އައްޑޫގެ ޓޫރިޒަމް މެކުހަށް ޖެހިދާނެ! އެކަމަކު ކިހިނެއް؟

އައްޑޫ ނޭޗާރ ޕާކްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ދެކުނުގައި އޮންނަ ތަފާތު އަދި އެހާމެ ނަލަނަލަ އައްޑޫގައި ޓޫރިޒަމްގެ ކުލަތައް ވަރަށް ވެސް ފަނޑެވެ. އެކަމަކު މިދިޔަ މަހު އަހަރެމެން އައްޑޫއަށް ކުރި ދަތުރުގެ ތެރެއިން ޔަގީންވީ ކަމަކީ މިއީ ނުވާނެ ކަމެއް ނޫން ކަމެވެ. ތަފާތު ހިޔާލެއްގައި ތަފާތު ވިސްނުުމެއްގައި އައްޑޫގެ ޓޫރިޒަމް ކުރިއެރުވިދާނެ އެވެ.

އައްޑޫގައި މާ ރަނގަޅަށް ވެސް ޓޫރިޒަމް ކުރިއެރުވޭނެ އެވެ. އެ ފުރުސަތާއި ޖާގަ އެބަ އޮތެވެ. ތަފާތު ޓޫރިޒަމަކަށް ބޭނުންވާ ހުރިހާ ކުލަތަކެއް މި ސިޓީގައި އެބަ ހުއްޓެވެ. ހަމައެކަނި ޖެހޭނީ އެތަންތަން "ޕޮލިޝް"ކޮށްލާފައި ގެސްޓުންނަށް ދައްކާލާށެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ. މަޝްވަރާއާ އެކު ގިނަ ބަޔަކު ޖެހެނީ ގުޅިގެން މަސައްކަތްކުރާށެވެ. ޓޫރިޒަމަށް ޓަކައި އެންމެން އެކީ ތެދުވާންވީ އެވެ. މިއީ އައްޑޫގައި ޓޫރިޒަމް ދިރުވޭނޭ ފޯމިއުލާ ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވާ ވާހަކައެއް އޮވެ އެވެ. އެއީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ވަކި ބްރޭންޑުތަކުގެ ގޮތުގައި މާކެޓްކޮށް ދުނިޔެއަށް ދެއްކުމެވެ. އައްޑޫ ތަފާތު ޑެސްޓިނޭޝަނެއްގެ ގޮތުގައި ބޭރަށް ވިއްކައި، ޓޫރިސްޓުން ގެނެސް މިތަން ފުރާނުލެވޭންވީ އެއްވެސް ސަބަބެއް ނެތެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައި ހުރީ ސާފު މޫދާއި ދޮން ވެލީގެ ގޮނޑުދޮށްތަކެވެ. އެކަމަކު އައްޑޫގައި މާރީތީ ގޮނޑުދޮށްތަކާއި މޫދެއް ނެތެއް ކަމަކު، މުއްސަނދި ތާރީހަކާއި ގުދުރަތީ މުއްސަނދިކަން އެބަ އޮތެވެ. އެހެންވީމާ މިކަން ނުކުރެވޭންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟

ގުދުރަތުގެ ޗާލު މަންޒަރުތައް ބަލާލަން އާދޭ!

އައްޑު އަތޮޅަކީ ރާއްޖޭގައި ޖޯގުރަފީގެ ގޮތުން ތަފާތު ގޮތަކަށް އުފެދިފައިވާ، އަދި ހާއްސަ ސިފަތަކެއް ހުރި އަތޮޅެކެވެ. ތިމާވެއްޓާއި ޓޫރިޒަމާ ގުޅުވާނަމަ، އައްޑޫގައި އޮތް އެންމެ ރަނގަޅު ފުރުސަތަކީ އައްޑޫ ނޭޗާ ޕާކެވެ.

އައްޑޫ ނޭޗާރ ޕާކްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫގެ ރަމްޒެއް ކަމުގައިވާ އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށް ހަދާފައިވާ މި ނޭޗާ ޕާކުގައި ވިޒިޓާ ސެންޓަރެއްގެ އިތުރުން، އެ ސަރަހައްދުގެ ގަސް ބޯ މަގުތަކުގެ ތެރެއިން ބައިސްކަލު ދުއްވާލުމުގެ ހިތްގައިމު ތަޖުރިބާ އާއި އީދިގަލި ކިޅީގައި ކެނޯ ދުއްވުމުގެ މަޖާކަންވެސް ތަޖުރިބާކޮށްލެވޭނެ އެވެ. ނޭޗާ ޕާކުގެ ސަރަހައްދަކީ ބަޔޯޑައިވާސިޓީގެ ގޮތުން މުއްސަނދި ސަރަހައްދެކެވެ.

ނޭޗާ ޕާކުގައި ހުންނަ އީދިގަލި ކިޅީގެ އިތުރުން ހިތަދޫގެ މެދުގައި އެވާ ފެހެލެ ކިޅި އާއި މެދެއާރި ކިޅި ވެސް އޮތީ އެވެ. މީގެ އިތުރުން ހުޅުމީދޫގައި މަތި ކިޅިއާއި މާފިށި ކިޅިއޭ ކިޔާ ދެ ކުޅިއެއް ވެސް އޮވެ އެވެ. ރިސޯޓު ހިންގާ އައްޑޫ، ވިލިނގިއްޔާއި ހެރެތެރޭގައިވެސް ކުޅިއާއި ޗަސްބިންތައް އޮވެ އެވެ. އެހެންވީމާ، އިކޯ ޓޫރިޒަމް އަކަށް މިތަން ފައްކާ ނުކުރެވޭންވީ އެއްވެސް ސަބަބެއް ނެތެވެ.

މެރެތަން ދުވެލައި، ބައިސްކަލު ދުއްވާލުމަށް!

މި ފަހަކަށް އައިސް ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ދުވުންތައް ބާއްވަން ފަށާފައިވާ އިރު، ދުވުމުގެ މަގުބޫލްކަން ވެސް އަންނަނީ ބޮޑުވަމުން އެވެ. އައްޑޫ ސިޓީއަށް ނިސްބަތްވާ ޝުޖާއު ހުސައިން (ކޯޗް ޝުޖާއު)އަކީ ދުވުންތެރިންގެ ގްރޫޕު "އައިރަނާސް"ގެ ކޯ ފައުންޑަރެކެވެ. އޭނާ މިހާރު ކުރާ އެއް މަސައްކަތަކީ ރާއްޖޭގެ ބިން ބޮޑު އެކި ސަރަހައްދުތަކުގައި މެރެތަން ދުވުންތައް ބޭއްވުމެވެ.

ކޯޗް ޝުޖާއުގެ މާލިމީކަމުގެ ދަށުން "އައްޑޫ މެރެތަން" މިދިޔަ ދެ އަހަރު ބާއްވައި، ތިންވަނަ އަހަރުގެ ރޭހަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ކަމާ ކަން ފަށައި އައްޑޫގައި ދުވެލުމަށް އެކި ދިމަދިމާލުން މީހުން އައްޑުއަށް ޖަމާވި އެވެ.

އައިރަނާސްއިން އައްޑޫ ސިޓީގައި އިންތިޒާމުކޮށްގެން 2018 ވަނަ އަހަރު ބޭއްވި އައްޑޫ މެރެތަންގެ ތެރެއިން -- ފޮޓޯ/ އައްޑޫ މެރެތަން

ފުރަތަމަ މެރެތަންއަށް، 2017 ވަނަ އަހަރު 150 މީހުންނެވެ. ދެވަނަ އަހަރު މި އަދަރު ފަސް ގުނަވެ، 700 އެއްހާ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި 10 ގައުމަކަށް ނިސްބަތްވާ ބޭރު މީހުން ބައިވެރިވި އެވެ.

"އަސްލު ހަގީގަތުގައި އައްޑޫ މެރެތަންއެއް ނޫން ބޮޑުވަނީކީ. ރާއްޖޭގައި ދުވުމުގެ ސަގާފަތް ގްރޯވަމުން ދަނީ. މި އަހަރުގެ މެރެތަންގައިވެސް އެހާ ވަރަށް އަންނާނެކަމަށް ބެލެވެނީ،" ރާއްޖެއިން ބޭރުގައިވެސް ޕްރޮމޯޓުކޮށްފައިވާ، މި އަހަރުގެ ދުވުމާ މެދު އޭނާގެ އުންމީދުތައް ކިޔައިދިނެވެ.

އައިރަނާސްއިން މެރެތަން ބާއްވަނީ އައްޑޫގައި އެކަންޏެއް ނޫނެވެ. މާލޭގެ އިތުރުން މި އަހަރު ލ. އަތޮޅުގައިވެސް މެރެތަންއެއް ބޭއްވި އެވެ. މިހާރު ތައްޔާރުވަމުން ދަނީ އަންނަ މަހު ފުވައްމުލަކުގައި މެރެތަންއެއް ބޭއްވުމަށެވެ. އޭނާ ބުނީ، ކުރިއަށް އޮތް ތަނުގައި ޓްރަޔަތުލޯން އިވެންޓުތައްވެސް ބާއްވަން ރާވަމުން އަންނަ ކަމަށެވެ-- ޓްރަޔަތުލޯންގައި ހިމެނެނީ ދުވުމާއި، ބައިސްކަލު ދުއްވުމާއި ފެތުމެވެ.

އައިރަނާސްއިން އައްޑޫ ސިޓީގައި އިންތިޒާމުކޮށްގެން 2018 ވަނަ އަހަރު ބޭއްވި އައްޑޫ މެރެތަންގެ ތެރެއިން -- ފޮޓޯ/ އައްޑޫ މެރެތަން

އައްޑޫގައި ދުވުން ބާއްވަނީ ހަމައެކަނި އައިރަނާސް އެކަންޏެއް ނޫނެވެ. ޓީއެފްޖީން "ރަން އިން އައްޑޫ"ގެ ނަމުގައި އައްޑޫގައި ދުވުން ބާއްވަ އެވެ. އަދި އުރީދޫއިން ބާއްވާ "ކަލާ ރަން"ވެސް މި އަހަރު އައްޑޫގައި ބޭއްވި އެވެ.

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓުކުރާ "ޑިސްކަވާ އައްޑޫ"ގެ ފައުންޑަރު މިސްބާހު ނަޒީރު "ސަން"އަށް ވިދާޅުވި ގޮތުގައި، ޓޫރިޒަމް ރަނގަޅުކުރުމަށް ވިސްނާ ނަމަ، ބަޖެޓު ޓްރެވަލާސްގެ މާކެޓަށް އައްޑޫ ޕްރޮމޯޓުކުރުމަކީ ކުރެވިދާނެ ކަމެކެވެ. ދުނިޔޭގެ ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު ބައެއް ނިސްބަތްވަނީ މި މާކެޓަށެވެ.

"މިސާލަކަށް ބައިސްކަލު ކުއްޔަށް ނަގައިގެން އަމިއްލައަށް ހުރިހާ ރަށެއް އެކްސްޕްލޯ ކޮށްލެވިދާނެ،" އޭނާގެ ހިޔާލެއް ހިއްސާކުރެއްވި އެވެ.

އައްޑޫގެ ބައެއް ގެސްޓްހައުސްތަކުން މިހާރުވެސް ބައިސްކަލު ކުއްޔަށް ދޫކުރެ އެވެ. އެހެންވީމާ އަމިއްލައަށް ރަށުތެރެ ބަލައިލާ ދުއްވާލަން ދާން ބައިސްކަލުވެސް ލިބުނީތާ އެވެ.

ހިމާޔަތްކުރެވިފައިވާ ދެ ޕޮއިންޓަށް ފީނާލުމަށް!

އައްޑު އަތޮޅަކީ ރާޅާ އެޅުމުގައި މާ ފޯރިއެއް އެރުވޭނެ ތަނެއް ނޫނެވެ. ރަނގަޅު ސާފް ޕޮއިންޓެއް އޮތީ ޝަންގްރިލާ ރިސޯޓު އޮންނަ އައްޑޫ، ވިލިނގިލި ކައިރީގައި އެކަންޏެވެ.

އެހެން ނަމަވެސް އައްޑު އަތޮޅުގައި އެހެން ކަމެއް އެބަ އޮތެވެ--ޑައިވީނަށް ދިއުމެވެ. މިއީ ޑައިވަރުންނަށް ސުވަރުގެއެއް ފަދަ ތަނަކަށް ވާނެ އެވެ.

"ޑިސްކަވާ އައްޑޫ"ގެ މިސްބާހު ވިދާޅުވާ ގޮތުގައި އެ އަތޮޅަކީ ޑައިވިންގް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓުކުރެވޭނެ މަންޒިލެކެކެވެ. އައްޑޫގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ދެ ސަރަހައްދެއް ހިމެނެ އެވެ.

އެއް ތަނަކީ އައްޑު އަތޮޅުގެ އުތުރުން އޮންނަ ކަނޑިހެރަ ސަރަހައްދެވެ. ކަނޑިހެރައާއި އެތަން ވަށައިގެންވާ ކަަނޑާއި ފަރާއި ފަޅާއި އެއްގަމުގެ 724 ހެކްޓަރުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާ އިރު، މިއީ މުޅި އަހަރު ތެރޭގައިވެސް އެންމަޑި ޒިޔާރަތްކުރާ ޕޮއިންޓެކެވެ. މިއީ އައްޑު އަތޮޅުގައި އޮންނަ ހަތަރު ކަނޑުއޮޅީގެ ތެރެއިން "މާކަނޑު ކަނޑުއޮޅި" ކައިރި އެވެ.

"މި މެންޓާ ޕޮއިންޓަކީ މެންޓާ ކްލީނިންގް ސްޓޭޝަނެއް. އެއާ ހިލާފަށް ބ. އަތޮޅު ހަނިފަރު ބޭއަކީ ސީޒަނަލްކޮށް އެ އެއްޗެހި އަންނަ ތަނެއް. ހަނިފަރަކީ ތިލަ ހިސާބެއް، އަދި އެތަނުގައި ޖެހޭނީ ސްނޯކަލްކުރަން. ކަނޑިހެރައިގައި މެންޓާ ރޭ ބަލަން ޑައިވްކުރަން ޖެހޭނީ،" މިސްބާހު ވިދާޅުވި އެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އަކުއަވެންޗާ މޯލްޑިވްސް

މީގެ އިތުރުން ދެން ހިމާޔަތްކޮށްފައި އޮންނަނީ ރާއްޖޭގެ އެންމެ ބޮޑު ޝިޕްރެކް، "ބްރިޓިޝް ލޯޔަލްޓީ" ތެޔޮ ޓޭންކަރެވެ. އައްޑު އަތޮޅުގެ އެތެރެވަރިއަށް ފައްތާފައި އޮތް އިނގިރޭސި ތެޔޮ ޓޭންކަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ ސަބްމެރިންއަކުން ދިން ހަމަލާއެއްގައި ގެއްލުން ލިބުނު އުޅަނދެކެވެ. ފަހުން އެ އުޅަނދު، މަރަދު އާއި ހިތަދޫއާ ދެމެދަށް ފައްތާލީ އެވެ.

މިއީ އައްޑޫގެ މާކެޓުކޮށްގެން ފަތުރުވެރިންނަށް ފުޅާ ދާއިރާއެއްގައި ދެއްކޭނެ ދެ ޑައިވް ޕޮއިންޓެވެ. މި ދެ ތަން ހިމާޔަތްކުރުމަކީ އެތަންތަނުގެ ހާއްސަކަމާއި ހައިބަތު އިތުރަށް ބޮޑުވާ ސަބަބެކެވެ.

އެކި ޒަމާންތަކުގެ ތަރިކަތައް ބަލައިލުމަށް!

އައްޑު އަތޮޅަކީ މުއްސަނދި، ފަހުރުވެރި ތާރީހެއް އޮތް އަތޮޅެކެވެ. އައްޑޫ ސިޓީގެ އަވަށްތަކުގައި ހުރި ތާރީހީ ބިނާތަކާއި ތަންތަނުން ޝައުގުވެރި އެތައް ވާހަކަތަކެއް ކިޔައިދެ އެވެ.

އެހެން ނަމަވެސް އައްޑޫގައި ހުރި ތާރީހީ ތަރިކައިގެ ލިސްޓެއް ހަދާ ނަމަ، އޭގައި ހިމެނެނީ ހަމައެކަނި ހިތަދޫގެ ކޯއްޓޭ އާއި ހުޅުމީދޫގެ ކޯގަންނު ގަބުރުސްތާނެއް ނޫނެވެ. ހަމަލޮލަށް ފެންނަން ހުރި ނަމަވެސް އޭގެ އަގު ވަޒަން ކުރެވިފައި ނުވާ އެތައް ތަނެއް އެބަ ހުއްޓެވެ. އެ ސިޓީގެ އެކި އަވަށްތަކުގައި މިފަދަ ތަންތަނާއި ތަކެތި އެބަ ހުއްޓެވެ. ހިތަދޫ ކޮށިދަރިގޭގެ މަތީ ފަންގިފިލާގައި، އެރަށު އިބްރާހިމް ފިރާގު ހިންގާ "ދާރުލްއާސާރު"ގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟

ހިތަދޫ ކޮށިދަރިގޭ އިބްރާހިމް ފިރާގުގެ ކަލެކްޝަން -- ސަން ފޮޓޯ/ މުސްތަފާ މުހައްމަދު

އޭނާ ބަލަހައްޓައި، ގެންގުޅެނީ ވަރަށް އަގުހުރި އާސާރު ކަލެކްޝަނެކެވެ. ފިރާގު ބޭނުންވަނީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން އެ ދާރުލްއާސާރު ހިންގާށެވެ. މިކަން ވެއްޖެނަމަ މިއީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވަން ކުރެވިދާނެ ކަންކަމުގެ ޗޭނަށް އިތުރުވާނެ ވަރަށް މުހިންމު ބޮޅަކަށް ވާނެ އެވެ.

މީގެ އިތުރުން އައްޑޫ ގަމުގައި ހުރި އިނގިރޭސީންގެ ޒަމާނުގެ ތަރިކަ އާއި، އެއަށް ވުރެ އިހުގެ ދިވެހި ތާރީހަށް މުހިންމު ތަންތަނާއި ތަކެތި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ގަމުގެ މާ މިސްކިތާއި އެ މިސްކިތުގެ ގަބުރުސްތާނުގެ މަހާނަ ގައުތައް އަދިވެސް އެބަ ހުއްޓެވެ. މިއީ ފަތުރުވެރިން ބެލުމަށް ޝައުގުވެރިވާނެ ތަންތަނެވެ. އަދި މިއީ، ގަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނިން ޓުއާތައް އިންތިޒާމުކޮށްގެން އާމްދަނީވެސް ހޯދޭނެ މަގެކެވެ.

ދެކުނު އޭޝިއާގެ އެންމެ ދެކުނު ބިތަށް!

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ދެކުނުގައި އޮންނަނީ އައްޑޫ ސިޓީގެ ގަމެވެ. ގަމުގައި ހުންނަ ދިވެހި އަސްކަރިއްޔާގެ ސަދަން އޭރިއާގެ ބެލުމުގެ ދަށުގައި ސަރަހައްދެއް އޮންނަ އިރު، ގަމުގެ އެންމެ ދެކުނު ބިތް ވެސް ހުންނަނީ އެތަނުގަ އެވެ.

"ސަދަންމޯސްޓް ޕޮއިންޓް" ޖަހާފައި، ލޭންޑްމާކެއް ގޮތަށް ފާހަގަކޮށްފައިވާ އެ ތަނަކީ އައްޑޫއަށް ޒިޔާރަތްކުރާ އެތައް ބަޔަކު ގޮސް ފޮޓޯ ނަގައި ހަދާ ތަނެކެވެ.

"މިއީ ވަރަށް ސިގްނިފިކަންޓް ލޭންޑްމާކެއް. މިހާރުވެސް އެތަނަށް ޓޫރިސްޓުންނަށް ދެވޭނެ އެމްއެންޑީއެފްއަށް ގުޅައި ހުއްދަ ހޯދައިދެން،" ޑިސްކަވާ އައްޑޫގެ މިސްބާހު ނަޒީރު ވިދާޅުވި އެވެ.

އެ ތަނަކީ އިވެންޓު ބާއްވާ ލޮކޭޝަނަކަށްވެސް ހެދިދާނެކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މުޅި ދެކުނު އޭޝިއާގެ ވެސް އެންމެ ދެކުނު ބިތަށް ވުމުން، އެތަނުގެ މުހިންމުކަމާއި އެތަނަށް ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން ދިވެހި އަދި ބިދޭސީ ފަތުރުވެރިންގެ ހިތުގައި އޮންނާނެ އެވެ. މިހާރަށް ވުރެ ފުރިހަމައަށް އެތަން ތަރައްގީކޮށް، ޕްރޮމޯޓުކުރެވޭނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

މި ހުރިހާ ސަބަބުތައް އެއްކޮށްލީމާ ފެންނަ މަންޒަރަކީ އައްޑޫގައި ޓޫރިޒަމަށް އޮތް ބޮޑެތި ފުރުސަތުތަކެވެ. އައްޑޫއަކީ ޓޫރިޒަމް ކުރިނޭރުވޭނެ ތަނެއް ނޫނެވެ. މިއީ ފުރުސަތު ބޮޑު ޓޫރިޒަމްގެ މުސްތަގުބަލު އުޖާލާ ސިޓީއެކެވެ. ބޭނުންވަނީ، ރަނގަޅު ފޯމިއުލާ އެވެ.

comment ކޮމެންޓް