"ޗެމްޕިއަން ޓްރޮފީއާ އެކު ކުރެވުނީ ބުނެދެން ނޭނގޭ ފަދަ އިހުސާސެއް"

މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުން އިންޑިއާގެ ޖޯއީ ކަޕުގެ ތަށި އުފުލާލަނީ --- ފޮޓޯ// މާޒިޔާ

ފަހަތުން އަރައި ތިން ގޯލު ޖެހުމަށް ފަހު އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްއޭ ބަލިކޮށް، މާޒިޔާގެ ޒުވާން ޓީމުން އިންޓަނޭޝަނަލް ޖޯއީ ކަޕުގެ ތަށި އުފުލާލުމާ އެކު ކުރެވުނީ ބުނެދޭން ވެސް ނޭނގޭ ފަދަ އުފާވެރި އިހުސާސުތަކެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާރިފް (އާރިއްޕެ) ބުނެފި އެވެ.

ބައިނަލް އަގުވާމީ އޭޖް ކެޓަގަރީގެ ބޮޑު މުބާރާތެއްގައި ރާއްޖޭގެ އެކެޑެމީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއާ އެކު މުޅި ރާއްޖޭން މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމަށް ތައުރީފު އޮއްސަމުން އަންނަ އިރު އެ ޓީމުގެ ކޯޗު އާރިއްޕެ ހުރީ އަދި މާ އުފަލުންނެވެ. ކޯޗެއްގެ ގޮތުގައި ލިބުނު ފުރަތަމަ ޓްރޮފީއާ އެކު އޭނާ ބުނީ މި ލިބުނު ކާމިޔާބީ އަކީ އަދި ފެށުމެއް ކަމަށެވެ.

މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުން އިންޑިއާގެ ޖޯއީ ކަޕުގެ ތައްޓާ އެކު --- ފޮޓޯ// މާޒިޔާ

"ކޯޗަކަށްވެ އަޅުގަނޑަށް ލިބުނު ފުރަތަމަ ކާމިޔާބީ މިއީ. ޓީމަށް ޗެމްޕިއަންކަން ލިބުމުން ކުރެވުނީ ބުނެދޭން ވެސް ނޭނގޭ ފަދަ އުފާވެރި އުހުސާސްތަކެއް،" އާރިއްޕެ ބުންޏެވެ.

"މާޒިޔާ އިން އަބަދު ވެސް ބަލަމުން ދިޔައީ ރާއްޖޭން ބޭރުގެ މުބާރާތެއްގައި ބައިވެރިވުމަށް. ކޮންތާކުތޯ އަޅުގަނޑުމެނަށް ބައިވެރިވެވޭނެ މުބާރާތެއް އޮތީ. އެހެން ބަލަމުން ދަނިކޮށް ހުޅުމާލޭ ޔޫތު އެކެޑެމީން އަޅުގަނޑުމެނަށް މި މުބާރާތުގެ މައުލޫމާތު ދިނުމުން ބައިވެރިވީ."

ފުރަތަމަ މެޗުން ބަލިވި ނަމަވެސް ހިތްވަރު އެލުވާ ނުލައި އިންޑިއާގެ ވަރުގަދަ އެކެޑެމީތައް އެ މީހުންގެ އަމިއްލަ ބިމުގައި ބަލި ކުރުމަށް ފަހު ރާއްޖޭގެ ޒުވާން ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކޮށް އާރިއްޕެ ބުނީ މިއީ އެތައް ދުވަހެއްގެ މަސައްކަތުން ލިބުނު ފޮނި މޭވާއެއް ފަދަ ފޮނި ކަމެއް ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލުގައްޔާއި ފައިނަލުގައި ވެސް އިންޑިއާގެ ނަން މަޝްހޫރު ދެ އެކެޑެމީ ކަމަށްވާ ޗެންނާއިއަން އެފްސީއާއި ބެންގަލޫރު އެފްއޭ ގާތުން މާޒިޔާ މޮޅުވީ ފަހަތުން އަރަ އެވެ.

ބެންގަލޫރު އެފްއޭ ބަލިކޮށް މާޒިޔާއިން ޖޯއީ ކަޕުގެ ޗެމްޕިއަންކަން ލިބުމުނުން ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ// މާޒިޔާ

"ފަހުން ދެ މެޗުގައި ވެސް އަޅުގަނޑުމެން ފަހަތުން އަރައި މޮޅުވީ. އެހެން ކަމުން އެ މެޗުތަކުގައި ކުޅުންތެރިން ދެއްކި ހިއްވަރަށް ހުރިހާ ކުޅުންތެރިންނަށް ޝުކުރު ހައްގު. ވަރަށް މޮޅަށް ކުޅެގެން ދެ މެޗުގައި ވެސް ނަތީޖާ އަނބުރާލީ،"

މީގެ އިތުރުން އާރިއްޕެ ބުނީ މި މުބާރާތައް އައީ ބޮޑު އުންމީދަކާ އެކު ކާމިޔާބީ ހާސިލު ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެކަމަށް ޓަކައި ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނު ކަމަށް އާރިއްޕެ ބުންޏެވެ.

"ވަރަށް އުންމީދު ކޮށްގެން މިހިސާބަށް އައީ. އަޅުގަނޑުމެންގެ ޓީމުން ވަރަށް ރަނގަޅު ތަމްރީނުތަކެއް ކޮށްގެން މި މުބާރާތަށް އައީ. ގިނަ ދުވަސްތަކެއް ވެއްޖެ މުބާރާތަށް ތައްޔާރުވާތާ ވެސް،"

ބެންގަލޫރު އެފްއޭ ބަލިކޮށް މާޒިޔާއިން ޖޯއީ ކަޕުގެ ޗެމްޕިއަންކަން ލިބުމުނުން ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ// މާޒިޔާ

އާރިއްޕެ އިތުރަށް ބުނީ، ރާއްޖޭގައި މިވަގުތު އޮތް ޒުވާން އެކެޑެމީތަކަށް ވެސް މިފަދަ ގިނަ ފުރުސަތުތަކެއް އެބައޮތް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަ ޔޫތު ލީގުގައި ހަމައެކަނި ވާދަ ކޮށްގެން ކުޅުންތެރިންގެ އަސްލު ފެންވަރެއް ނޭނގޭނެ ކަމަށާއި ފުރުސަތު ހޯދައިގެން މިކަހަލަ މުބާރާތްތައް ކުޅެލީމާ ކުޅުންތެރިންނަށް ތަޖުރިބާ ލިބި ހުނަރު އިތުރުވާނެ ކަމަށް ވެސް އާރިއްޕެ ބުންޏެވެ. އަދި މިއީ އަރަމުން އަންނަ ކުޅުންތެރިންގެ ހައްގުގައި ކުރަން ވަރަށް މުހިއްމު ކަމެއް ކަން އޭނާ ފާހަގަ ކުރެ އެވެ.

"މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓަކީ މި އަހަރު އޮންނަ ޔޫތު ލީގު ކާމިޔާބު ކުރުން. މިދިޔަ އަހަރު ފެށި މި ލީގުގައި އަޅުގަނޑުމެންނަށް ލިބުނީ ރަނަރަޕް ކަން. އެހެން ކަމުން މިއަހަރުގެ މުބާރާތް ކާމިޔާބު ކުރުމަކީ މިހާރު އެންމެ އިސްކަން ދޭ ކަންތައް." އާރިއްޕެގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

comment ކޮމެންޓް