ނައިފަރު ވެލާ ކްލިނިކް: ވެލާގެ ފަރުވާޔާއި ހިމާޔަތުގައި

މިއީ ނަފައިރުގެ ހުޅަނގު ދެކުނު ފަރާތެވެ. މި ސަރަހައްދު ރަށުގައި މަޝްހޫރީ "ވެލާ" ބީޗުގެ ނަމުންނެވެ. އެކަމަކު އެއީ ވެލާ އަރާތީއެއް ނޫނެވެ. މިއީ ނައިފަރު ޖުވެނައިލްއިން ހިންގާ ވެލާ ކަހަނބަށް ފަރުވާދޭ "ކްލިނިކް" ހުންނަ ސަރަހައްދެވެ.

މެރިން ކޮންޒަވޭޝަން ސެންޓަރުގެ ނަމުގައި ހިންގާ އެ "ކްލިނިކަށް" ވަދެގެންދާއިރު ދެފަރާތުގައި ބަހައްޓާފައިވާ ބޮޑެތި ޓޭންކުތަކުގައި ބައިތިއްބާފައި ވަނީ އަނިޔާ ލިބިފައިވާ ވެލާތަކެވެ. މީގެ ތެރެއިން ގިނަ ވެލާތަކަކީ، އަނިޔާ ލިބިފައި ވަނިކޮށް ކަނޑުމަތިން ސަލާމަތްކޮށްގެން ގެނެސް ފަރުވާދެމުންދާ ވެލާތަކެކެވެ.

ބައެއް ވެލާތަކުގައި ހަތަރެސްފައި ނެތެވެ. ދެ ފިޔަގަނޑު މަދު ވެލާވެސް މިތަނުގައި އެބަތިއްބެވެ. އެންމެ ފިޔަފަތަކާއެކު އުޅޭ ވެލާގެ އިތުރުން ބޮށިގަނޑު ހަލާކުވެފައިވާ ވެލާތަކަށް ވެސް މި ކްލިނިކުން ފަރުވާ ދެމުން އެބަދެ އެވެ.

ޝޮކެއް ލިބުނީކަނާތް ފަރާތުން ތިންވަނައަށް ހުރި ޓޭންކުގައި އޮތް ވެލާ ފެނިފަ އެވެ. މެދުން ބަޅުވެ، ރަނގަޅަށް އަޑިއަށް ފީނާލުމުގެ ގާބިލްކަމެއްވެސް އެސޮރުގެ ކިބަޔަކު ނެތެވެ. އެތައް ޒަމާނެއް ވަންދެން ބޮޑު އަނިޔާއެއްގައި އެ ވެލާއަށް ވަނީ ދުވަސްތައް ތަހައްމަލް ކުރަން ޖެހިފަ އެވެ.

ސަރުކާރުގެ އިދާރާތަކުގެ ހުއްދައާއެކު ވެލާ ކަހަނބަށް ފަރުވާދިނުމުގެ މަސައްކަތް ކުރާ ސެންޓަރެއް "ނައިފަރު ޖުވެނައިލް"އިން މި ރަށުގައި ހިންގާތާ އަށެއްކަ އަހަރު ވެއްޖެ އެވެ. މިއީ މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ މަސައްކަތެއް ކުރާ ހަމައެކަނި ސެންޓަރެވެ.

ނައިފަރުގައި ހުންނަ މެރިން ސެންޓަރުގައި ފަރުވާދޭ ވެލައެއް -- ސަން ފޮޓޯ: އަހުމަދު ހަސަން

"މި މަސައްކަތް ފެށީ ސެލްފް ސަސްޓެއިންޑް ޖަމިއްޔާއަކަށް އަޅުގަނޑުމެންގެ ޖަމިއްޔާ ހެދުމަށް. އަޅުގަނޑުމެން ބެލިން އެހެން ގައުމުތަކުގައި އެންޖީއޯތަކުން މި މަސައްކަތް ކުރާ ގޮތް. ވަރަށް ގިނަ ގައުމުތަކުގައި އެންޖީއޯތަކުން ކޮންޒަވޭޝަންގެ މަސައްކަތް ކުރޭ އާމްދަނީ ހޯދަން. އެގޮތުން މަސައްކަތް ފެށުނީ،" ނައިފަރު ޖުވެނައިލްއިން ހިންގާ އެޓޯލް މެރިން ސެންޓަރުގެ މަސައްކަތް ފެށުނުގޮތާ ގުޅޭގޮތުން ނައިފަރު ޖުވެނައިލްގެ ވައިސް ޗެއާޕާސަން މުހައްމަދު އަހުމަދު (ކަންމަ) ވިދާޅުވިއެވެ.

ނައިފަރު ޖުވެނައިލްއިން ވެލާ ކަހަނބު ހިމާޔަތް ކުރުމުގެ މަސައްކަތް އެންމެ ފުރަމަ ފެށީ ބައިނަލްއަގުވާމީ ޖަމިއްޔާއަކާ ގުޅިގެން 2010 ވަނަ އަހަރު އެވެ. އެކަމަކު 2012 އިން ފެށިގެން އެ ޖަމިއްޔާއިން އެ މަސައްކަތް ކުރަނީ އަމިއްލައަށެވެ. ވެލާތައް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ ވޮލަންޓިއަރުންނާއި މެރިން ބަޔޮލަޖިސްޓުން މި ސެންޓަރުގައި މިހާރު ހަރަކާތްތެރިވެ އެވެ.

"އަޅުގަނޑުމެން މި ކުރާކަމަަކީ އަނިޔާވެގެން ގެންނަ ވެލަޔަށް ފަރުވާދީ ރިހިބިލިޓޭޓް ކުރަނީ. އެންމެ ގިނައިން މި ގެންނަނީ މަސްވެރިކަން ކުރާ ދަލުގައި އަޅައިގަނެފައި އޮންނަ ވެލާ. އިރުވައި މޫސުމުގައި ވަރަށް ގިނައިން ލިބޭ އޮލިވް ރިޑްލީ މިކިޔާ ބާވަތުގެ ވެލާ (ވާވޮށި ވެލާ). ގިނަ ދުވަސްތަކެއް ވަންދެން ދަލުގައި އޮޅި މައްޗަށް އަރާފައި ތިބޭ އެއްޗެހި މަސްވެރިންނަށް ފެނިގެން މިތަނަށް ގެނޭ،" ކަންމަ ވިދާޅުވި އެވެ.

މިހާރުވެސް ޖުވެލައިންގެ ކޮންޒަވޭޝަން ސެންޓަރުގައި 10 ވަރަކަށް ވެލައަށް ފަރުވާދެމުން އަންނަ އިރު އެ މީހުންގެ އަމިއްލަ މާހައުލަށް އެނބުރި ދިޔުމަށް އެހީތެރިވަމުން އަންނަނީ، މެރިން ބަޔޮލަޖިސްޓުންގެ އިތުރަށް އެތަކެތި ހިމާޔަތް ކުރަން ޝައުގުވެރިވެ ދުނިޔޭގެ އެކި ސަރަހައްދުތަކުން އައިސްތިބި ވޮލަންޓިއަރުންނެވެ.

އެ މީހުންގެ މައިގަނޑު މަސައްކަތަކީ، އަނިޔާ ލިބިފައިވާ ވެލާތައް އަނބުރާ އެ މީހުންގެ މާހައުލަށް ދޫކޮށްލެވޭ ވަރަށް ރިހިބިލިޓޭޓް ކުރުމެވެ. ވެލާތައް އަނބުރާ މޫދަށް ދޫކޮށްލަނީ އެކަން ޔަގީންކޮށްފަ އެވެ.

ނައިފަރުގައި ހުންނަ މެރިން ސެންޓަރުގައި ފަރުވާދޭ ވެލައެއް -- ސަން ފޮޓޯ: އަހުމަދު ހަސަން

"އަޅުގަނޑުމެން މި ފަރުވާދެނީ އަނިޔާވެގެން ގެންނަ ވެލާތަކަށް. އެސޮރުމެންނަށް ކާންދީ ރިހެބިލިޓޭޓްކޮށްފައި، މާހައުލުގައި އުޅެވޭވަރު އެއްޗެހި އަނެއްކާ މި ދޫކޮށްލަނީ. ދޫކޮށް ނުލާ ބަހައްޓަނީ އޭގެ މާހައުލުގައި ނޫޅެވޭނެ އެއްޗެހި. އެތަކެއްޗަށް ދާއިމީ ހިޔާވައްސެއް މި ހޯދައިދެނީ ބޭރުގެ އެކުއޭރިއަމްތަކުން،" އެޓޯލް މެރިން ސެންޓަރުގައި އިސްކޮށް މަސައްކަތް ކުރާ މެރިން ބަޔޮލަޖިސްޓް ކޯޓްނީ ލުއިސް ބުންޏެވެ.

"އެންމެ ފުރަތަމަ ވެލައެއް ގެންނައިރު މި ބަލަނީ ކޮންކަހަލަ އަނިޔާއެއްތޯ ވެފައި އޮތީ. ދެން މި ފަށަނީ އެއަށް ފަރުވާދޭން. އެންޓިބަޔޮޓިކްސް ދީ އިންޖެކްޝަން ޖަހާ ހަދަން. ބައެއް ފަހަރު މިތަނުން ދެވެން ނެތް ފަރުވާ ދޭން ވެޓެއް ހުންނަ ހިސާބަކަށް އެބަ ޖެހޭ ގެންދަން،"

ކޯޓްނީ ބުނީ ދަލުގައި އޮޅިފައި ތިބޭ ވެލާގެ އިތުރުން ޕްލާސްޓިކް ކެވި، ހަޖަމްކުރުމުގެ ނިޒާމަށް ބޮޑެތި ގެއްލުންވެފައިވާ ވެލައަށްވެސް ފަރުވާ ދޭން ޖެހޭ ފަހަރު އަންނަ ކަމަށެވެ. މިއީ މި ހޮސްޕިޓަލަށް އާންމުކޮށް ރިޕޯޓް ކުރާ ކޭސްތަކެވެ.

"ކަނޑަށް އުކާލާ ޕްލާސްޓިކް ވެލާ ކަނީ ޖެލީފިޝް ކަމަށް ހީކޮށް. ޕްލާސްޓިކްގައި ހުންނަ ވިހަ މާއްދާތަކުގެ ސަބަބުން ވެލާގެ ހަޖަމު ކުރުމުގެ ނިޒާމަށް ބޮޑެތި ގެއްލުންތައްވޭ. ކިޑްނީގެ ބަލިތަކާ އެސޮރުމެންގެ ފުއްޕާމެޔަށް ޖެހޭ ބަލިތައް. އެފަދަ ބަލިތަކަށްވެސް އެބަ ފަރުވާދެން،" ކޯޓްނީ ބުންޏެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި 500 އަށް ވުރެ ގިނަ ވެލާ ރިހެބިލިޓޭޓުކޮށް އެސޮރުމެންގެ މާހައުލަށް އަނބުރާ ވަނީ ދޫކޮށްލައިފަ އެވެ. އެޓޯލް މެރިން ސެންޓަރުގައި ފަރުވާދީ ރިހެބިލިޓޭޓް ކުރާ ވެލާތަކުގެ ޑާޓާބޭސްއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. އެ ޑޭޓާބޭސްގައި ވެލާތަކަށް ލިބޭ އަނިޔާ އާއި މިފަދަ ހުރިހާ އެއްޗެއް ރެކޯޑްކޮށް ބަލަހައްޓަ އެވެ.

"މިހާތަނަށް އެންމެ ބޮޑު އަނިޔާއެއް ވެގެން ގެނައީ ކަރުގައި ދާގަނޑެއް އޮޅި، ކާއެއްޗެހިދާ ހޮޅި ބުރިވެފައި އޮތް ވެލައެއް. އަޅުގަނޑުމެން ޖެހުނީ ބ. އަތޮޅުގައި ހުންނަ ވެޓަށް ގެންގޮސްގެން އެސޮރުގެ އޮޕަރޭޝަނެއް ކުރަން. ސާޖަރީ ހަދައިގެން ވަރަށް ދުވަސްވަންދެން މިތަނުގައި ގެންގުޅުނިން،" ކަންމަ ވިދާޅުވި އެވެ.

އެޓޯލް މެރިން ސެންޓަރުގައި މަސައްކަތްކުރާނެ ވެޓެއް އެތަނަށް ގެނައުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެތަން ހިންގުމާ ހަވާލުވެ ހުރި ކޯޓްނީ ބުނީ ވެޓެއް މިހާރު ވަރަށް މުހިއްމު ކަމަށެވެ. ކޮންމެ ފަހަރަކު ރިސޯޓުތަކަށް ފޮނުވައިގެން ވެލަޔަށް ފަރުވާ ދޭންޖެހުމަކީ ގޮންޖެހުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެޓޯލް މެރިން ސެންޓަރު ހިންގުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ނައިފަރު ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ މައްސަލަ އެވެ. އެޓޯލް މެރިން ސެންޓަރު ހިންގާ ބިމުގެ މައްސަލަ މިހާރުވެސް ކޯޓުގައި އެބައޮތެވެ.

ނައިފަރުގައި ހުންނަ މެރިން ސެންޓަރުގައި ވެލަޔަކަށް ފަރުވާ ދެނީ

"ސިޔާސަތުތަކަށް އަންނަ ބަދަލުތައް، ހާއްސަކޮށް ރަށު ލެވެލްގެ ޕޮލިޓިކްސް. ކައުންސިލަށް އަންނަ ބަދަލުތަކުގެ އަސަރު ކޮންމެ ފަހަރަކު ޖަމިއްޔާއަށް ކުރޭ،" ކަންމަ ވިދާޅުވިއެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު ބިމާ ގުޅޭ ކޭސްއެއް ކޯޓުގައިވެސް އެބައޮތް. ލޯކަލް ކައުންސިލްތަކަކީ އެންޖީއޯތަކާއެކު މަސައްކަތްކުރާ، އެއްބާރުލުން ދޭ ތަންތަނަށް ވާން އެބަޖެހޭ،"

ޖުވެނައިލްއިން ބަލަހައްޓާ ވެލާތަކަށް ކާންދެނީ ރޯމަހެވެ. އެކަމަށް ބޭނުންވާ މަސް ފޯރުކޮށްދެނީ ފެލިވަރުންނެވެ.

"ބައެއް ފަހަރު ވެލާތައް ބޮޑާހާކާ މަސް ނުކާން. ދެން ޖެހެނީ ގޮނޑުދޮށުން ކަކުނި ހޮވައިގެން ކާންދޭން،" ކޯޓްނީ ބުންޏެވެ.

ބޮޑެތި ޓޭންކުތަކުގައި ފަރުވާދީ ބަލަހައްޓާ ވެލާތައް އަނބުރާ މޫދަށް ދޫކޮށްލުމުގެ ކުރިން، އެކަމަށް ފަރިތަވެސް ކުރުވަ އެވެ.

"އެސޮރުމެން ގޮވައިގެން މޫދަށް އެރެ، އަމިއްލައަށް ކާނާ ހޯދަން ދަނޭތޯ، އަޑިއަށް ގޮސް އަމިއްލައަށް އުޅެވޭތޯ އެބަ ބަލަން. ބަލާފައި، އަމިއްލައަށް އުޅެވޭނެކަން ޔަގީންކޮށްފައި މި ދޫކޮށްލަނީ،" ކޯޓްނީ ބުންޏެވެ.

ވެލާ ބަލަހައްޓަ ފަރުވާދިނުމުގެ އިތުރުން ރަށުގެ މީހުން ތިމާވެއްޓާމެދު ހޭލުންތެރިކޮށް ގޮނޑުދޮށާއި ރަށުތެރެ ސާފުކުރުމުގެ މަސައްކަތްވެސް ރަށުގެ ރައްޔިތުންނާއި ސްކޫލު ކުދިންނާ ގުޅިގެން ކުރެ އެވެ.

"މީހުން އުޅޭ ރަށެއްވީމާ، ރައްޔިތުންނާ ގުޅިގެން ސާފުކުރުމުގެ މަސައްކަތްވެސް މި ކުރަނީ. ސްކޫލު ކުދިން ހޭލުންތެރިކުރުމަށް ،ހާއްސަކޮށް ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އެބަ މަސައްކަތް ކުރަން،" ކޯޓްނީ ބުންޏެވެ.

އެޓޯލް މެރިން ސެންޓަރުގައި މިހާރު ބޭރު މީހުން ހަރަކާތްތެރިވި ނަމަވެސް އެތަނުގައި މަސައްކަތްކުރާނެ ދިވެހިން، ހާއްސަކޮށް ނައިފަރުގެ ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް ފަށަން ޖުވެނައިލްއިން ވަނީ ނިންމައިފަ އެވެ.

"މެރިން ބަޔޮލަޖީގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރަން ޕްރޮގްރާމެއް ފަށަން ވަނީ ނިންމާފައި، އަޅުގަނޑުމެންނާ އެފިލިއޭޓް ވެގެން މަސައްކަތްކުރާ ބޭރުގެ ޔުނިވާސިޓީތަކާއެކު އެ މަސައްކަތް ކުރާނީ. މި ދާއިރާއަކީ ފުރުސަތު އޮތްނަމަވެސް ޒުވާނުން މަސައްކަތްކުރާ މިންވަރު މަދު ދާއިރާއެއް. ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުވާކަންވެސް ފާހަގަކުރެވޭ. މިއީ ވަޒީފާވެސް ހުރި ދާއިރާއެއް. ފުރުސަތުތައް އެބަހުރި. އެހެންވީމާ ރަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ތަމްރީނުތައް ހިންގަން ވަނީ ރާވާފައި،" ކަންމަ ވިދާޅުވި އެވެ.

ޖުވެނައިލްގެ މި މަސައްކަތަށް ސާބަސް ހައްގެވެ. ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ވެލާ ކަނހަބުގެ ދިރުން ހިމާޔަތްކޮށް، އިންސާނުންގެ އިހުމާލުގެ ސަބަބުން އެސޮރުމެންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމަށް ކުރާ މަސައްކަތައް އެންމެންގެ އެހީ ބޭނުންވެ އެވެ. މިއީ ވެލާ ކަހަނބުގެ ދިރުން އަބަދަށް ދެމެހެއްޓުމަށް ކުރެވޭ ބުރަ ބޮޑު މަސައްކަތެކެވެ.

comment ކޮމެންޓް