އައްޑޫގައި އަޅާ 1500 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލައިފި

އައްޑޫ ސިޓީ -- ފޮޓޯ: ފޭސްބުކް

ސަރުކާރުން އައްޑޫސިޓީ ގެ އަވަށްތަކުގައި އަޅާ 1500 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މިއީ ސަރުކާރުގެ ބޯހިޔާވަހުކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން އަތޮޅުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ 20,000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގައި ހައުސިން ޔުނިޓު އެޅުމަށް ހަމަޖެހިފައި ވަނީ:

ހިތަދޫ: 712 ހައުސިން ޔުނިޓު

މަރަދޫ: 164 ހައުސިން ޔުނިޓު

މަރަދޫފޭދޫ: 81 ހައުސިން ޔުނިޓު

ފޭދޫ: 247 ހައުސިން ޔުނިޓު

ހުޅުދޫ: 165 ހައުސިން ޔުނިޓު

މީދޫ: 131 ހައުސިން ޔުނިޓު

އައްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިންރޫމް އަދި ބަދިގެ ހިމެނޭ ގެތަކެވެ. 900 އަކަފޫޓުގެ ބޮޑުމިނުގައި އިމާރާތްކުރެވޭ މި ގެތައް އެއްބުރިއަށް ނުވަތަ ދެ ބުރިއަށްވެސް އިމާރާތް ކޮށްދެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

މިއީ ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން ގެދޮރު އިމާރާތް ނުކުރެވި ހުރުމުގެ ސަބަބުން ފަޅުވެފައިވާ ގިނަ ގޯތިތަކެއްގެ މައްސަލައަށް ހައްލެއް ހޯދުމާއެކު، ގޯތި ލިބި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ހާލުގައި އުޅޭ އާއިލާތަކަށް ގެދޮރުގެ ތަނަވަސްކަން ހޯދާދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަޝްރޫއުގެ ދަށުން، އައްޑޫ ސިޓީ އަށް ކަނޑައަޅައިފައިވާ ހައުސިން ޔުނިޓުތައް އެޅުމުގައި، އައްޑޫސިޓީގެ އެކި އަވަށްތަކުން މިހާރު ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އިމާރާތް ނުކުރެވި ފަޅަށްހުރި ގޯތިތަކުގައި ގެ އެޅުމަށް އެދޭ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ.

އަދި އަލަށް ދޫކުރެވޭ ގޯތިތަކުގައި ވެސް މި މަޝްރޫއުގެ ދަށުން ގެ އެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ހައުސިން ޔުނިޓު ތަކަށް ފައިސާ ދައްކަން ފަށާނީ އިމާރާތްކޮށް ނިމި އެފަރާތާއި އިމާރާތް ހަވާލުކުރާ ތާރީހުން ފެށިގެންނެވެ. ގެ ތަކަށް ފައިސާ ދެއްކުމަށް ލިބޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ދުވަހެވެ. އަދި މި ޕްރޮގްރާމް ގެދަށުން އިމާރާތްކުރާ ގެތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށާއި ގެތަކުގެ އަގު ދައްކާ ނިމެންދެން ގެ ރަހުނު ކުރެވޭނެ ކަމަށް ކައުންސިލްގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ހައުސިން ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ އޮފީސް ބަންދުވުމާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. ފޯމު ހުށަހަޅާނީ އެ އަވަށެއްގެ އަވަށު އޮފީހަށެވެ.

comment ކޮމެންޓް