ޓީސީ އަދި ދަ ގްރާންޑޭއަށް ހަމަހަމަ ނިމުމެއް

ދިރާގު ދިވެހި ލީގުގައި ރޭ ޓީސީއާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާއި ފުރަތަމ ޑިވިޝަނަށް އަލަށް ކޮލިފައިވި ދަ ގްރާންޑޭ ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް މެދުކަނޑާލުމަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށާފައިވާ އިރު ރޭ ކުޅުނު އެ މެޗުން އެއްވަރުވުމުން ދެ ޓީމަށް ވެސް ތާވަލުގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ.

ރޭ މެޗުގައި ލިބުނު ޕޮއިންޓާ އެކު ޓީސީ މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. ނަމަވެސް ރޭގެ މެޗުން މޮޅުވެ ތާވަލުގެ ތިން ވަނައަށް ޖެހިލުމުގެ ފުރުސަތު އޮތް އިރު މިވަގުތު ތާވަލުގެ ދެވަނައިގައި އޮތް ދަ ގްރާންޑޭއަށް ރޭގެ މެޗުން މޮޅުވެގެން އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ.

ދިރާގު ދިވެހި ލީގުގައި ރޭ ޓީސީއާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ރޭގެ މެޗަށް ދެ ޓީމުން ވެސް ނުކުތީ ވޭތުވެ ދިޔަ ބްރޭކުގައި ރަނގަޅު ތަމްރީނުތަކެއް ހޯދުމަށްފަހު އެވެ. އެގޮތުން ޓީސީ ވަނީ ހާއްސަ ޓްރެއިނިންގެ ކޭމްޕެއް ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންގޮސްފަ އެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުން ވެސް ދިޔައީ ވަރުގަދަ ކުޅުމެއް ކުޅެމުންނެވެ. ދެ ޓީމުން ވެސް ދާދި އެއްވަރަކަށް ހަމަލާ އުފައްދަމުން ދިޔައިރު އެންމެ ފުރަތަމަ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރީ ދަ ގްރާންޑޭއިންނެވެ. އެ ޓީމުގެ އަހުމަދު އިމާޒް (އާއްކޮ) އަށް ލިބުނު އެ ފުރުސަތުގެ ބޭނުން ނުހިފި ދިއުމުން ޓީސީން ރައްދުގައި އުފެއްދި ނުރައްކާ ތެރި ހަމަލާގައި ނޭޕާލުގެ ފޯވާޑް ބިމާލް ގާތީ މަގަރު ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.

ޓީސީގެ ގޯލާ އެކު ދަ ގްރާންޑޭގެ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހަން ވަރަށް މަސައްކަތް ކުރި އެވެ. އެގޮތުން އާއްކޮ ފޮނުވާލި ހިލޭ ޖެހުމެއް ހުރަސްދަނޑިިމަތިން ދިޔައިރު، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކްރިސްޓިއަން ޑޯޑްޒީ އުފެއްދި ދެ ހަމަލާއެއް ޓީސީގެ ޑިފެންޑަރުން ވަނީ ނާކާމިޔާބު ކޮށްލާފަ އެވެ.

ދެ ވަނަ ހާފަށް ދަ ގްރާންޑޭއިން ބަދަލަކާ އެކު ނުކުމެ އެ ޓީމުން އެ ހާފު ފެށީ ކުރީ ހާފެއް ވުރެން އެޓޭކިންގް ފުޓުބޯޅައެއް ކުޅުމަށެވެ. އެ ގޮތުން އަހުމަދު ނިޒާމް (ނިޒާމްބެ)ގެ ބަދަލުގައި އިރާގު ފޯވާޑް އޮބައިދާ ކަދުމް ވަނީ ކުޅެން ނުކުމެ ޓީސީގެ ޑިފެންސަސް ބާރު ބޮޑު ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު ޕެނަލްޓީ އެއްގައި ދަ ގްރާންޑޭ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އޮބައިދާ އެވެ. ރޭގެ މެޗުގައި އަޔާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. މީގެ ކުރިން އޭނާ ފާހަގަ ވެފައި ވަނީ މޮޅު ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ދަ ގްރާންޑޭއާ އެކު މި ސީޒަނުގައި އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

comment ކޮމެންޓް