އަލްހާ އީދު ހިންނަވަރުގައި ފާހަގަކުރަން ހޯމް މިނިސްޓްރީ އިން ނިންމައިފި

ހިންނަވަރުގައި މީގެ ކުރިން އީދު ކުޅިވަރު ކުޅެނީ -- ފޮޓޯ: ފޭސްބުކް/ފަވާޒް އިސްމާއިލް

މިފަހަރުގެ އަޟްހާ އީދު ޅ. ހިންނަވަރުގައި ފާހަގަކުރަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނިންމައިފި އެވެ.

ހިންނަވަރު ކައުންސިލާ ގުޅިގެން އެރަށުގައި އީދުގެ ހަރަކާތްތައް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާނީ މި އޮގަސްޓް މަހުގެ 11 އަދި 12 ވަނަ ދުވަހު ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އީދު ފާހަގަކުރާ ރަށަކަށް ހިންނަވަރު ހަމަޖެއްސީ މިނިސްޓްރީއާ ގުޅިގެން އީދުފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެދި ކައުންސިލްތަކަށް ފޮނުވި ސާކިއުލައާ ގުޅިގެން ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށައެޅި ރަށަކީ ހިންނަވަރު ކަމަށްވާތީ ކަމަށް ވެސް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

އެ ފުރުސަތުގައި ހަ މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރުމަށް ޝައުޤުވެރިކަން ފާޅު ކުރި ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ ހިންނަވަރުގައި އީދު ފާހަގަކުރަން ނިންމުމުގެ ކުރިން މިނިސްޓްރީގެ ޓީމެއް ވަނީ އެރަށަށް ޒިޔާރަތްކޮށް މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިިލުވާފައިވާ ކަމަށެވެ.

ހިންނަވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ހަރަކާތްތައް ވެސް ހިމެނޭ ގޮތަށެވެ.

ހިންނަވަރުގައި އީދު ފާހަގަކުރުމަށް އެރަށުގެ ރައްޔިތުން މިހާރު ތައްޔާރުވާން ފަށާފައިވާ އިރު އޭގެ ތެރޭގައި ދަނޑިޖެހުމާއި ބަނޑިޔާޖެހުން ފަދަ ކުޅިވަރުތައް އީދުގައި ފެންނާނެ އެވެ.

ހިންނަވަރުގައި ކުރިއަށްގެންދާ އީދު ކުޅިވަރުތައް ވަގުތުން ދެއްކުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހިންނަވަރަކީ އަބަދު ވެސް ބޮޑު އީދުގައި ފޯރިނަގާ ރަށެކެވެ.

comment ކޮމެންޓް