އެއާޕޯޓްގައި އަލަށް ހަދާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

އެއާޕޯޓްގައި އަލަށް ހަދާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފައި--- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ހަދާ އޭޕްރޮންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި އެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އެއާޕޯޓްގެ ހުޅަނގު ދެކުނުގައި ހަދާ އޭޕްރޮންގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

އަދި އެތަން ނިމުމުން 67000 އަކަ މީޓަރުގެ ޖާގަ އޭޕްރަންއަށް ބޭނުންކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްްއޭސީއެލް އިން މީގެ ކުރިން ބުނީ ދެވަނަ ފިޔަވަހީގެ ދަށުން ހަދާ އޭޕްރަންގެ މަސައްކަތް ހަތް މަސް ދުވަސް ތެރޭ ނިމޭނެ ކަަމަށް ބެލެވޭ ކަމަށެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޭޕްރޮން ނިމުމުން އެތަނުގައި ތިން ވައިޑް ބޮޑީ އެއާކްރާފްޓް ނުވަތަ ހަ ނެރޯ ބޮޑީ އެއާކްރާފްޓް ޕާކްކުރެވޭނެ ކަމަށެވެ.

އާ އޭޕްރަންގައި ދެން ހިމެނެނީ ޑެޑިކޭޓެޑް ކޯޑް އީގެ ދެ ޑެޑިކޭޓެޑް ސްޓޭންޑާއި ކޯޑް ސީގެ އެއް ޑެޑިކޭޓެޑް ސްޓޭންޑެވެ.

އެ އޭޕްރަންގެ މަސައްކަތް ފެށި އިރު ފުރަތަމަ ފިޔަވަހީގެ ދަށުން ހެދި އޭޕްރެންގެ މަސައްކަތް ނިންމައި އެތަން މިދިޔަ ޖުލައި 17 ވަނަ ދުވަހު ވަނީ ހުޅުވައިފަ އެވެ. އެ އޭޕްރޮންގައި ގާތްގަނޑަކަށް 70،000 އަކަމީޓަރު ހުރެ އެވެ. އެ އޭޕްރޮންގެ މަސައްކަތް ނިންމާފައި ވަނީ 15 މަސް ދުވަހުންނެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ހެދި އޭޕްރަންގައި ޑެޑިކޭޓެޑް ކޯޑް އީގެ ދެ ޑެޑިކޭޓެޑް ސްޓޭންޑާއި ކޯޑް ސީގެ، އެއް ޑެޑިކޭޓެޑް ސްޓޭންޑް ވެސް ހިމެނެ އެވެ.

މިއީ ބައިނަލްއަގުވާމީ ސްޓޭންޑާޑްތަކަށް ފައްތައިގެން ތަރައްގީ ކުރާ އޭޕްރަންތަކެކެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ ފިއުލްފާމުގެ މަސައްކަތް ނިމުމުން އެއާކްރާފްޓުތަކަށް ތެޔޮ އެޅުމުގެ ކަންތައް ވެސް އާ އޭޕްރަންގަައި ކުރާނީ ފިއުލް ހައިޑްރެންޓް ސިސްޓަމް ބޭނުންކޮށްގެންނެވެ.

comment ކޮމެންޓް