ކޫއްޑޫއާއި ފެލިވަރުގެ ކެޕޭސިޓީ ބޮޑު ކުރުމަށް ފަންޑު ހޯދަނީ

ޒަހާ ވަހީދު އިއްޔެ ކޮމިޓީގައި: ކޫއްޑޫ-ފެލިވަރުގެ ކެޕޭސިޓީ ބޮޑު ކުރުމަށް ފަންޑު ހޯދާ ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ސަރުކާރު މަސް ކުންފުނި، މިފްކޯގެ ދަށުން ހިންގަމުން އަންނަ، ކޫއްޑޫއާއި ފެލިވަރުގެ ކެޕޭސިޓީ ބޮޑުކުރުމަށް ފަންޑު ހޯދަމުންދާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ޒަހާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، މަސް ފިނިކޮށްގެން ބޭރަށް އެކްސްޕޯޓުކުރުން މުޅިން ހުއްޓާލައި، ވެލިއު އެޑެޑް ޕްރޮޑަކްޓްސްގެ ގޮތުގައި ބާޒާރަށް ނެރުން ކަމަށެވެ.

"އަދިވެސް މަސް ފިނިކޮށްގެން ބޭރަށް ދާނެ. ވަގުތުކޮޅެއް ނަގާނެ ކަންތައްތައް ހައްލު ކުރަން. މިހާރުވެސް އަޅުގަނޑުމެން މިދަނީ ފެލިވަރު، ކޫއްޑޫގައިވެސް އިތުރު ފެސިލިޓީޒް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޕްރޮޖެކްޓްތައް އެކުލަވާލަމުން،" ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ، މާ ލަސްތަކެއް ނުވެ ކުއްޑޫ، ފެލިވަރުގައި އިތުރު ވަސީލަތްތައް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި އެއީ ކޮންކޮން ވަސީލަތްތަކެއް ކަމެއް ޒަހާ ވިދާޅެއް ނުވެއެވެ. އަދި އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ނުދެއްވައެވެ.

ކޫއްޑޫ ބޭނުން ކުރަމުން އަންނަނީ މަސް ކިރާ، މަސް ފިނިކޮށް އަދި މަސް ގުދަން ކުރާ ކާރުހާނާއެއްގެ ގޮތުގައެވެ. ފެލިވަރުގައި އެ ހުރިހާ ހިދުމަތާއެކު ދަޅުގައި މަސް ބަންދުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުރެއެވެ. ނަމަވެސް އެތަނުގައި ދަޅުގައި ބަންދުކުރެވެނީ ދުވާލަކު 50 ޓަނުގެ މަހެއެވެ. އެއީ މިފްކޯއަށް ކިރާ މަހުގެ ވަރަށް ކުޑަ ޕަސަންޓެކެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މި މަހު 12 ވަނަ ދުވަހު، ގދ. ތިނަދޫގައި ބޭއްވި "ޖަޒީރާ ހޮޅުއަށި"ގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ، މިފްކޯއިން ގަންނަ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރަނީ 28-30 ޕަސެންޓާ ދެމެދުގެ މަސް ކަމަށެވެ.

ރައީސް ވިދާޅުވީ، މިފްކޯއަށް ގަންނަ މަސް ދަޅުގައި ބަންދުކޮށްގެން ރާއްޖޭއިން ބޭރު ކުރާނަމަ މިހާރު ލިބޭ އަގަށް ވުރެ ބޮޑު އަގެއް ލިބިގެންދާނެ ކަމަށާއި، އޭރުން މިފްކޯއިން މަސް ގަންނަ އަގުވެސް ބޮޑުވެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ފެލިވަރުގެ ކެޕޭސިޓީ ބޮޑުކޮށް ކޫއްޑޫ އަދި ތިނަދޫގައި މަސް ބަންދުކުރާ ފެކްޓްރީ އެއް ގާއިމު ކުރުމުގެ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހު އޭރު ވިދާޅުވިއެވެ

comment ކޮމެންޓް