އިސްލާމިކް ބޭންކުގެ 20،000 ހިއްސާ އައްޑޫ ސިޓީ ކައުންސިލުން ގަނެފި

އައްޑޫ ސިޓީ ކައުންސިލުން އެމްއައިބީގެ 7 ލައްކަ ހިއްސާ ސަބްސްކްރައިބް ކުރުން -- ފޮޓޯ// އައްޑޫ ލައިވް

އިސްލާމިކް ބޭންކުގެ 20،000 ހިއްސާ އައްޑޫ ސިޓީ ކައުންސިލުން ސަބްސްކްރައިބް ކޮށްފި އެވެ.

އިސްލާމިކް ބޭންކުން އާންމުންނަށް ހިއްސާ ވިއްކަން ފަށާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. މިހާތަނަށް އައިއިރު ހިއްސާ ވިއްކުމުގެ ކަންތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އިސްލާމިކް ބޭންކުން ބުންޏެވެ.

"އައްޑޫ ސިޓީ ކައުންސިލުން ސަބްސްކްރައިބް ކުރީ 700،000 ރުފިޔާގެ ހިއްސާ. އެއީ 20،000 ހިއްސާ. ވަރަށް ގިނަ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އެބަ ހުށަހަޅާ ރައްޔިތުންގެ ނަމުގައި ހިއްސާ ސަބްސްކްރައިބް ކުރަން،" އިސްލާމިކް ބޭންކުގެ މާކެޓިން އެންޑް ޕީއާރު އަހުސަން ޖަމީލް ވިދާޅުވި އެވެ.

އެމްއައިބީގެ ހިއްސާ ގަތުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އާންމުންނަށް ހިއްސާ ވިއްކަން ފެށި އިރު ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާ އާއި އާންމު ހިއްސާގެ 69975،000 ހިއްސާ އެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާ އެވެ. މި އަދަދު އިތުރުކުރަން ބޭނުން ނަމަ 10 ހިއްސާއިން އަދަދު އިތުރުކުރެވިދާނެ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. އޮޑިޓް ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޭޕީއެމްޖީއެވެ.

އިސްލާމިކް ބޭންކުގެ ހިއްސާ އޮންލައިންކޮށް އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ގަނެވޭނެ އެވެެ. މީގެ އިތުރުން ބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން މ ފާމުދޭރިގޭގައި ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

comment ކޮމެންޓް