މޯލްޑިވިއަންއަށް އެއާ ބަސް އޭ330 ދެ ބޯޓު ގެންނަނީ

މޯލްޑިވިއަންގެ ބޯޓެއް -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ގައުމީ އެއާލައިން މޯލްޑިވިއަންއިން އެއާބަސް އޭ 330 ގެ ދެބޯޓު ގެންނަން ނިންމައިފިއެވެ.

މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް "ސަން" އަށް ވިދާޅުވީ އެ އެއާލައިންއަށް އެއާބަސްގެ އޭ 330 ގެ ބޯޓުތަައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގެނައުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއާބަސް ކުންފުނިން 1994 އެންމެ ފުރަތަަަ ހިދުމަތަށް ނެރުނު އޭ 330 ބޯޓަކީ 335 ފަސެންޖަރު އުފުލޭ ވަރުގެ ބޯޓެކެވެ. އަދި އޭގައި 70 ޓަނުގެ ކާގޯ އުފުލުމުގެ ކުޅަދާނަކަން ލިބިފައިވެއެެވެ.

އެ ބޯޓުތައް ގެނައުމުން އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށްވެސް ހަމަޖެހިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ އެއާލައިންއިން މިހާރު އޮޕަރޭޓް ކުރަމުންދާ ބޯޓުތަކުގެ ތެރޭގައި ޑޭޝް8-200 މަރުކާގެ ދެ ބޯޓާއި ޑޭޝް8-300 މަރުކާގެ އަށް ބޯޓާއި އެއާބަސް އޭ 320 މަރުކާގެ އެއް ބޯޓާއި އެއާބަސް އޭ 321 މަރުކާގެ އެއް ބޯޓް އަދި ޑީއެޗްސީ ޓްވިން އޮޓާގެ 11 ބޯޓު ހިމެނެއެވެ.

comment ކޮމެންޓް