ޑރ. އާސިޔަތު: ޕީއެޗްޑީއާއެކު ޕްރިންސިޕަލް ކަމުގައި!

އެއްވެސް ވަޒީފާއަކީ ވަކި ޖިންސަކަށްވީތީ، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށްވީތީ އެމީހަކަށް ނުކުރެވޭނެ ވަރުގެ ކަމަކަށް ވެގެން ނުވާނެ އެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ޝައުގުވެރިވާ ދާއިރާއަކުން ތައުލީމު ހާސިލްކޮށް، ރަނގަޅު ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު މިވަނީ ފަހިވެފަ އެވެ. އައްޑޫގެ އެކި ދިމާތަކުން ތަފާތު ވާހަކަތަކެއް ހޯދަމުން ދިޔައިރު، އެންމެ ޝައުގުވެރިވި އެއްކަމަކީ ޕީއެޗްޑީއެއް ހާސިލްކުރުމަށްފަހު ސްކޫލެއްގެ ޕްރިންސިޕަލްކަން އަދާކުރާ އަންހެނެއްގެ ވާހަކަ އެވެ. ކޮންމެހެން ހަދާފައިވެސް ހިތަދޫގެ މަސައްކަތްތައް ނިންމާލަން ބޭނުންވީ މި ފިސާރި މީހަކާ ބައްދަލުކޮށްފައި ކަމުގައި އަޒުމް ކަނޑައެޅީ އެވެ.

މިއީ އައްޑޫ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ އެވެ. ގައިމުވެސް ރާއްޖޭގައި މިވަގުތު ހުރި ތައުލީމީގޮތުން އެންމެ ގާބިލު އެއް ޕްރިންސިޕަލްއަށް މީނާ ނުވެއެއް ނުދާނެ އެވެ.

އާސިޔަތުގެ ތައުލީމީ ދާއިރާގެ ކެރިއާ ފެއްޓެވީ ކޮންމެހެން ވެސް މިކަމަށް އަމާޒު ހިފައިގެނެއް ނޫނެވެ. އޭނާ އެންމެ ފުރަތަމަ ބޭނުންވީ ޝެފަކަށްވާށެވެ. އެހެން ނަމަވެސް އެއީ މައިންބަފައިން އެހާ ރުހޭ ކަމަކަށް ނުވުމުން ދެން އޭނާ ބޭނުންވީ ނަރުސްކަން ކިޔަވާށެވެ. އެކަމަކު އޭރު ކޯސް ފަށައިގެން ހިނގަނީ އެވެ--އާސިޔަތަށް ކޯސް ލައްވާނުލީ އެވެ.

އޭރު ކިޔެވުމަށް އުފެދިފައި ހުރި ފޯރީގެ ބޮޑުކަމުން އާސިޔަތު ބޭނުންވީ އެވަގުތު ލިބެން އޮތް ކޮންމެ ކޯހަކުން ވިޔަސް ޖާގަ ހޯދައިގެން ކުރިއަށް ދާށެވެ. ކަން ދިމާކުރި ގޮތުން އޭނާ ބައިވެރިވީ މިޑްލް ސްކޫލް ޓީޗިންގް ޑިޕްލޮމާ ކޯހަކަށެވެ.

ދެ އަހަރު ދުވަހު މަސައްކަތުގެ މައިދާނުގައި އުޅުއްވުމަށް ފަހު އާސިޔަތު ބޭނުންވީ ފަސް ބެލުމެއްނެތި ކިޔެވުމައިގެން ކުރިއަށް ވަޑައިގަތުމަށެވެ. ސްރީލަންކާގައި އޭނާ އިނގިރޭސިބަސް ކިޔަވައިދިނުމުގެ ޑިގްރީއެއް ހާސިލުކުރެއްވި އެވެ.

"ޑިގްރީ ހަދާ ނިމުނުއިރު ޓީޗިންއަށް ވަރަަށް ބޮޑަށް ލޯބިޖެހި، ޓީޗިންގެ ތެރެއަށް ވަދެވިފައި ހުރީ. އެހިސާބުން ހިތަކަށްނާރާ ދެން ދުވަހަކުވެސް އެހެން ދާއިރާއަކަށް ބަދަލުވެދާނެއޭ." ޑރ. އާސިޔަތު ވިދާޅުވި އެވެ.

ޑިގްރީއަށްފަހު އާސިޔަތު ޝަރަފުއްދީން ސްކޫލުގައި އޭލެވެލް އިނގިރޭސި މުދައްރިސެއްގެ ވަޒީފާ އަދާކުރަން ފެށި އެވެ. އެހާ ހިސާބަށް އާދެވުނު އިރު އޭނާގެ ހިތުގައި ބިންވަޅުނެގެމުން ދިޔައީ ޕްރިންސިޕަލަކަށް ވުމުގެ އުންމީދެވެ.

މި ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި އާސިޔަތު ކުރަންޖެހުނު މަސައްކަތް ގިނަވެފައި ގިރާކުރަންޖެހުނު ހުރަސްތަކެއްވެސް ވަކި މަދެއް ނޫނެވެ.

ދޮޅު އަހަރެއްހާދުވަހު ޝަރަފުއްދީންގައި މަސައްކަތްކުރެއްވުމަށް ފަހު ޔުނިވާރސިޓީ އޮފް މަލަޔާއިން އޭނާ މާސްޓާސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ހާސިލްކުރެއްވި އެވެ. މެނޭޖްމަންޓްގެ ދާއިރާއިން ކުރިއަށްދާން ހުޅުވުނު ފުރަތަމަ ދޮރަކީ މިއީއެވެ. މާސްޓާސް ނިންމާލުމަށްފަހު ހިތަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަމުގެ މަގާމުވެސް އޭނާ ފުރުއްވި އެވެ.

"އަނެއްހެން ބުނަންޏާ ވަރަށް ނަސީބު ރަނގަޅުކޮށް އަޅުގަނޑަށް ދިމާވީ. މުޅި ކެރިއާގައި ޑިގްރީއިން ފެށިގެން ޕީއެޗްޑީވެސް ނިންމާލެވުނީވެސް ފިރިމީހާއާއި އެއްކޮށް. ވަރަށް މަސައްކަތްކުރިން އެޕްލައިކުރެވެން ހުރި ކޮންމެ ދިމާލަކަށް އެޕްލައިކޮށްގެން ފިރިމީހާއާށް ސްކޮލަޝިޕެއް ލިބުނީ. ދެން ދެމީހުން އެއްކޮށް ބްރޫނާއީގެ ޔޫބީޑީގައި ތިން އަހަރުގެ ޕީއެޗްޑީއެއް ހެދީ" ޑރ. އާސިޔަތު ވިދާޅުވި އެވެ.

ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓްއިން ޕީއެޗްޑީ ނިންމާލެއްވުމަށް ފަހު އެނބުރި އައިއިރު، ހިތަދޫ ސްކޫލްގެ ޕްރިންސިޕަލްކަމުގެ މަގާމުވެސް އޮތީ ހުސްކޮށެވެ. އެ ވަޒީފާ އޭނާއަށް ހަމަޖެހުނެވެ. އެއީ 2014 ވަނަ އަހަރު އެވެ.

ތައުލީމީ ގޮތުން އެހާ މަތީ ފެންވަރަށް ކިޔަވައިގެންވެސް ސްކޫލެއްގެ ޕްރިންސިޕަލްކަމުގައި ހުންނަނީ ކީއްވެގެންތޯ، މިއީ އެންމެ ގިނައިން އާސިޔަތަށް ކުރިމަތިވާ ސުވާލެވެ.

އާސިޔަތު ބުނާ ގޮތުން އޭނާއަކީ އަބަދުވެސް ކުރާ ކަމެއް ވަރަށް ރަނގަޅަށް އެނގިގެން ކުރަން ބޭނުންވާ މީހެކެވެ. އެ ދާއިރާގައި މަސައްކަތްކުރަން ފެށީއްސުރެ ވެސް އޭނާ އެންމެ ބޭނުންވީ ޕްރިންސިޕަލަކަށް ވާށެވެ.

"އަސްލު ޕީއެޗްޑީއަށްފަހު ވަރަށް ރަނގަޅު ފުރުސަތުތަކެއް ރާއްޖެއާއި ރާޢްޖެއިން ބޭރުންވެސް ލިބެން ހުރި. މުސާރައިގެ ގޮތުން ބަލާނަމަ ޑަބަލްވެސް ލިބެން ހުރި. އެކަމު އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ އެމީހަކު ކުރަންވާނީ އެމީހަކު ކުރާހިތްވާ ކަމެކޭ. ހެނދުނު ހޭލައިގެން ވަޒީފާއަކަށް ދާން އެއްވެސް ބުރަކަމެއްނެތި ދެވޭވަރުގެ ކަމެކޭ އެމީހަކު ކުރަންވާނީ. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ މިއީ އެ ކަން" ޑރ. އާސިޔަތު ވިދާޅުވި އެވެ.

ޑރ. އާސިޔަތު ހިތަދޫ ސްކޫލްގެ ޕްރިންސިޕަލްކަން އަދާކުރައްވާތާ މިއީ ފަސްވަނަ އަހަރެވެ. އޭނާއާއި އެކު ސީނިއާ މެނޭޖްމަންޓްގައިވެސް ތިބެނީ މުޅިންވެސް އަންހެނުންނެވެ.

ޑރ. އާސިޔަތާއެކު ހިތަދޫ ސްކޫލުގެ މާހައުލުގައި ހޭދަކޮށްލަން ލިބުނު ވަގުތުކޮޅުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ސްކޫލަކީ ދަރިވަރުންނާ ރަހުމަތްތެރި މާހައުލެއް ކަމެވެ. ސްކޫލުގެ އެކި ސަރަހައްދުތަކުގައި ކުދިންނަށް ކްލާހުން ބޭރުގައި ފިލާވަޅު ހަދައި، ފޮތް ކިޔާއި އަރާމު ކޮށްލެވޭނެހެން ސަރަހައްދުތަކެއް ފަރުމާ ކުރެވިފައި ވާއިރު، ޑރ. އާސިޔަތާއި ދަރިވަރުންނާ އޮންނަ ގުޅުންވެސް ވަރަށް ގާތްވެފައި ބަދަހި އެވެ.

މި ދާއިރާގައި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެއްކަމުގައި އާސިޔަތު ފާހަގަކުރީ، އެންމެ ބޭނުންޖެހިފައިވާ ކުއްޖާއަށް އޭނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވުމެވެ. އެއީ އަދި އިމޯޝަނަލް ނުވަތަ އެނޫންވެސް ސަޕޯޓެއްކަމުގައިވިޔަސް، އެ އެހީތެރިކަން ދަރިވަރުން ގަބޫލުކުރާކަމީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.

ޑރ. އާސިޔަތު ކުރިއަށް އޮތް ތަނުގައި ކުރަން ނިންމައިގެން ހުންނެވި މަސައްކަތަކީ ތައުލީމީ ދާއިރާއިން ދިރާސާކޮށް، ރިސާޗްގެ މައްޗަށް ބިނާކޮށް ފޮތެއް ނެރުމެވެ. އޭނާގެ ވަރުގަދަ އަޒުމާއެކު، މިކަންވެސް އަވަސް މުސްތަގުބަލެއްގައި ހާސިލް ކުރައްވަން އޭނާ ހުންނެވީ އަތުކުރި އޮޅާލައިގެން އެވެ.

comment ކޮމެންޓް