ރޮނާލްޑޯ ބޭނުން ވަނީ އެނބުރި ރެއާލަށް ދާން

ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރުގެ ތެރެއިން- ފޮޓޯ: ގޯލް

ޔުވެންޓަސްގެ ހުނަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރީ އޭނާގެ ކުރީގެ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ދިއުމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ރޮނާލްޑޯ ވަނީ ރެއާލް ދޫކޮށް އިޓާލިއަން ލީގުގެ ރެކޯޑް އަގަކަށް ޔުވެންޓަސްއާ ގުޅިފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސްފަހަރެއްގެ މަތިން މީގެ ކުރިން ހޯދި ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވާން ނިންމީ އައު ޗެލެންޖެއް ހޯދުމުގެ ގޮތުން ކަމަށް އޭނާ ބުނެފައިވާ އިރު އޭނާ ދިއުމުން ރެއާލް މެޑްރިޑަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ޔުވެންޓަސްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ/ ގޯލް ޑޮޓް ކޮމް

އެގޮތުން ވޭތުވެ ދިޔަ ސީޒަން ރެއާލުން ހުސް އަތާ ނިންމާލި އިރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ވިދިވިދިގެން އަށް ވަނަ ފަހަރު އިޓާލިއަން ލީގު ތަށި ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯ މިހާތަނަށް ހޯދި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދީ ވެސް ރެއާލް މެޑްރިޑްގައި އޭނާ ކުޅުނު ދުވަސްވަރު އެވެ. އޭނާ ވަނީ އެ ޓީމަށް 438 މެޗު ކުޅެދިން އިރު 450 ގޯލު ޖަހައިފަ އެވެ. މިއީ އެ ކުލަބުގެ ރެކޯޑެކެވެ. އަދި އޭނާ ވަނީ އެ ކުލަބާ އެކު ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ޓްރޮފީ ވެސް ފަސް ފަހަރެއްގެ މަތިން ހޯދައިފަ އެވެ.

މީގެ އިތުރުން ރޮނާލްޑޯ އަންނަނީ ޔުވެންޓަސްއަށް ބަދަލުވި ފަހުން ވެސް އޭނާ ޖަހަމުން އައި ގިނަ ގޯލުތައް ޖެހުމުގެ ފޯމު ދަމަހައްޓަމުންނެވެ. ނަމަވެސް ރޮނާލްޑޯ މިފަހުން ދިން އިންޓަވިއުއެއްގައި ވަނީ އޭނާ އަދި ރެއާލް މެޑްރިޑަށް އެނބުރި ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ކުރީގެ ދެކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް މަތިން ވަރަށް ބޮޑަށް ހަނދާންވޭ. އަދި ހާއްސަކޮޑް އަހަރެންގެ ދަރިން އުފަންވި މެޑްރިޑަކީ އަހަރެންގެ ހިތުގައި އެންމެ ހާއްސަ ގަދަރެއް ދެވިފައިވާ އެއްތަން،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ އޭނަގެ ހަޔާތުގައި ހޯދި އެންމެ ބޮޑެތި ކާމިޔާބީތައް ވެސް ހޯދީ މެޑްރިޑުގައި ކަމަށާއި އެއީ އޭނަ އަބަދުވެސް އެންމެ ލޯބި ވާނެ ތަން ކަމުގަ އެވެ.

"އަހަރެން ކައިރި މުސްތަގުބަލެއްގައި އެނބުރި ރެއާލަށް ދިއުމުގެ ވިސްނުން އެބަހުރި. އެއީ އަހަރެންގެ ހަޔާތުގައި ވެސް އެންމެ ހާއްސަ ކުލަބު."

comment ކޮމެންޓް