އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރަށް އައިސީޔޫގައި ފަރުވާ ދެނީ

ބޮޑުވަޒީރު މޯދީއާއި ކުރީގެ މިނިސްޓަރު އަރުން ޖެއިޓްލީ ---

އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު، އަދި ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖްޔާ ސަބާގެ މެމްބަރު އަރުން ެައިޓްލީއަށް އައިސީޔޫގައި ފަރުވާ ދެމުން އެބަ ގެންދެއެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާޔީއާއި، މިހާރުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ފުރަތަމަ ފަސް އަހަރު ދުވަހު ކެބިނެޓުގެ އެކި މަގާމުތައް ފުރުއްވި ޖެއިޓްލީ، ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގައި އެޑްމިޓުކުރީ އިއްޔެ ހެނދުނުއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޖެއިޓްލީ އެޑްމިޓްކުރީ ނޭވާނުލެވުމާއި އެންޒައިޓީގެ ޝަކުވާ ކުރެއްވުމުންނެވެ. އެއިމްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ މިނިސްޓަރު ޖެއިޓްލީ އެޑްމިޓުކުރީ އެ ހޮސްޕިޓަލުގެ ކާޑިއޯ-ނިއުރޯ ސެންޓަރުގައި ކަމަށާއި، މިވަގުތު އޮންނެވީ އައިސީޔޫގައި އޮބްޒަވޭޝަނުގައި ކަމަށެވެ.

އަދި ޖެއިޓްލީގެ ހާލަތު ރަނގަޅުކަން ފާހަގަކޮށް، ހޮސްޕިޓަލުން ބުނީ އޭނާ އޮންނެވީ "ހެމޮޑައިނަމިކަލީ ސްޓޭބަލް" ހާލެއްގައި ކަމަށެވެ.

އެއިމްސްއިން މިއަދު ވަނީ ޖެއިޓްލީގެ ހާލަތު ރަނގަޅުކަމާއި ބޭހަށް ރަނގަޅަށް އިޖާބަދެމުން ގެންދާކަން، ރާޖްޔާ ސަބާގެ ޗެއާމަން އަދި އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫ އަންގާފައެވެ.

މޯދީގެ ފުރަތަމަ ސަރުކާރު ފެށުނީއްސުރެ އެ ދައުރު ހަމަވަންދެން ޖެއިޓްލީ ހުންނެވީ ފިނޭންސް މިނިސްޓަރުކަމުގައެވެ. އޭގެ އިތުރުން ޑިފެންސް މިނިސްޓަރުކަމާއި އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރުކަންވެސް ކުރެއްވިއެވެ.

ބޮޑުވަޒީރު ވަޖްޕާޔީގެ ސަރުކާރުގައި ޖެއިޓްލީ ހުންނެވީ ސްޓޭޓް މިނިސްޓަރ ފޯރ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ މަގާމުގައެވެ. އަދި އެގައުމުގެ ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވިއެވެ.

ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ އަރުން ޖެއިޓްލީއަކީ 2018 އިން ފެށިގެން ރާޖްޔާ ސަބާގައި އުއްތަރު ޕްރަދޭޝް ތަމްސީލުކުރައްވާ މެމްބަރެވެ.

ބޮޑުވަޒީރު މޯދީގެ ދެވަނަ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަތުމުގެ ދައުވަތު، މޯދީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ޖެއިޓްލީއަށް ދެއްވި ނަމަވެސް އޭނާ ނިންމެވީ ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން އެ ދައުވަތު ގަބޫލު ނުކުރުމަށެވެ.

މިހާރު އުމުރުން 66 އަހަރު ވެފައިވާ ޖެއިޓްލީއަކީ ގާނޫނީ ވަކީލެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް