އުދުހޭ މުފީދު ގަދަ، މިއީ އަސްލު ލެޖެންޑެއް!

"އެއީ ރީތި ކުޅުމެކެވެ. އެއީ ޑީއެންސީ އެވެ." ފަހަރެއްގައި މި ޖީލުގެ ޒުވާން ކުއްޖަކަށް މިީީހެން ބުނެލުމުން ނޭނގިދާނެ އެވެ. އެހެން ނަމަވެސް، ރާއްޖޭގެ ފުުޓުބޯޅައިގެ ރަން ސޮފްހާތައް ހުޅުވާލާއިރު ޑީއެންސީއާއި އެ ކްލަބްގެ ކުޅަދާނަ ފޯވަޑް "އުދުހޭ މުފީދު"ގެ ނަން ޔަގީނަށް ވެސް ނުހިމެނިއެއް ނުދާނެ އެވެ.

މިހާރު އުމުރުން 66 އަހަރުގެ އަބްދުﷲ މުފީދު، މަޝްހޫރު ނަމުން ނަމަ، އުދުހޭ މުފީދަކީ އައްޑޫގެ މަޝްހޫރު ކުލަބު ޑީއެންސީގެ ރަން ޒަމާނުގައި އެންމެ ދުވެލި ބާރު، އަދި އެދުވަސްވަރު ފުޓުބޯޅައިގައި އެންމެ ވިދުން ގަދަ ފޯވާޑެވެ. މި ފޯވާޑް "އުދުހިފައި" ގޮސް ޖަހާ ބާރު ބޯޅަތަކުން އިދިކޮޅު ޓީމްގެ ގޯލް ފޫއަޅުވާލަ އެވެ. މުފީދު ހުއްޓުވުން ވެފައި ވަނީ އޭރު އެންމެ އުނދަގޫ މަސައްކަތަށެވެ. އެއީ އިދިކޮޅު ޓީމް އެންމެ ޖެހިލުންވާ އެންމެ ހަލުވި ފޯވާޑެވެ.

އުމުރުން އެންމެ ނުވަ އަހަރުގައި އޭނާގެ ހިތް ފުޓްބޯޅަ ކުޅުމުގެ ތެރެއަށް ދޫވީ އައްޑޫގެ ގަމުގައި އިނގިރޭސިން ފުޓުބޯޅަ ކުޅޭތަން ފެނި އުފެދުނު ޝައުގުވެރިން ކަމުން އެވެ. އެއާ އެކު، އެގޮތް މިގޮތުން ފުޓްބޯޅަ ކުޅެން އޭނާ ދަސްކުރީ އެވެ. ޑީއެންސީގެ ނަމުގައި 1969 ވަނަ އަހަރު އައްޑޫގައި ފުޓުބޯޅަ ކުލަބެއް ރަޖިސްޓްރީކުރުމާ އެކު، އެ ޓީމުގެ ލިސްޓްގެ އެންމެ ކުރިން އޭނާ ޖާގަ ހޯދީ އެވެ. އެ ޓީމްގެ އެއް ނަމްބަރު ފޯވާޑަށް އޭނާވީ އެވެ.

މުފީދު ބުނި ގޮތުގައި އޭރު ފުޓުބޯޅައިގެ ހުރިހާ ހަރަދެއްހެން ކޮށްދިނީ އިނގިރޭސީންނެވެ. ކުޅޭނެ ބޯޅަ އާއި، ބޫޓާއި ޖާޒީވެސް ދިނީ އެމީހުންނެވެ.

ގޭ ފެންޑާގައި އެލުވާފައި ހުރި އުދޯންޏެއްގައި ހަމަ ޖެހިލައިގެން އިނދެ، 1969 ވަނަ އަހަރުގެ ރަން ހަނދާންތަކުގެ ތެރެއަށް އޭނާ އަހަރުމެން ގެންދިޔަ އެވެ. އެ އަހަރުގެ ފުޓްބޯޅަ މުބާރާތަށް ޑީއެންސީއާ އެކު އޭނާ ތައްޔާރުވި ގޮތުގެ ހަނދާންތައް މުފީދު އާ ކުރެއްވީ އިއްޔެ ވީކަމެއް ހެނެވެ.

"އަތޮޅު މުބާރާތަށް ތައްޔާރުވާން އެއް މަސްދުވަހު އެންމެން ތިބީ ޑީއެންސީގެ އިދާރާގައި. ފަތިހު ފަތިސް ނަމާދަށް ތެދުވެ ޖޫސް ދީފައި، ކަސްރަތުކުރުވާފައި އެގޮތަށް ތިބީ. ވަރަށް ބުރަކޮށް އޭރު އުޅުނީ،" ފުޓްބޯޅަ ކުޅެން އޭނާ ކުރި ހިތްވަރު މުފީދު ކިޔައިދިނެވެ.

އެދުވަސްވަރުގެ ނޫހެއްގެ ފޮޓޯއެއް

މުފީދު ބުނި ގޮތުގައި ޓީމްގެ ޕްރެކްޓިސް އާންމުކޮށް ބާއްވަނީ މެންދުރު ވަގުތު އެވެ. ޕްރެކްޓިސް ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އޮންނަނީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ބޯޅަ ޕާސްކޮށް، ގޯލް ޖަހަން ދަސްކުރުމެވެ. މެޗްގެ ޕްރެކްޓިސް ހެދުމަށް ހަފްތާގެ އެއްފަހަރު މެޗެއް ކުޅޭނެ އެވެ. އެއީ ސީދާ މެޗަށް ތައްޔާރުވުމަށް ބާއްވާ ޕްރެޓިސް ސެޝަނެއް ކަމަށް އޭނާ ބުންޏެވެ. މިއީ މުފީދުގެ ފުޓްބޯޅައިގެ އެންމެ ރަން ހަނދާންތައް އޭނާ އާ ކުރައްވާ ގޮތެވެ.

މިއީ، ރާއްޖޭގެ ފުޓްބޯޅައިގައި އަދިވެސް، ފަނޑުވުމެއް ނެތް ޑީއެންސީގެ އެއް ނަމްބަރު ކުޅުންތެރިޔާ އެވެ. އޭނާ އަކީ، އަދިވެސް ދިވެހި ފުޓްބޯޅައިގެ ލެޖެންޑެކެވެ. އެކަމެއް ނުވެސް ފިލުވޭނެ އެވެ.

މުފީދަށް "އުދުހޭ މުފީދު" ކިޔުނީ ކީއްވެ؟

އޭނާގެ ނަމުގެ ކުރިޔަށް "އުދުހޭ" އެ ލަފްޒް އިތުރުކޮށްގެން ކިޔަން ފެށުނީ ގަމުން ހުޅުލެއަށް ފްލައިޓް ދަތުރުތައް ފެށި ދުވަސްވަރު މެޗެއް ކުޅުމަށްޓަކައި އިނގިރޭސީންގެ "ފްލައިންފިޝް" ކިޔާ ފްލައިޓެއްގައި މާލެ އައުމުން އެވެ. އެއީ މުފީދުގެ އެންމެ ރަންޒަމާނެވެ. އެނަން އޭނާގެ ނަމުގެ ކުރީގައި ހަރުވީ ނޫސްވެރިޔާ އަލްމަރުހޫމް ސައިކުރާ އިބްރާހީމް ނައީމް މޫންލައިޓް ނޫހުގައި ޖެއްސެވި ސުރުހީއަކުން އެވެ. މުފީދު މެޗެއް ކުޅެލަން މާލެ އައި ހަބަރުގެ ސުރުހީއަކަށް ނައީމް، ޖެއްސެވީ "މުފީދު އުދުހިފައި މާލެއަށް" މިހެން އެވެ. އެ ހިސާބުން އޭނާއަށް އުދުހޭ މުފީދުގެ ނަން ހަރުލީ އެވެ.

މޫންލައިޓްގައި އެ ޚަބަރު ޝާއިރު ކުރެވިފައި

އެއަށް ފަހު މުފީދު ކުޅެމުން އައި ކުލަބު ޑީއެންސީއަށް 22 ވަނަ މުބާރާތް ކާމިޔާބުވުމުގެ އުފަލުގައި ހަސްރަތު ނަމަކަށް ކިޔާ ބޭފުޅަކު ހައްދަވައި، ހޮޅުދޫ އަބްދުﷲ ކިޔުއްވާފައިވާ ލަވައިގައިވެސް މުފީދަށް ނިސްބަތް ކުރީ އުދުހޭ މުފީދުގެ ނަމުން އެވެ.

"އުދުހޭ މުފީދު ކެޕްޓަން، ދަނޑުގައި ލަބީބު ގުޅިގެން
ފަހަތުން ސައީދު ފެނެޔޭ ސާލިހުގެ ބޯޅަ ފޮނުވަން
ހިތަކުން ނުވެސް ފިލާނޭ، އަދިވެސް ދުށުން އެދޭނީ،
ފޮނި ކާމިޔާބާ ނަސްރޭ ހަފަރާތުގައި ވިދާނީ،"

މި ލަވަ އާންމުންގެ ތެރޭގައި ހޯދި މަގުބޫލު ކަމާއެކު، މުފީދުގެ ނަން ވިދާލީ އެފަދަ ދެވަނަ އެއްނުވާ "އުދުހޭ މުފީދު" ގެ ގޮތުގަ އެވެ.

އެ ދުވަސްވަރު 1970 އިން ފެށިގެން ވިދިވިދިގެން ތިން އަހަރު އެންމެ މޮޅު ފޯވަޑްގެ އެވޯޑް ލިބިފައި އޮތީ މުފީދަށެވެ. މުފީދުގެ ފުޓްބޯޅަ ހަޔާތުގެ އެންމެ ފޮނި ހަނދާނަކީ، ޑީއެންސީއަށް ލިބުނު ތަށި ހިފައިގެން އެނބުރި ރަށަށް އައުމުން ރައްޔިތުންގެ ފަރާތުން ލިބޭ ހޫނު މަރުހަބާ އެވެ. އެ ހަނދާންތައް ފަނޑުވުމެއް ނެތެވެ.

މުފީދުގެ ފުޓުބޯޅަ ހަޔާތުގެ ތެރެއިން ހިތުގައި އެންމެ ގަދައަށް ފަވާލެވިފައިވާ ހަނދާނަކީ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ރާއްޖެ ވަޑައިގަތުމާ ގުޅިގެން އިންތިޒާމްކުރި ފުޓުބޯޅަ މެޗުގައި ކުޅުމާއި، 1973 ގައި މާލޭ ޓެނިސް ކްލަބާއެކު ކުޅުނު މެޗުގައި 0-2 އިން ބަލިވާން ދަނިކޮށް ފަހަތުން އަރައި ތިން ގޯލު ޖަހައިގެން މޮޅުވި މެޗުގެ ހަނދާނެވެ.

"ކަނޑުމަގުން ދަތުރުކޮށް އުޅުނު އިރު ވަރަށް ގިނަ ރަށްރަށުން ދައުވަތު ވެސް ލިބޭނެ އެ ރަށުގައި ކުޅެން އަންނަން. އެ ރަށްރަށުން ލިބޭ ތަރުހީބާއި މެހެމާންދާރީ އަޅުގަނޑު ހަނދާނެއް ނުނެތޭނެ،" މުފީދުގެ ރަން ޒަމާނުގެ ހަނދާންތައް އާކުރި އެވެ.

ޑީއެންސީއަށް އޭރު މުފީދާއެކު ކުޅުއްވި އެހެން ކުޅުންތެރިންގެ ތެރޭގައި، މިހާރު އޮލިމްޕިކްސް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު މަރްޒޫގް (މަރޭ)ގެ ބައްޕަ ވެސް ހިމެނެ އެވެ.

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އުދުހޭ މުފީދު އަދި އޭނާގެ އަންހެނުން -- ސަން ފޮޓޯ/ މުސްތަފާ މުހައްމަދު

މުފީދު ފުޓުބޯޅައިގެ ދުނިޔޭގައި އުދުހެން ފަށައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ގޮސް، އޭނާ ފުޓްބޯޅައިން ރިޓަޔާ ކުރީ 1973 ވަނަ އަހަރު އެވެ. ސަބަބަކަށްވީ، އިނގިރޭސިން ގަމުން ފޭބުމާ އެކު އައްޑޫގެ މަޝްހޫރު ކުލަބު ޑީއެންސީއަށް ވެސް ހުއްޓުމެއް އައުމެވެ.

"އޭރުވީގޮތަކީ އިނގިރޭސިން ދިއުމާއި ކުޅުންތެރިން ރިސޯޓުތަކަށް ދިއުމާއެކު، ލާރި ދީގެން ގެންގޮސް ކުޅުވަން ބޭނުންވީ، އެގޮތެއް އަޅުގަނޑަށް ކަމަކު ނުދިޔަ، އެއީ ޓީމު އެހާ މޮޅަށް ދެން ނުކުޅުވޭނެކަމަށް އަޅުގަނޑަށް ފެންނާތީއާއި ވެސް އެކު، އެއީ އެންމެން އެކި ތަންތަނަށް ދިޔައިމާ،" މުފީދު ބުންޏެވެ.

މުފީދު މުޅި ހަޔާތް ވަނީ ފުޓްބޯޅައާ ގުޅިފަ އެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާ ވެސް ހޯދީ، ފުޓްބޯޅައިގެ ތެރެއިން އެވެ. ފޭދޫއަށް ނިސްބަތްވާ މުފީދުގެ އަންހެނުންނަކީ، އޭރު ޑީއެންސީގެ މެނޭޖަރުގެ ދަރިކަނބަލެކެވެ. އެ ދެމީހުންގެ ގުޅުން ބަދަހިވީ ޑީއެންސީގެ ކަންކަމުގައި އެގެއަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. އެ ދެމީހުންގެ ކައިވެންޏަށް އަންހެން ކުއްޖެއް ލިބުނުއިރު މިހާރު އެ އާއިލާއަށް ވަނީ ދެ ކާފަދަރިންވެސް ލިބިފަ އެވެ. މުފީދަށް ލިބޭ އެންމެ ބޮޑު އުފަލަކީ، އެ ދެ ކުދިން ފުޓުބޯޅައަށް ޝައުގުވެރިވުމެވެ.

މުފީދު ބުނި ގޮތުގައި އޭނާ ކުރާ ހިތާމަޔަކީ ދިވެހި ފުޓުބޯޅަޔަށް އޮތް ޝައުގުވެރިކަން ރާއްޖޭގައި ކުޑަވެފައިވާތީ އެވެ. ސަޕޯޓަރުން މެޗު ބަލަން ނުދިއުމަކީ ވަރަށް ދެރަކަމެއްކަމަށް މުފީދު ބުންޏެވެ.

މުފީދުގެ ފަރާތުން ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް ދޫކޮށްލާ މެސެޖަކީ އަހުލާގު ބަހައްޓައިގެން ފަރުވާތެރިކަމާއެކު ފުޓުބޯޅަ ކުޅުމެވެ. އޭރުން ދިވެހި ފުޓްބޯޅައަށް އަނެއްކާ ވެސް ރަން ޒަމާނެއް ހޯދިދާނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ. އުދުހޭ މުފީދުގެ އުންމީދަކީ ދިވެހި ފުޓްބޯޅައަށް އަބަދުވެސް ކުރިއެރުން އައުމެވެ. އޭނާގެ ރަން ހަނދާންތައް އަލުން ތަކުރާރުވުމެވެ. އުދުހިފައި ދިވެހި ފުޓްބޯޅަ ރަންޒަމާނަކަށް ދިޔުމަށް އޭނާ ކުރާ އުންމީދު ހުއްޓައެއް ނުލަ އެވެ.

comment ކޮމެންޓް