އީގަލްސްގެ ޕޮސިޝަނިންގް ފުޓުބޯޅަ އަށް ނިޝްތާރުގެ ބޮޑު ތައުރީފެއް

ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު --- ސަން ފޮޓޯ/ ފަޔާޒް މޫސާފޯ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅެން ޖެހޭ މެޗުގައި ބައްދަލު ކުރާ އީގަލްސް އަކީ މިވަގުތު މުޅި ރާއްޖޭގައި ވެސް އެންމެ މޮޅަށް ޕޮސިޝަން ހިފަހައްޓައިގެން ރީއްޗަށް ކުޅޭ ޓީމު ކަމަށް ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނެފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ލީގު މެދު ކަނޑާލުމަށްފަހު އިއްޔެ އަލުން ކުޅުން ފަށާފައިވާ އިރު މިއަދު ހަވީރު ބައްދަލު ކުރާ މެޗުގައި ވާދަ ކުރާ އީގަލްސްއާއި ފޯކައިދޫ ބައްދަލު ކުރާ މެޗަކީ ފޯރިގަދަ ވާނެ މެޗެކެވެ. ދެ ޓީމަށް ވެސް މިއަދުގެ މެޗުން މޮޅުވެ ތާވަލުން ކުރިއަށް ޖެހިލުމުގް ފުރުސަތު އޮތް އިރު ފޯކައިދޫގެ ކޯޗު ބުނީ ދެ ޓީމަށް ވެސް މި މެޗު އުނދަގޫވާނެ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް. އެއްވެސް ބަޔެއް ފަސޭހައެއް ނުވާނެ. އަޅުގަނޑުމެން އެ މީހުންނަކަށް ވެސް ފަސޭހައެއް ނުވާނެ. ކުޅުނީމަ އެއްޗެއް ބުނަން އެނގޭނީ،"

އޭނާ ބުނީ މިއަދު ބައްދަލު ކުރަން ޖެހޭ އީގަލްސް އަކީ މިވަގުތު ރާއްޖޭގައި އެންމެ ޕޮޒިޝަން ހިފަހައްޓައިގެން ރީއްޗަށް ކުޅޭ ޓީމު ކަމަށާއި އެހެން ކަމުން މި މެޗަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ މެޗެއް ކަމަށެވެ.

ފޯކައިދޫން ވަނީ މިފަހަރުގެ ލީގުގައި އެންމެ ވަރުގަދަ ކަމަށް ބެލެވޭ މާޒިޔާއަށް ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ. އެހެން ނަމަވެސް ބްރޭކަށް ފަހު ކުޅުން މިއަދު ފެށޭ އިރު އަނިޔާގެ މައްސަލަތަކާއި ސަސްޕެންޝަނުގެ މައްސަލ ޓީމަށް ދިމާވެފައިވާ ކަމަށް ފޯކައިދޫގެ ކޯޗު ބުންޏެވެ.

ނިސްތާރު ބުނީ ތަންކޮޅެއް ޓީމުގެ ހާލު ކުޑަކޮށް އުނދަގޫކޮށް ހުއްޓަސް ވީ އެންމެ ރަނގަޅަށް މަސައްކަތްކުރާނެ ކަމަށެވެ.

މީގެ އިތުރުން ނިމިގެން ދިޔަ އައިއޯއައިޖީގައި ގައުމީ ޓީމުގައި ހިމެނުނު ފޯކައިދޫގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ޖައިލަމް (އޮގީ) އެ ޓީމުގައި ހިމެނުމުން ނިޝްތާރު ވަނީ އެއީ އެހެން ކުޅުންތެރިން ނަމޫނާ ނަގަން ޖެހޭނެ ކަމެއް ކަމަށް ބުނެފަ އެވެ.

" އޮގީ ވަރަށް ރަނގަޅު މެސެޖެއް އެ ދިނީ ފޯކައިދޫ ކުޅުންތެރިންނަށް. އެއީ ކުރިން ބައެއް ކުޅުންތެރިން ވިސްނަނީ ފޯކައިދޫގައި ނޫނީ ނިލަންދޫގައި އަދި ލީގުގެ އެހެން ހިސާބެއްގައި އިން ޓީމެއްގައި ވެއްޖިއްޔާ ނެޝަނަލް ޓީމަކަށް ނުދެވޭނެ،"

" އޮގީ އެ ސާބިތުކޮށްދިނީ އެ ގޮތަށް ނޫންކަން އެކަން އޮތީ. ކޮންމެ ޓީމެއްގައި ހުރެފައި ވެސް މޮޅަށް ކުޅެންޏާ އެ ފުރުސަތު އެބައޮތްކަން، " ނިސްތާރު ބުންޏެވެ.

ފޯކައިދޫ އާއި ނިލަންދޫ ކުޅޭ މެޗު ފަށާނީ މިއަދު 4 ޖަހާއިރު އެވެ.

comment ކޮމެންޓް