މިއީ ޑިޖިޓަލް ޓެކްނޮލޮޖީއަށް އިންވެސްޓްކުރަން އެންމެ ރަނގަޅު ވަގުތު: ރައީސް

ރައީސް ސޯލިހު އުރީދޫގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓް ކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި މިއީ އެކަމަށް އޮތް އެންމެ ރަނގަޅު ވަގުތު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެ ވެ.

އުރީދޫގެ "މޫލީ" ޕްލެޓްފޯމު އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވީ އުރީދޫ މޫލީ ޕްލެޓްފޯމާއެކު އެނގިގެން ދަނީ ޒަމާނީ ޓެކްނޮލޮޖީއާ ފައިހަމަވާނެ ގޮތަށް އިންސާނުން ބިނާކުރުމަކީ، ރާއްޖޭގައި ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއްކަމަށެވެ.

މީހުން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާތަކަށްވެެސް އެކަން ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމުގައި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމްއިއްޔާ ޖަމާއަތަކަށްވެސް، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ. މިހާރުވެސް އެ ދައުރު އަދާކުރަމުން އެބަދޭ. އެހެން ނަމަވެސް، އެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

އުރީދޫ އަކީ ރާއްޖޭގައި ކާމިޔާބުކަމާއެކު ފޮރިން އިންވެސްޓްމެންޓްތައް ހިންގޭނެ ކަމުގެ ނަމޫނާ ކުންފުންޏެއް ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ. އެފަދަ ކިތަންމެ އިންވެސްޓްމެންޓެއް މިހާރުވެސް ރާއްޖޭގައި ހިންގަމުންދާ ކަމަށާއި އެ އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާއަށްވުރެ، ރާއްޖެއަށް ލިބޭ މަންފާވަކި ކުޑަ ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އުރީދޫއަކީ، ރާއްޖޭގައި ކާމިޔާބުކަމާއެކު ފޮރިން އިންވެސްޓްމެންޓްތައް ހިންގޭނެ ކަމުގެ ނަމޫނާ ކުންފުންޏެއް. އެފަދަ ކިތަންމެ އިންވެސްޓްމެންޓެއް މިހާރުވެސް ރާއްޖޭގައި އެބަ ހިންގާ. އަދި އެ އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާއަށްވުރެ، ރާއްޖެއަށް ލިބޭ މަންފާ ވަކިން ކުޑަނޫންކަން، އުރީދޫން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. މިއަދުވެސް އަޅުގަނޑުމެން މިތިބީ ފޮރިން އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އުރީދޫއަކީ، މެދުއިރުމައްޗާއި އުތުރު އެފްރިކާ، އަދި ދެކުނު އިރުމަތީ އޭޝިޔާގެ 10 ގައުމެއްގައި ހިދުމަތް ދޭ، ބައިނަލްއަގްވާމީ ބޮޑު ކުންފުންޏެއް ނަމަވެސް، މޯބައިލް ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް އުފަންވާ ކޮންމެ ހިދުމަތެއް، ގަތަރަށް ފަހުގައި، އުރީދޫން ދެން ތަޢާރަފް ކުރަނީ ރާއްޖެއަށް ކަމަށެވެ.

މިރޭ ތައާރަފު ކުރި މޫލީ ޕްލެޓްފޯމަކީ އިންޓަނެޓް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންތެރި ޕްލެޓްފޯމަކަށް މޫލީ ވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުރިދޫ އަކީ ކުރިންވެސް ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށެވެ.

comment ކޮމެންޓް