އައްޑޫ ޑައިވްއާ އެކު ފީނާލަން ދަމާ!

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން އެއްރަށުން އަނެއް ރަށަށް ކުރަމުން ދިޔަ ދަތުރުގައި ގަމާ ވީކޮޅުން ފޭދޫ ފެށޭ ހިސާބުގަައި ހުންނަ އައްޑޫ ޑައިވް ސެންޓާ ލޮލުގައި އަޅައިނުގަނެ ނުދާނެ އެވެ. ފޭދޫ ފުޓުބޯޅަ ދަނޑުގެ ކަނާތް ފަރާތުގައި ހުރި މި ސެންޓަރަކީ މި ރަށުގެ ހިތްފަސޭހަކަން އެންމެ ފުރިހަމައަށް ތަޖުރިބާ ކޮށްލަން މަޑުކޮށްލަން ވަންނަންވީ އެއްތަނެވެ. އައްޑޫގެ ވަށައިގެންވާ ކަނޑުއަޑިއަށް ފީނައި އެ ރީތިކަން ބަލައިލަން ބޭނުންވާ މީހަކު މިތަނުން ހިދުމަތް ހޯދަން ޖެހޭނެ އެވެ.

ގާތްގަނޑަކަށް މީގެ އަހަރެއްހާ ދުވަސްކުރިން ހުޅުވި ޕަޑީ 5 ސްޓާ ލައިސަންސްޑް މި ޑައިވް ސެންޓަރަކީ މިކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު، ޑައިވިންގެ ހިދުމަތާއި، ޑައިވިން ކޯސްތަކާއި އަދި އެކްސްކާޝަން ދަތުރުތައް ރާވާ އަދި ކުރިއަށް ގެންދިއުމުގެ ހިދުމަތްދޭ ސެންޓަރެކެވެ.

އައްޑޫ ޑައިވް ސެންޓަރުގައި ޒިވާނަކު ޑައިވްކުރަން ތައްޔާރުވަނީ: އައްޑޫގައި ޑައިވް ކުރުމަށް އޮންނަ ޑިމާންޑް ބޮޑު -- ފޮޓޯ/ އައްޑޫ ޑައިވް

ދޯނި ކެޕްޓަނަކާއި، ދޯނި ކްރޫ، ޑައިވް ސެންޓާ އެޓެންޑަންޓް އަދި އިންސްޓްރަކްޓާއަކާއި އެކު ޖުމްލަ ހަތަރު ސްޓާފުން ތިބި މި ޑައިވް ސެންޓަރުން އެންމެ އާދައިގެ ލެވެލްއިން ފެށިގެން ޑައިވް މާސްޓާއާ ހަމައަށް ކޯސްތައް ހިންގައި ޕަޑީ ސެޓްފިކެޓްދެ އެވެ.

މި ސެންޓަރުގެ ޑައިވް އިންސްޓްރަކްޓާ އަދި ބޭސް ލީޑާ ކަމުގައިވާ މުހައްމަދު ރިޔާޒް ބުނި ގޮތުގައި އައްޑުއަށް ލޯކަލް ޓޫރިޒަމް ތައާރަފްވެ ޑައިވިން ސެންޓަރެއް އެންމެ ފުރަތަމަ ހުޅުވުނީ މީގެ ދެތިން އަހަރު ކުރިން އެވެ. އެކަމަކު އައްޑޫގައި ޑައިވްގެ ހިދުމަތް ފުޅާވެ، މިހާރު ހަތަރު ތަނެއްގައި އެ ހިދުމަތް ދެމުން އެބަ އާދެ އެވެ.

އައްޑޫ ޑައިވް އިން ޑައިވް ކުރުމުގެ ތަމްރީންތަކެއް ޓޫރިސްޓުންތަކެއް ކުރަނީ -- ފޮޓޯ/ އައްޑޫ ޑައިވް

"ވަރަށް ބޮޑު ތަރުހީބެއް މި އަތޮޅުން އަސްލު ޑައިވިންއަށް އެބަލިބޭ، މިތަނުގައި ޑައިވް ސައިޓްތައް ފަސޭހަވެފައި، މި ހުންނަނީ ފަތުރުވެރިން އެންމެ ބަލާހިތްވާ ކަހަލަ މަސްތަކާއި ވޭލް ޝާކް، އޯޝެނިކް މެންޓާގެ ހާއްސަ ސްޕޮޓްތަކެއް، އަދި ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ޝިޕްރެކް، ބްރިޓިޝް ލޯޔަލިޓީވެސް މިއޮތީ އައްޑޫގައި. އެހެންވީމަ ފަތުރުވެރިން އެބައާދޭ މިތަނުގައި ޑައިވްކޮށްލަން،" މުހައްމަދު ރިޔާޒް ބުންޏެވެ.

އައްޑޫކައިރިން އެންމެ ދުރުގައި އޮންނަ ޑައިވް ސައިޓަކަށް ވެސް އެންމެ 30 މިނިޓް ތެރޭގައި ދެވެ އެވެ. ރިޔާޒް ބުނި ގޮތުގައި، އެހާ ދިގު ދަތުރެއް ނުކޮށް މި ހުރިހާ ސައިޓްތަކެއް ބަލާލެވުމަކީވެސް އައްޑޫގެ ޑައިވިންއަށް ތަރުހީބު އިތުރުވެގެންދާ ބޮޑު ސަބަބެކެވެ.

ކެޕްޝަން..

މީގެއިތުރުން އައްޑޫގެ ޒުވާނުންގެ މެދުގައިވެސް ޑައިވިންއަށް އޮންނަ ޝައުގުވެރިކަން ފަހަކަށް އައިސް އަންނަނީ އިތުރުވަމުން އެވެ. ފާއިތުވެދިޔަ އަހަރެއްހާ ދުވަހު، 11 ވަރަކަށް އިންސްޓްރަކްޓަރުން އުފެދި، ހަ ޑައިވްމާސްޓަރުން ވަނީ އެ ސެންޓަރުގެ ދަށުން ތަމްރީންވެފައިކަން ރިޔާޒު އުފަލާ އެކު ފާހަގަ ކުރެ އެވެ.

"އައްޑޫ ޑައިވް"ގެ ދޮރު އަބަދުވެސް ހުންނާނީ މެހެމާނުންނަށް ޓަކައި ހުޅުވިފަ އެވެ. އައްޑޫގެ ވަށައިގެންވާ ނަލަ ނަލަ ޑައިވް ސްޕޮޓްތަކަށް ފީނަލަން މި އީދުގައި ކިހިނެއް ވާނެ ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް އެއީ ހަޔާތުގައި ކުރެވޭނެ ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ.

comment ކޮމެންޓް