އައްޑޫ ކުދި ގުޅައިގެ ރަހަ ހިތަދޫ ޝާކްގެއިން

ހިތަދޫ ޝާކްގޭގައި މަރިޔަމް ވަހީދާ ކުދި ގުޅަ ހަދަނީ -- ސަން ފޮޓޯ

ކުދި ގުޅައަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރަށު ހަދިޔާގެ ގޮތުގައި ތައްޔާރުކޮށް އުޅޭ ވަރަށް އާންމު ކާނާ އެކެވެ. އުމުރުން ދޮއްޓަސް ނުވަތަ ހަގަސް، ހަފާލަން މީރު ކުދިގުޅަ ފެނިއްޖެނަމަ، ކޮންމެ މީހަކުވެސް ކާ ހިތްވާނެ އެވެ.

އައްޑޫއަކީވެސް މިގޮތުން މީރު ކުދިގުޅަ ހަދާ އަތޮޅެކެވެ. އެކި ހިސާބުތަކުގައި ކާއެއްޗެހި ތައްޔާރުކުރުމުގައި ތަފާތުތަކެއް ހުންނަ އުސޫލުން އައްޑޫގެ އެކި ރަށްރަށުގައި އަދި ގެތަކުގައިވެސް ތައްޔާރު ކުރެވޭ ގުޅަތަކުގައި ރަހައިގެ ގޮތުން ތަފާތުތަކެއް ހުރެ އެވެ. އައްޑޫގެ ކުދި ގުޅަ ހަމަ ހާއްސަވާނެ އެވެ. ރަހަ ވެސް ތަފާތުވާނެ އެވެ.

އައްޑޫގެ ކުދި ގުޅައިގެ ރަހަ ނުބަލައި "ސަން ރަށަށް" ސިލްސިލާގެ ދަތުރު ނިންމާލުން ވާނީ އުނިކަމަކަށެވެ. ނަސީބު ކަންދިމާކުރިގޮތުން އައްޑޫ ކުދި ކުޅަ ހަދާ މީހަކާ ނިކަން ފަސޭހައިން ބައްދަލުވެ އިންޓަވިއު ވެސް ހަމަޖެއްސީ އެވެ.

ޓެކްސީއަކަށް އަރައި ދާން ބޭނުމީ، ގުޅަހަދާ މަރިޔަމް ވަހީދާގެ ގެއަށޭ ބުނުމާ އެކުހެން ނިކަން ފަސޭހައިން ޑްރައިވަރު އަހަރެމެންގެ މަންޒިލަށް ގެންގޮސްދީފި އެވެ. މިހާރު އަހަރުމެންނަށް އައިސް މި ތިބެވުނީ، ހިތަދޫ ޝާކްގެ ކުރިމަތީ އެވެ.

ޓެކްސީއިން ފައިބާ ގޭގެ ދޮރޯއްޓާއި ހަމަވިއިރު ގުޅައިގެ މަސްގަނޑު މީރުކުރާ ވަސް ދުވަން ފަށައިފި އެވެ. ގޭގެ ތެރެއަށް ވަދެ ބަދިގެ ފަރާތުން ދެން އަހަރެމެން ނުކުތީ ގެއާ ވަކި ގޯތި ތެރޭ ހުރި ދަރު އުނދުން ބަހައްޓާފަައިވާ ކުޑަ ބަދިގެއަކަށެވެ. އެ ބަދިގެ ހާއްސަވެފައި ވަނީ ގުޅަ މަސްގަނޑު ތައްޔާރުކޮށް ގުޅަތެލުލުމަށެވެ.

ހިތަދޫ ޝާކްގޭގައި މަރިޔަމް ވަހީދާ ކުދި ގުޅަ ހަދަނީ -- ސަން ފޮޓޯ

އަހަރެމެންނަށް ދެވުނީ ތަންކޮޅެއް ލަސްވިފަހުން ކަމަށްވުމާއެކު، އޭރު މަސްގަނޑު ހުރީ ގާތްގަނޑަކަށް ނިމެން ކައިރިވެފަ އެވެ. އެހެންނަނަމެވެސް ނިކަން ހަމަޖެހިލައިގެން މިކަން އޭނާ ކުރާގޮތް ކިޔައިދޭން ފެށި އެވެ.

ގުޅަހެދުމަށްޓަކައި އެންމެ ފުރަތަމަ މަސް ފެނުގައި ކައްކަނީ އެވެ. ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު ބޭނުންވާ ވަރަށް މަސްކެއްކުމަށްފަހު ފެނުން ދޮވެލައި އަތުން ކުދިކޮށްލަނީއެވެ. އެއަށްފަހު މިރުހާއި ލޮނުމެދު، ފިޔާ، ހިކަނދިފަތް އަދި ލޮނު އަޅައި މިކްސަރުން ފުނޑާލުމަށްފަހު މަސް އަޅައި މޮޑެލަނީ އެވެ.

އެއަށްފަހު މި މަސްގަނޑު ހަނާކުރަން އަރުވަނީ ދަރު އުނދުނަކަށެވެ. އެދުވަހު މަރިޔަމް ވާހީދާ މަސްގަނޑު ހަނާކުރަން އެރުވީ ހެނދުނު 8:30 ގައެވެ. އަދި މަސްގަނޑު ރަނގަޅަށް ކެކޭވަރުވީ 12:30 ހާއިރުއެވެ. މިގޮތަށް ހަފްތާއަކި ދެ މަސްގަނޑު ހަދާއިރު، އެ މަސްގަނޑުން ތިން ދުވަސްވަރު ގުޅަޖެހެ އެވެ. އަދި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 300 އާއި 400އާ ދެމެދުގެ އަދަދަކަށް ގުޅަ ޖެހެ އެވެ.

އޭނާ ބުނާގޮތުން އެހާގިނައިރު މިކަމަށް ހޭދަވަނީ މަސްގަނޑު ފެނަށްލުމުން، މަސްތައް ތެތްވާތީ އެވެ. އަދި މަޑުގިނީގައި މަސްގަނޑު ހަނާކުރަނީ މީރު ރަހަ ގެންނާށެވެ.

ކޮންމެއަކަސް، ޝާކްގޭ ގުޅަ އަދި އެހެން މީހުން ތައްޔާރުކުރާ ގުޅައާވެސް އެބަ ތަފާތުވެ އެވެ. މިގޮތުން މިގޭގައި ގުޅަހަދަން ބޭނުންކުރަނީ ހަމައެކަނި ބޮޑު ކަންނެލި މަހެވެ.

"ވަޅޯމަސް ބައެއް މީހުން ބޭނުންކުރޭ، އެކަމަކު ވަޅޯމަހުން ބައެއްފަހަރު ދުން ރަހައެއް ލާނެ. އަހަރެން އަބަދުވެސް ބޭނުންކުރަނީ ބޮޑުކަންނެލި މަސް. ބައެއްފަހަރު 1،600 އަށްވެސް ލިބޭ. ނޫނީ އެއިރެއްގައި ވިއްކަން ހުންނަ އަގެއް ދީފައި ގަންނަނީ. އޭގެ މަހަކުން ލެވޭނެ 5،000 ރުފިޔާގެ ގުޅަ. އެއީ ގާތްގަނޑަކަށް، ދެ ތެޔޮހަން" މަރިޔަމް ވަހީދާ ބުންޏެވެ.

ހިތަދޫ ޝާކްގޭގައި މަރިޔަމް ވަހީދާ ކުދި ގުޅަ ހަދަނީ -- ސަން ފޮޓޯ

މިހާ ރަހަމީރުކޮށް ގުޅަ ތައްޔާރުކުރާއިރު، އެންމެ ހައިރާންވީ މަރިޔަމް ވަހީދާ ގުޅަ ހަދަން ފެށީ މީގެ އަހަރު ދުވަސް ކުރީންކަމަށް ބުނުމުންނެވެ. އޭނާ ބުނިގޮތުން މީގެކުރިން އެއްވެސް ވަރަކަށް އޭނާ ގުޅައެއް ނަހަދަ އެވެ. ހިތަދޫގެ މި ސަރަހައްދަށް ބަދަލުވެ، ގޭދޮށު އެހެން މީހުން ގުޅަހަދާތަން ފެނި އެކަމުގެ އަޖުމަ ބަލައިލީ އެވެ.

އެހެންނަމަވެސް މިހާރު، "ޝާކްގޭ ގުޅަ"އަކީ މުޅި ހިސާބުގަނޑުގައިވެސް އެންމެ ނަން މަޝްހޫރު، އެންމެ މީރު ގުޅަ އެވެ.

ގުޅަ ހެދުމުގެ އިތުރަށް ގޭތެރޭގެ ކަންކަން ބެލުމާއި، ގަސް އިންދުމާއި ރޯދައަށް އޯޑަރަށް ހަވާދު ހެދުމުގެ މަސައްކަތް ކުރާ މަރިޔަމް ވަހީދާ ބުނި ގޮތުގައި މި މަސައްކަތަކީ އާމްދަނީގެ ގޮތުން ބަލާއިރު ކުރަން އެންމެ ރަނގަޅު މަސައްކަތެކެވެ. އޭނާގެ ހަތަރު ކުދިން ތިބޭއިރު އެކުދިން އަދި މިކަމަށް އެހާ ޝައުގުވެރި ނުވި ނަމަވެސް ފިރިމީހާގެ އެހީތެރިކަން މަރިޔަމް ވަހީދާއަށް ވަރަށް ބޮޑެވެ.

މާލެއިންނާއި އައްޑޫގެ އެހެން ރަށްރަށުންވެސް ގުޅަ ޑަބިޔާއާއި އެކި ސައިޒުގެ ދަޅުތަކަށް އޯޑަރު ލިބޭއިރު، ގުޅަ ޕެކެޓް ކޮށްފައި ތިން ފިހާރައެއްގައި ވިއްކަން ވެސް އޭނާ ބަހައްޓަ އެވެ. އަދި މިހާރު އެނާގެ އުންމީދަކީ މި މަސައްކަތް ފުޅާކޮށް ޒަމާނީ ކުރުމެވެ. އެކަމަށް އޭނާގެ ހިޔާލުގައި ޕްލޭންތައް ވަނީ ކުރަހައިފަ އެވެ.

comment ކޮމެންޓް