ކުޑަ ޓްވިސްޓަކާއެކު އައްޑޫ ހަވާދުގެ އަސްލު ރަހަ

އައްޑޫ ހަވާދު ހަދާ ހައްވާ ފާއިޒާ، އޭނާ ހަދާފައި ހުރި ހަވާދު ފުޅިތަކެއް ހިފައިގެން -- ސަން ފޮޓޯ

އައްޑޫއަށް ހާއްސަ ރަހަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާނެ އެކައްޗަކީ އައްޑޫ ހަވާދެވެ. މި ސިޓީގެ ގިނަ ގެތަކުގައި އެ ގެއަކަށް ބޭނުންވާ ވަރަށް ހަވާދު ހަދައި އުޅެނީ އެ ބަޔަކު އަމިއްލަޔަށެވެ. އެއާއެކު، އޯޑަރަށް ހަވާދު ހަދައިދޭ މީހުންވެސް ވަކި މަދެއް ނޫނެވެ.އަސްލު އައްޑޫ ހަވާދު ސީޒަނަކީ ރޯދަމަހެވެ. އެހެންނަމަވެސް އޯޑަރު ލިބޭނަމަ ގިނަ ބަޔަކު ކޮންމެ ދުވަސް ވަރެއްގައި ވެސް ހަވާދު ހަދައިދެ އެވެ.

"ސަން ރަށަށް" ސިލްސިލާގެ މި ދަތުރުގައި މި ސިޓީގެ ހުޅުމީދޫއިން އައްޑޫ ހަވާދުގެ އަސްލު އަހަރުމެންނަށް ދައްކާލީ ހައްވާ ފާއިޒާ (ހައްވައްތަ) އެވެ.

ތަފާތު "ޓްވިސްޓަކާ"އެކު އައްޑޫ ހަވާދު ހަދާ ހައްވާ ފާއިޒާ -- ސަން ފޮޓޯ

ފާއިޒާ ހަވާދު ހަދާތާ މިވީ ގާތްގަނޑަކަށް ހަތަރުވަރަކަށް އަހަރެވެ. މި މަސައްކަތް އޭނާ ދަސްކުރީ ހަމަ އެހެން މީހުން ކުރާތަން ބަލައިގެނެވެ.

"އަސްލު އަހަންނަކީ ހިތަދޫ މީހެއް، މި ރަށަށް މީގެ 34 އަހަރުކުރިން ބަދަލުވިއިރު އެއްވެސް ވަރަކަށް ނޭނގޭނެ މިކަހަލަ މަސައްކަތްތަކެއް، އެކަމަކު މީހުން ކުރާތަން ބަަލައިގެން ދަސްކުރީ. މި ރަށު މީހުންނާއިވެސް ކުޑަކޮށް ތަފާތުވާނެ އަހަރެން ހަވާދު ހަދާގޮތް" ފާއިޒާ ބުންޏެވެ.

ހައްވާ ފާއިޒާ ބުނާގޮތުން އޭނާގެ ހަވާދު ރެސިޕީގައި އެއްވެސް ސިއްރު އިންގްރިޑިއަންޓެއް ނުހިމެނޭނެ އެވެ. އެހެންވެ އޭނާގެ ރެސިޕީ އެއްވެސް ފޮރުވުމެއް ނެތި ކިޔައިދިނެވެ.

މިއީ 10 ކާށީގެ ހަވާދު ހެދުމަށް ބޭނުންވާނެ ތަކެތީގެ ލިސްޓެކެވެ:

  • 10 ކާށި
  • 100 ގްރާމް ކޮތަނބިރި
  • 50 ގްރާމް ދަވިއްގަދު
  • 50 ގްރާމް ދިރި
  • ރޯ މިރުސް، ހިކި މިރުސް، އަސޭމިރުސް
  • އޯބަތް
  • އިނގުރު
  • ކާފުރުތޮޅިއާއި ފޮނިތޮށި
  • ކެޕްސިކަމް
  • ލީކްސް

ކެޕްސިކަމްއާއި ލީކްސްއަކީ އާންމުކޮށް ދިވެހިން ހަވާދު ހެދުމަށް ބޭނުންކުރާ ބާވަތްތަކެއް ނޫނެވެ. ހައްވާ ފާއިޒާ ބުނިގޮތުގައި މިއީ އޭނާގެ ހަވާދުުގައި ތަފާތު "ޓްވިސްޓް"އެކެވެ.

އެ ދުވަހު އޭނާ ހަވާދު ހެދުމުގެ މަސައްކަތް ފެށީ ހެނދުނު ހައެއް ޖަހާއެހާ އިރު އެވެ. އަދި ހެނދުނު އަށެއް ޖެހީއިރު ހުރިހާ އެއްޗެއް ތައްޔާރުވެ، ހަވާދު ތެލި އުނދުން މައްޗަށް އެރުވިއްޖެ އެވެ. އަދި ތިން ގަޑިއިރުތެރޭ ހަނާކޮށް ނިމި، ދެން އޮތީ މިކްސަރުން ފުނޑުމެވެ.

ތަފާތު "ޓްވިސްޓަކާ"އެކު އައްޑޫ ހަވާދު ހަދާ ހައްވާ ފާއިޒާ -- ސަން ފޮޓޯ

ހައްވާ ފާއިޒާ ބުނި ގޮތުގައި ހަވާދު ހަދަން ބޭނުންވާ ހުރިހާ އެއްޗެއްވެސް އޭނާ ގަންނަނީ އެވެ. އެ އޯޑަރެއް ލިބޭ ސައިޒަަކަށް އޭނާ ހަވާދު ތައްޔާރުކޮށްދޭއިރު، 900 ގްރާމް ދަޅެއްގެ ހަވާދު އޭނާ ވިއްކަނީ 300 ރުފިޔާއަށެވެ.

ކުރިއާ އަޅާބަލާއިރު މެޝިނުގެ އެހީގައި މިއަދު މުޅި މަސައްކަތް ވަނީ ކިތަންމެހާވެސް ލުއިވެފަ އެވެ. މިގޮތުން ހުނި ގޭނުމަށާއި، ފިޔާ އަދި ލޮނުމެދުފަދަ ތަކެތި މިހާރު އޭނާ ކޮށައި އުޅެނީ މެޝިނުންނެވެ. މި މެޝިނުތަކަކީ ރަހުމަތްތެރިއެއްގެ ފަރާތުން ލިބުނު ހަދިޔާއެއް ކަމަށް ހައްވާ ފާއިޒާ ބުންޏެވެ.

މި ހަވާދުގައި އެކި ބާވަތްތަކުގެ ރިހަ ވަރަށް މީރުކޮށް ކައްކާ ލެވޭނެ އެވެ. ކުކުޅު އަދި ކަނޑުކުކުޅުވެސް ތައްޔާރު ކުރެވިދާނެ އެވެ. ހައްވާ ފާއިޒާ ބުނިގޮތުގައި މިއީ އެހެން މަސައްކަތްތަކާއި އަޅާބަލާއިރު ބުރަ ކަމެއް ނަމަވެސް ދަސްކޮށްލުން ކޮންމެހެންވެސް މުހިންމުކަމެކެވެ.

އައްޑޫއަށް ގޮސްފިނަމަ، ކޮންމެހެން ވެސް އައްޑޫ ހަވާދުދަޅެއް ހޯދަންވާނެ އެވެ.

comment ކޮމެންޓް