"ޝެފެއް"ގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ކައްކާ!

އައްޑޫ ސިޓީގައި ދިރިއުޅޭ، ރާއްޖޭގެ އެންމެ ދުވަސް ވީ ކައްކާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސ. ހިތަދޫ، އަހްމަދު ސައީދު 74 އަހަރު، ކައްކަން ފެށީ އައްޑޫގައި އިނގިރޭސިން ތިބި ޒަމާނުގައި، އޭރު ދިރިއުޅުމުގެ ހާލަތު ނިޔާކުރި ގޮތުން މަޖުބޫރު ވެގެންނެވެ. ޒަމާނުއްސުރެ ދިރިއުޅެމުން ދިޔަ ގެ ބަދަލުވެ، މަގުމަތިވުމުން ކޮންމެސް މަސައްކަތެއް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދަން އޭނާއަށް މަޖުބޫރުވީ އެވެ.

ގަމުގައި ހުރި ރޯޔަލް އެއާފޯސް ސްޓޭޝަންގެ މެސްރޫމުގައި 1965 އިން 1972 ވަނަ އަހަރަށް ސައީދު ފުރަތަމަ މަސައްކަތް ކުރީ ރޫމްބޯއީއެއްގެ ގޮތުގަ އެވެ. ނަމަވެސް މާލީ ގޮތުން ދަތިވެ، އެއަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދަން އޭރު ގަމުގައި ތިބި އިސްވެރިންގެ އަރިހަށް ސިޓީއެއް ފޮނުވީ އެވެ. އޭރު ހުރި ވަޒީފާއަށް ވުރެ ރަނގަޅު އާމްދަނީއަށް ލިބޭނެ ވަޒީފާއަށް ހޯދުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރި އެވެ.

"ދެން އޭރިޔާ އޮފިސަރަށާއި އިސް މީހުންނަށް އަޅުގަނޑު ސިޓީ ލިޔުނީ. އެބޭފުޅުންވެސް ވަރަށް ދެރަވެއްޖެ. ދެން ބުނީ ކޮންކަމެއްހެއްޔޭ ބޭނުމީ؟ އަހަރެން ބުނީ އަހަރެން ބޭނުމޭ ކެއްކުމުގެ ޓްރެއިނިން ލިބިގަންނަން،" އެންމެ ފުރަތަމަ ވެސް ކެއްކުމުގެ ދާއިރާއަށް ސައީދަށް ވަދެވުނު ގޮތަކީ މިއީ އެވެ.

ސައީދު ސަން އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެތިން ހަފްތާ ފަހުން ސައީދަށް ކެއްކުމުގެ ތަމްރީނު ހޯދުމުގެ ހުއްދަ ލިބުނެވެ. ނަމަވެސް ތަމްރީނު ފުރިހަމަކުރަން ދެ އަހަރާއި ނުވަ މަސްދުވަސް ނަގާނެ ކަމަށް އެންގި އެވެ. ނަމަވެސް އެހާ ދުވަސް ވަންދެން ތަމްރީނެއްގައި ހުރެވެން ނެތުމުން، ނުވަ މަސް ދުވަހުގެ ތެރޭގައި ތަމްރީނު ނިމޭނެ ގޮތެއް ހަދައިދިނުމަށް ސައީދު އަނެއްކާ ވެސް އެދުނެވެ. އަދި އެގޮތަށް އެތަނުގައި ތިބި އިސްވެރިން އެއްބަސްވެސް ވިއެވެ.

އެއާއެކު ބަދިގޭގައި ހުރި ކައްކާ ފޮތްތައް ކިޔައި، ކާއެއްޗެހި ހަދަން ދަސްކުރީ އެވެ. ސައީދު ބުނި ގޮތުގައި، ދިވެއްސަކު ކެއްކުމާ ހަވާލުވާން ތަމްރީނު ހަދަމުން އަންނަކަން އެނގުމުން، ބަޔަކު ހިތްހަމަނުޖެހިގެން ކައްކާ ފޮތްތައް ފޮރުވަންވެސް ފޮރުވި އެވެ. ނަމަވެސް ނުވަ މަސްދުވަހުގެ ތެރޭގައި ވަރަށް ފުރިހަމައަށް ސައީދު އޭނާގެ ތަމްރީނު ފުރިހަމަ ކުރީ އެވެ.

"ސެޓްފިކެޓް ދޭން ވެގެން ބުނީ އިނގިރޭސިންގެ ގަވާއިދު އޮންނަ ގޮތުން 45 އަހަރު ނުވަންޏާ ކައްކާއެއްގެ މަގާމު ނުލިބޭނެއޭ. އޭރު އަޅުގަނޑަށް 28 އަހަރު. އެމީހުން ބުނީ އެކަމު ސެޓްފިކެޓުގަ ޖަހާނީ 45 އަހަރޭ. އަޅުގަނޑު ބުނިން ހެވޭ ކޮންމެ އެއްޗެއް ޖެހިޔަސް،" ސައީދު ބުންޏެވެ.

އެހިސާބުން ސައީދަށް ޝެފެއްގެ ލަގަބު ލިބުނީ އެވެ. އިނގިރޭސީން އައްޑޫއިން ފައިބަންދެން ކައްކާއެއްގެ ގޮތުގައި މެސް ރޫމްގެ ހުރިހާ ކަމެއް ބެލެހެއްޓީ އޭނާ އެވެ. އައްޑޫއަށް ޒިޔާރަތްކުރި އިއްޒަތްތެރިންނަށް ކައްކައިދިނީ ސައީދެވެ. ސައީދުގެ ކެއުން ރަހަބެލުމަށްފަހު، ތައުރީފް ނުކުރާ މީހެއް ނުދެ އެވެ. އޭނާގެ ކެއްކުމުގެ ރަހަގަނޑު މާމީރީ އެވެ. އިނގިރޭސިން އައްޑޫއިން ފައިބައިގެން ދަމުން ސައީދަށް ދީފައިވާ އަގު ވަޒަން ކުރުމުގެ ލިޔުމުގައި ވެސް މުޅިން ހުރީ އެ ވާހަކަތަކެވެ.

ސައީދުގެ މަސައްކަތުގެ އަގުވަޒަންކޮށް ދީފައިވާ ބައެއް ލިޔުންތައް -- ސަން ފޮޓޯ:

އިނގިރޭސިން ގަމުން ފޭބުމާ އެކު ސަރުކާރުން އަންގައިގެން ސައީދު މާލެ ބަދަލުވެ، ދުވަސްކޮޅެއް ވަންދެން ކޭބަލް އެންޑް ވަޔަލެސްގައިވެސް މަސައްކަތް ކުރި އެވެ. އޭގެ ފަހުން މެދުއިރުމަތީގައި ވެސް ކެއްކުމުގެ މަސައްކަތުގައި އުޅެ، ދުނިޔޭގެ އެކި ހިސާބުތަކުގެ ކެއުން ތައްޔާރުކުރަން ދަސްކުރި އެވެ. ރާއްޖެއިން ބޭރުގައި ހުރި އިރު ދިމާވި ބައެއް ދަތިތަކުގެ ސަބަބުން، އާއިލާ ކައިރިއަށް އަލުން އައްޑޫއަށް ބަދަލުވި އެވެ.

ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، ތީމުގޭގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ސައީދަށް ލިބުނެވެ. ތީމުގޭގައި އެތައް އިއްޒަތްތެރިންނެއްގެ ކެއުން ތައްޔާރުކުރީ ސައީދުގެ ދެ އަތުންނެވެ. ސައީދުގެ މަސައްކަތުގެ ފުރިހަމަކަމުގެ ނަތީޖާއަކަށްވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތީމުގޭ ބޮޑުކައްކާގެ މަގާމު ސައީދަށް ލިބުމެވެ.

"އެ ސިޓީ އަންނަ އިރަށް ބަދިގޭ ތެރޭގައި ޖަގަޑާ ހަދައިފި. ދެން އަޅުގަނޑު ދެންނެވިން އެހެން އެކަން އޮތީމަ އަޅުގަނޑު މަގާމު ބޭނުމެއް ނޫނޭ. ކުރިންވެސް ކުރާގޮތަށް މަސައްކަތް ކުރާނަމޭ. ދެން ރައީސް އޮފީހުން ދެންނެވީ މިއީ ވަކި މީހަކަށް ވީމަ، ނޫނީ ވަކި މީހަކު މަސައްކަތް ކޮށްފައި ހުރި މުއްދަތަކަށް ބަލާފައި ދިން އެއްޗެއް ނޫނޭ. ސައީދަށް މި މަގާމު ދިނީ ސައީދަކީ ހުރިހާ ތަނެއްގެ އެއްޗެހި ކައްކަން އެނގޭ ފެންވަރު ހުރި މީހަކަށް ވީމައޭ. މިތާ 100 އަހަރު ވިޔަސް ސައީދު ކުރާ މަސައްކަތް އިތުރު މީހަކަށް ނުކުރެވޭނެތީއޭ،" ސައީދު ކިޔައިދިނެވެ.

ތީމުގޭގައި 11 އަހަރު މަސައްކަތް ކުރި އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދެކަނބަލުންގެ އަރިހުގައި މަސައްކަތްކުރި އެވެ. އަދި ބައެއް ރަސްމީ ދަތުރުފުޅުތަކުގައި ރައީސް އަރިހުގައި ރާއްޖެއިން ބޭރަށްވެސް އޭނާ ދަތުރުކުރި އެވެ.

ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތީމުގޭގައި މަސައްކަތްކުރި ދުވަސްވަރު، 1985 ވަނަ އަހަރުގެ ރައީސް މައުމޫނުގެ ދެ ދަރިކަނބަލުން ދުންޔާއާއި ޔުމްނާ މައުމޫނަށް 15 އަހަރު ފުރިގެން ބޭއްވި ޕާޓީއަށް އޭނާ ތައްޔާރު ކުރި ކާތަކެތި ސައީދު އަދިވެސް ވަރަށް ރަނގަޅަށް ހަނދާން ހުރެ އެވެ. އެންމެ ހަނދާން ވަނީ އެ ދުވަހު ސައީދު، ޖެލީއިން ތައްޔާރުކުރި ކަރަލެކެވެ. ބޭރުން ބަލާލާފައި އެއީ އަސްލު ކަރައެއް ނޫންކަން އެއްވެސް މީހަކަށް ނޭނގޭނެކަމަށް ސައީދު ބުންޏެވެ.

"ރައީސް މައުމޫނު ވިދާޅުވި ސައީދު ހަމަ ހީކުރި ވަރަށްވެސް މޮޅީއޭ،" ހެވިލާފައި އޭނާގެ ފޮނި ހަނދާންތައް ސައީދު ހިއްސާކުރި އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ނުރައްކާތެރި ދުވަސްއައިރުވެސް ސައީދަކީ ތީމުގޭގެ ބޮޑުކައްކާ އެވެ. އެދުވަހު ތީމުގެއަށް އެއްވެސް މީހަކު އެތެރެ ވިޔަ ނުދިނުމަށް އައި އޯޑަރަށް ސައީދުއާއި ބަދިގޭގައި މަސައްކަތްކުރި އިތުރު ބަޔަކު ވަރަށް ރަނގަޅަށް ގޭޓު ހިފެހެއްޓިކަމަށް ސައީދު ބުންޏެވެ. ގޭޓު ހުޅުވީވެސް ރައީސް މައުމޫން އަމިއްލަފުޅަށް އެގޮތަށް އެންގެވުމުން ސައީދުމެން އެވެ.

ނަމަވެސް އެދުވަހު ބަތަލުންގެ އަގުވަޒަންކުރިއިރު ސައީދުއާއި ބަދިގޭގައި ދެން ތިބި ސްޓާފުންގެ ނަން އައިސްފައެއް ނުވެއެވެ. އެކަމާ ހިތްހަމަނުޖެހިގެން ސައީދު ތީމުގޭ ވަޒީފާއިން ވަކިވެ، ބަނޑޮސް އައިލެންޑް ރިސޯޓާއި ގުޅުނީ އެވެ.

ބަނޑޮހުގައި ފަސް އަހަރު މަސައްކަތް ކުރި އިރު، ރެސްޓޯރަންޓްގެ ބޮޑުކައްކާގެ ގޮތުގައި މަސައްކަތްކުރި އެވެ. އަދި ރިސޯޓުގެ ރެސްޓޯރަންޓު ހިންގުމަށް ބޮޑު ބަދަލެއް ގެނެސް، ތާރީހުގައިވެސް ރެސްޓޯރަންޓަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދިނީ އޭނާ ކަމަށް ސައީދު ބުންޏެވެ.

ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އައިސް، 1998 ވަނަ އަހަރު ބަނޑޮހުގެ ވަޒީފާ ދޫކޮށްލީ ސައީދު ހުކުރަށް ދާތީ އެތަނުގައި މަސައްކަތް ކުރި ބޭރު މީހަކު ޝަކުވާ ކުރުމުން އެވެ.

"އެކުއްޖާ ބުނީ ކަލެއަށް މުސާރަ ދެނީ ހުކުރަށް ދާކަށް ނޫނޭ. އަޅުގަނޑު ބޭނުމެއް ނޫން ނަމާދަށް ނުގޮސް، ހުކުރަށް ނުގޮސް، ލިބޭ ލާރިއެއް. އެހެންވެ ދެން އަޅުގަނޑު އެތަން ދޫކޮށްލީ،" ސައީދު ބުންޏެވެ.

އަހްމަދު ސައީދު، -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަނޑޮހުގެ ވަޒީފާ ދޫކޮށްލި ގޮތަށް، ކެއްކުމުގެ ދާއިރާ ވެސް އޭނާ ދޫކޮށްލީ އެވެ. ނަމަވެސް އޭނާގެ ދަރިން ވަނީ ސައީދުގެ ކިބައިން ކައްކަން ދަސްކޮށްފަ އެވެ. އަދި ސައީދުގެ ދަރިއަކު ކެއްކުމުގެ ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަކަމީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ވަޒީފާ ދޫކޮށްލުމަށް ފަހު ރަށުގައި ސްކޫލެއް ހުޅުވައި، ރަށަށް ހިދުމަތް ކޮށްދިނުމުގައި ދެމިހުރި ސައީދު މިއަދު ބަދިގެއަކަށް ނުވަދެ އެވެ. އޭނާ ބުނަނީ އޭނާގެ އަންހެނުންނާއި ދަރިންގެ ކެއްކުން މިހާރު މާ މޮޅުކަމަށެވެ.

މިއަދު ކެއްކުމުގެ ދާއިރާއާ މުޅިން ދުރުގައި ހުރި ނަމަވެސް، ސައީދުގެ ވަރަށް ބޮޑު ޝަކުވާއެއް އެބަ އޮތެވެ. އެއްވެސް ފަރާތަކުން ސައީދު ކުރި ހިދުމަތުގެ އަގު ވަޒަންކޮށްފައި ނެތުމުގެ ޝަކުވާ އެވެ.

ސައީދު ތީމުގޭގައި އަދި ބަނޑޮހުގައި މަސައްކަތް ކުރި އިރުވެސް ބޮޑުންގެ ފަރާތުން އެންމެ ގިނައިން އިވޭ ޖުމްލައަކީ "ސައީދަކީ ގައުމީ އިނާމު ހައްގު މީހެކޭ"އެވެ. އެ ބަސްތަކުން ހިތްވަރާއި އުންމީދު ލިބި، ސައީދު ވަނީ ގައުމީ އިނާމަށް ވެސް ނަން ހުށަހަޅައިފަ އެވެ. ނަމަވެސް މިއަދާ ޖެހެންދެން ވެސް އެކަން އޭނާއަށް ކާމިޔާބެއް ނުވެ އެވެ.

ސައީދަށް ދުވަހަކު ގައުމީ އިނާމު ނުލިބުނަސް، އޭނާއަކީ ރާއްޖޭގެ އެންމެ ދުވަސްވީ ޝެފެވެ. އޭނާގެ ކެއްކުމުގެ ރަހަތަކުން އެތައް ބައެއް ވަނީ ހައިރާން ކޮށްފަ އެވެ. އެ ހަގީގަތް ބަދަލުވުމެއް ނެތެވެ.

comment ކޮމެންޓް