ހޮންކޮންގް އެއާޕޯޓުގައި ތިން ދުވަހުގެ މުޒާހަރާއެއް ފަށައިފި

ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރަނީ -- ފޮޓޯ: ރޮއިޓާސް

ހޮންކޮންގް (އޮގަސްޓު 9): ހޮންކޮންގްގެ ޑިމޮކްރަސީއަށް ތާއިދު ކުރާ އެކްޓިވިސްޓުން އެސިޓީގެ އެއާޕޯޓުގައި ތިން ދުވަހުގެ މުޒާހަރާއެއް ފަށައިފި އެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓަށް އެއްވާން ފެށި މުޒާހަރާގެ ބައިވެރިން ތިބީ މޫނު ފޮރުވައި، ކަޅު ހެދުން ލައިގެންނެވެ. އަދި އެމީހުން ތިބީ ލީޑަރު ކެރީ ލާމް އާއި ފުލުހުންގެ އަމަލުތައް ކުށްވެރިކޮށް ލިޔެފައިވާ ބެނާތަކާއި އެމުޒާހަރާތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ލީފްލެޓުތައް ހިފައިގެންނެވެ.

ހޮންކޮންގް އެއާޕޯޓުގައި އެމުޒާހަރާ ބޭއްވުމުގެ ބޭނުމަކީ އެސިޓީއަށް އަންނަ މީހުންގެ ތާއިދު ހޯދުމާއި މުޒާހަރާގެ ބޭނުން އަންގައި ދިނުން ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ.

އެމުޒާހަރާތަކާ ގުޅިގެން ހޮންކޮންގް އެއާޕޯޓުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ނަމަވެސް އެސިޓީގެ އެއާޕޯޓް އޮތޯރިޓީން ވަނީ އެއާޕޯޓުގެ މަސައްކަތްތައް އެހެން ދުވަސްތަކެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން މިދިޔަ މަހުގެ 26ގައިވެސް ހޮންކޮންގް އެއާޕޯޓުގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މުޒާހަރާއެއް ބޭއްވި އެވެ. އަދި އެމުޒާހަރާ ނިމިގެންދިޔައީ ސުލްހަވެރިކޮށެވެ.

ހޮންކޮންގް މުޒާހަރާތަކާ ގުޅިގެން 22 ގައުމަކުން ވަނީ އެސިޓީއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ބުނެ އިންޒާރު ނެރެފަ އެވެ. އަދި ހޮންކޮންގް ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ މުޒާހަރާތަކުގެ ސަބަބުން ދަތުރުފަތުރަށް ހުރަސް އެޅުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާ އިރު މިއަހަރުގެ ޖުލައި މަހު ހޮންކޮންގަށް ފަތުރުވެރިން ދިޔަ މިންވަރު ވަނީ 26 ޕަސެންޓު ދަށްވެފަ އެވެ. އަދި މިމަހުވެސް ފަތުރުވެރިންގެ އަދަދު ދަނީ މަދު ވަމުންނެވެ.

މިދިޔަ އޭޕްރިލް މަހު ހޮންކޮންގްގައި ބޮޑެތި މުޒާހަރާތައް ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަކާ ގުޅިގެންނެވެ. އޭޕްރިލް މަހުގެ 20ގައި ވޯޓަށް އަހަން އޮތް އެބިލު ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރެވޭނެ އެވެ.

ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އޭގެ ސަބަބުން ހޮންކޮންގްގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އެބިލާ ދެކޮޅަށް ބޭއްވި ބައެއް މުޒާހަރާތައް ހޫނުވެ، ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

އޭގެ ސަބަބުން ލާމް ވަނީ ބިލް ފާސް ކުރުން ފަސް ކުރަން ނިންމަވާފަ އެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން އަދިވެސް ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމް އިސްތިއުފާ ދެއްވުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް