ދަރިފުޅު ގޮވައިގެން ކެންޔާގެ ޕާލިމެންޓަށް ދިޔަ މެމްބަރު ބޭރުކޮށްލައިފި

ކެންޔާގެ ޕާލިމެންޓު މެމްބަރު ޒުލޭހާ ހަސަން އޭނާގެ ފަސް މަހުގެ ދަރިފުޅާއެކު ޗޭމްބަރުގައި -- ފޮޓޯ: ޓުވިޓާ

ނައިރޯބީ (އޮގަސްޓު 7): ކުޑަ ދަރިފުޅު ގޮވައިގެން ކެންޔާގެ ޕާލިމެންޓަށް ދިޔަ އަންހެން، މަޖިލިސް މެމްބަރަކު މިއަދު ޗޭމްބަރުން ބޭރުކޮށްލައިފި އެވެ.

މަޖިލިސް މެމްބަރު ޒުލޭހާ ހަސަން ވިދާޅުވި ގޮތުގައި އޭނާގެ ފަސް މަހުގެ ދަރިފުޅު ގޮވައިގެން ޕާލިމެންޓަށް ދާން ޖެހުނީ އެވަގުތު އެހެން ގޮތެއް ނެތުމުންނެވެ.

"މީގެ ކުރިން އެއްވެސް އިރަކު ދަރިފުޅު ޕާލިމެންޓަކަށް ނުގެންނަން. ނަމަވެސް މިއަދު އެމާޖެންސީއެއް ދިމާވީ. ދެން އަޅުގަނޑު ޕާލިމެންޓަށް ނާންނަންވީތޯ؟ އަދި ޒިންމާތައް އަދާ ނުކުރަންވީތޯ؟،" މެމްބަރު ޒުލޭހާ ވިދާޅުވި އެވެ.

ނަމަވެސް ޕާލިމެންޓުގެ ރައީސް ކްރިސްޓަފާ އޮމުލޭލޭ ވަނީ ދަރިފުޅު ގޮވައިގެން ޗޭމްބަރަށް ނުވަދެވޭނެ ކަމަށާއި އެކަމަނާ ޗޭމްބަރު ދޫކުރައްވާ ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. އޭގެ ސަބަބުން ބައެއް މެމްބަރުން ޒުލޭހާގެ ދިފާއުގައި ވާހަކަ ދައްކަވާ، މަޖިލިސް ހުއްޓުމަކަށް ގެނަ އެވެ. އަދި މެމްބަރު ޗޭމްބަރުން ބޭރަށް ވަޑައިގެންނެވީ ސިފައިން ޗޭމްބަރަށް ވަނުމުންނެވެ.

އެހާދިސާއާ ގުޅިގެން ބައެއް މީހުން ވަނީ ޕާލިމެންޓުގެ ރައީސަށް ސޯޝަލް މީޑިއާގައި ފާޑު ކިޔާފަ އެވެ. އަދި އެހެން ފަރާތްތަކުން ވަނީ ގާތުންދޭ މައިންނަށް ހާއްސަ 'ފެމިލީ ރޫމް'އެއް ޕާލިމެންޓުގައި ހަދަން 2013 ވަނަ އަހަރު ފާސް ކުރި ނަމަވެސް އެގަވާއިދު އަދި ތަސްދީގު ކުރެވިފައި ނުވާކަން ފާހަގަކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް