ހައްޖާޖީން ޓްރެކިން އެޕް ބޭނުން ކުރަން އިލްތިމާސްކޮށްފި

ހައްޖާޖީންގެ ފޯނުތަކުގައި ޓްރެކިން އެޕް ބޭނުންކުރުމަށް ސައުދީގައި ހުންނަ ދިވެހި އެމްބަސީއިން ހައްޖަށް މީހުން ގެންދާ ގްރޫޕްތަކާއި ކުންފުނިތަކަށް އިލްތިމާސްކޮށްފި އެވެ.

އެމްބަސީއިން މިގޮތަށް އިލްތިމާސްކުރީ ކޮންމެ އަހަރަކުވެސް ހައްޖު މޫސުމުގައި ބައެއް ދިވެހިން ގެއްލިގެން ހޯދަން ޖެހޭތީ، އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމުގެ މަގުސަދުގައެވެ.

ސައުދީގައި ހުންނަ ދިވެހި އެމްބަސީއިން ބުނީ ހައްޖާޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ޓީމެއް ޖިއްދާ އަދި މައްކާގައި ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

އަދި ދިމާވާ އެމަޖަންސީ ތަކުގައި އެމްބަސީއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ ކަންތައް ބެލެހެއްޓުމަށް ދިވެހި ހައްޖު މިޝަނުގެ އޮފީސް ސައުދީގައި ގާއިމްކޮށްފައި ވާއިރު، ހާޖީންގެ ކަންތައް ގާތުން ބަލައި މޮނީޓާކުރުމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން ދާނެއެވެ.

މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖަށް ދާނެއެވެ. ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕު ފުރާފައި ވަނީ ޖުލައި 21 ގައެވެ. އެއީ ޒައީ ގްރޫޕްގައި ހަވާލުގައި ހައްޖަށް ދިޔަ 84 މީހުންނެވެ.

މިހާރު ފަސް ގްރޫޕެއްގެ ހަވާލުގައި ދާ މީހުން ހައްޖަށް ފުރާފައި ވާއިރު އެންމެ ފަހު ގްރޫޕު ފުރުމަށް ހަމަޖެހިފައި ވަނީ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހު އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އޮގަސްޓު 10 ވާ ހޮނިހިރު ދުވަހެވެ.

comment ކޮމެންޓް