް ދުވަހެއް ވުރެން ގިނަ ދުވަސްވެފަ އެވެ. ދަގަނޑޭ އަންނަނީ އުމުރުން 33 އަހަރުގައި ވެސް އަމިއްލަ ލީގެއް ފަދައިން ދިރާގު ދިވެހި ޕްރިމިއާ ލީގު ފަތަހަ ކުރަމުންނެވެ. ނަމަވެސް އޭނާއަށް ގައުމީ ޓީމުން މިފަހަރުވެސް ޖާގައެއް ނެތް ކަމަށް އެފްއޭއެމުން މިއަދު ވަނީ އަންގައިފަ އެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާއި ގުއާމާއި ބައްދަލު ކުރާ މެޗަށް ތައްޔާރުވުމުގެ ގޮތުން ލީގު މެދު ކަނޑާލާފައިވާ އިރު އެފްއޭއެމުން މިއަދު ވަނީ ގައުމީ ސްކޮޑަށް ނެގި ކުޅުންތެރިންގެ ލިސްޓް ކުލަބުތަކަށް ފޮނުވާފަ އެވެ. އެ ލިސްޓުން ދަގަނޑޭއަށް ޖާގަ ނުލިބޭ އިރު އެންމެ ހައިރާން ވާން ޖެހޭ އެއް ކަމަކީ މިދިޔަ ސީޒަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ވެސް ކޯޗު ޕީޓާ ސެގާޓް ފުރުސަތެއް ނުދިނުމެވެ.

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ ރާއްޖޭގެ ފުޓުބޯޅައަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ބުނެ ގައުމީ ޓީމުގައި ހިމެނުނު ގިނަ ތަޖުރިބާކާރު ކުޅުންތެރިން ތަކެއް ވަނީ ބޭރު ކޮށްފަ އެވެ.

އަޝްފާގް އެންމެ ފަހުން ގައުމީ ޓީމާއެކު މެޗެއް ކުޅެފައި ވަނީ، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި 2017 ވަނަ އަހަރު މާޗް މަހު ފަލަސްތީން އާ ދެކޮޅަށް ފަލަސްތީންގައި ކުޅުނު މެޗުގަ އެވެ.

ދަގަނޑޭ ވަނީ ދާދި ފަހުން "މިހާރު ސްޕޯޓްސް އެވޯޑް" ގައި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށްފަހު ގައުމީ ޓީމުން ފުރުސަތު ލިބިއްޖެ ނަމަ އަދިވެސް އުފަލާ އެކު އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް