ރެޑް ކާޕެޓް ހަފްލާއަކާއެކު މުއާގެ "ލީނާ" ޕްރިމިއާކޮށްފި

ލީނާގެ ޕްރެމިއާ ރެޑްކާޕެޓް -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ރެޑް ކާޕެޓް ހަފްލާ އަކާ އެކު ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ)ގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" ރޭ ޕްރިމިއާކޮށްފިއެވެ.

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާވެގެން ތައްޔާރުކުރި އެ ފިލްމު ޕްރިމިއާ ކޮށްދެއްވީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހއ. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.

ފިލްމު ޕްރިމިއާކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މުހައްމަދު އަބްދުﷲ ވިދާޅުވީ ފިލްމީ ދާއިރާގެ ކޮންމެ މަސައްކަތަކީ ލޯބިވާ މަސައްކަތެއް ކަމަށާއި މުއާގެ ފުރަތަމަ ފީޗާ ފިލްމު ޕްރިމިއާކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ.

ލީނާގެ ޕްރެމިއާ ރެޑްކާޕެޓް -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

"ލީނާއަކީ ވަރަށް ދުވަހުގެ މަސައްކަތް. މުއާއާއި އަޅުގަނޑަކީވެސް އަސްލު ހާދިސާތަކަށް ފިލްމު ހެދުމަށް ވަރަށް ޝައުގުވެރިވާ މީހުން،"

"ލީނާ"ގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާ މަރިޔަމް އައްޒައެވެ. އައްޒަ ފެންނާނީ ލީނާގެ ރޯލުންނެވެ. އަދި ލީނާގެ ގާތިލް ޒުހައިރުގެ ރޯލުން ފެންނާނީ މުއާއެވެ.

ހަފްލާގައި ވާހަކަދައްކަމުން މުއާ ބުނީ ފިލްމުގައި ހުރިހާ ގޮތަކުން އެއްބާރުލުން ދިން ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ހާއްސަކޮށް ފިލްމުގެ ލީޑު ތަރި މަރިޔަމް އައްޒަ ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށްވެސް މުއާ ބުންޏެވެ.

"ފިލްމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިނީ މަރިޔަމް އައްޒަ، ފިލްމުގެ އެކްޓްރެސްއެއްގެ ހައިސިއްޔަތުން. ތިއީ ހަމަ ރަން މުތެއް،"

ލީނާގެ ޕްރެމިއާ ރެޑްކާޕެޓް -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ހިމެނެއެވެ.

ލީނާގެ ޕްރެމިއާ ރެޑްކާޕެޓް -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

ލީނާގެ 15 ޝޯ ވަނީ އޮލިމްޕަހުގައި ދައްކަން ނިންމާފައެވެ. ފިލްމުގެ ޓިކެޓް މިހާރުވެސް އޮލިމްޕަސް ކައުންޓަރުން ލިބޭނެއެވެ.

ފިލްމު ބެލުމަށްފަހު ނުކުތް ބެލުންތެރިއަކާ ސުވާލުކޮށްލުމުން ބުނީ ފިލްމު ރަނގަޅު ކަމަށެވެ.

"ފިލްމު އޯކޭ. ނުޒުހަތުގެ އެކްޓިން އަށް ސާބަސް. ފިލްމުގެ އެންމެ ސަޅި އެއް ކަންތައް އެއީ ނުޒޫ. އައްޒަ އަސްލުވެސް ވަރަށް އިނޮސެންޓް. ރަނގަޅު މަސައްކަތެއް،"

comment ކޮމެންޓް